ކުޅިވަރު

ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓައިފި

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓަން އެފްއޭއެމްގެ ކޮންގްރެސްގައި ކުލަބުތަކުން ވޯޓް ދީފި އެވެ.

ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ސަސްޕެންޝަނާ ބެހޭގޮތުން ގޮތެއް ނިންމަން ވޯޓަށް އެހުމުން، ބުރާސްފަތި ދުވަހު ބޭއްވި ކޮންގްރެސްގައި ހާޒިރުވި ކުލަބުތަކުގެ ތެރެއިން ދެ ކުލަބެއް ފިޔަވައި އެހެން ހުރިހާ ކުލަބަކުން ވޯޓް ދިނީ ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަން ދެން އަންނަ ކޮންގްރެސް އަކާ ހަމައަށް ވެސް ދެމެހެއްޓުމަށެވެ.

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އެ ކުލަބު ސަސްޕެންޑް ކުރީ ލޯކަލް 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ ފައިސާ ނުދީ ހުރި ކަމަށް ބުނެ އެވެ. އެހެން ނަމަވެސް ނިއު ރޭޑިއަންޓުން ތުހުމަތު ކުރަނީ އެ ކުލަބު ސަސްޕެންޑް ކުރީ އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ގަރާރު ހުށަހަޅަން އުޅުމުން ކަމަށެވެ.

މިދިޔަ ސީޒަނަކީ، 40 އަހަރަށް ފަހު ނިއު ރޭޑިއަންޓްގެ އެއްވެސް ބައިވެރި ވުމަކާއި ނުލައި ރާއްޖޭގައި ކުޅުނު ސީޒަނެކެވެ. ސީޒަންގެ ވަކި ހިސާބަކުން ވިކްޓަރީ ވެސް ސަސްޕެންޑް ކުރި އެވެ. އެ ޓީމު ސަސްޕެންޑް ކުރީ މެޗުތަކަށް ހާޒިރު ނުވާ މައްސަލަ ތަކުރާރު ވުމުންނާއި، ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ ހުރުމުގެ އިތުރަށް އޭއެފްސީ ކުލަބު ލައިސެންސްގެ މަރުހަލާތައް ފުރިހަމަ ކުރުމަށް ތަކުރާރުކޮށް ދިން ފުރުސަތުގައި ވެސް އެކަން ފުރިހަމަ ކޮށްފައި ނުވުމުންނެވެ.