ކުޅިވަރު

އަށް މަސް ފަހުން އިމްރާނަށް ފައިސާ ދީފި

ނިއު ރޭޑިއަންޓުން މުސާރަ ނުދިނުމުން މައްސަލަ ހުށަހެޅި އެހެން ކުޅުންތެރިންނަށް ފައިސާ ދިންތާ އަށް މަސް ފަހުން، ކުރީގެ ކީޕަރު އިމްރާން މުހައްމަދަށް އެފްއޭއެމުން ފައިސާ ދީފި އެވެ.

އެފްއޭއެމުން ފައިސާ ދީފައިވަނީ، 2018 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ދޭން ޖެހޭ އިނާމު ފައިސާގެ ތެރެއިންނެވެ. އިމްރާން ފިޔަވައި މައްސަލަ ހުށަހެޅި އެހެން ކުޅުންތެރިންނަށް އިނާމު ފައިސާގެ ތެރެއިން މިންވަރެއް ދީ އެކަން އެފްއޭއެމުން ނިއުއަށް އަންގާފައި ވަނީ މިދިޔަ އަހަރު ޖޫން މަހު އެވެ.

ޖޫން، 12 ވަނަ ދުވަހު އެފްއޭއެމުން ނިއު ރޭޑިއަންޓަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އިނާމު ފައިސާގެ ގޮތުގައި އެފްއޭއެމުން ދޭން ޖެހޭ 300،000 ރުފިޔާ، މައްސަލަ ހުށަހަޅާފައިވާ 10 ކުޅުންތެރިންގެ މެދުގައި ހަމަހަމައަށް ބަހާފައިވާ ކަމަށެވެ.

ކުޅުންތެރިންގެ މެދުގައި ހަމަހަމައަށް އެފައިސާ ބެހުމުން ވަނީ ކޮންމެ ކުޅުންތެރިޔަކަށް 30،000 ރުފިޔާ އެވެ. ނިއުއިން ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން، އެންމެ ކުރިން މައްސަލަ އެފްއޭއެމްއަށް ވެއްދީ އިމްރާން އެވެ. ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް އިމްރާނަށް ފައިސާ ދީފައެއް ނުވެ އެވެ.

އިމްރާންއަށް ފައިސާ ނުދީ ލަސްވި ސަބަބާ ބެހޭ ގޮތުން އެފްއޭއެމުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިމްރާން ބުނެފައި ވަނީ ކުޅުންތެރިންގެ މެދުގައި އެފްއޭއެމުން ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށެވެ. އޭނާ އިތުރަށް ބުނެފައި ވަނީި ހުރިހާ ކުޅުންތެރިންނާ މެދުވެސް ހަމަހަމަކޮށް ކަންކަން ކުރާނަމަ ކުޅުންތެރިންނަށް ވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށާއި އަދި އެފްއޭއެމްގެ އިމޭޖު ވެސް ރީތިވެގެން ދާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ މަތީ ލެވަލްގައި 20 އަހަރު ވަންދެން ފުޓްބޯޅަ ކުޅުމަށް ފަހު އިމްރާން ވަނީ މިދިޔަ މަހު ރިޓަޔާ ކޮށްފަ އެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮގުން މި އަހަރު ގައުމީ އިނާމު ހާސިލު ކުރި އިމްރާން ވަނީ 17 އަހަރު ވަންދެެން ގައުމީ ޓީމުގެ އެއް ވަނަ ކީޕަރުގެ މަގާމު ފުރާފަ އެވެ.

ފުޓްބޯޅައިން ރާއްޖެއިން ފުރަތަމަ ތައްޓެއް ހޯދިއިރު އިމްރާން ވަނީ ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.