ނިއުރޭޑިއަންޓް

ނިއުގެ ސަސްޕެންޝަން: ކޮމިޓީގެ ނިންމުމަށް ރިއާޔަތް ނުކުރޭ

އެފްއޭއެމްގެ އެކްސްކޯއިން ނިއު ރޭޑިއަންޓާ ދެކޮޅަށް އެޅި ސަސްޕެންޝަންގެ ފިޔަވަޅު، ދެމެހެއްޓުމަށް ކޮންގްރެސްއިން ނިންމުމުގައި، އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ފާހަގަ ކޮށްފައިވާ ކަންކަންކަމަށް ރިއާޔަތް ކޮށްފައި ނުވާކަން ފާހަގަ ކުރެވިޖެ އެވެ.

ނިއު ރޭޑިއަންޓަށް ކުޅުނު ދިވެހި ކުޅުންތެރިގެ ތެރެއިން 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން، އެ ކުލަބު ސަސްޕެންޑް ކުރުމަށް ނިންމީ މި އަހަރު ޖަނަވަރީ މަހު އެވެ. އެކްސްކޯގެ ނިންމުން، މިދިޔަ ހޯމަ ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްއާ ހަމައަށް ދެމިއޮތެވެ.

އެ މައްސަލަ ކޮންގްރެސްގައި އެޖެންޑާ ކޮށްފައި ވުމުން، ނިއު ރޭޑިއަންޓްގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމުމަށް ކޮންގްރެސްގައި ވޯޓަށް އެހުމުން، ހާޒިރުވެ ތިބި 14 ކުލަބުގެ ތެރެއިން ދެ ކުލަބު ފިޔަވައި އަނެއް 12 ކުލަބުން ވޯޓް ދީފައި ވަނީ، ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ސަސްޕެންޝަން އުވާލުމަށް ވޯޓް ދިފައި ވަނީ، ނިއުގެ ކުރީގެ ވާދަ ވެރިޔާ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

ސަސްޕެންޝަން އެގޮތުގައި ދަމަހައްޓަން ކޮންގްރެސްގައި ފާސް ކުރި އިރު، އެފްއޭއެމްގެ ޕެލޭޔާ ސްޓޭޓަސް ކޮމިޓީން ވަނީ ނިއު ރޭޑިއަންޓްގެ ކުޅުންތެރިންނަށް މުސާރަ ދިނުމަށް 30 ދުވަހުގެ މުއްދަތެއް މި މަހު 13 ވަނަ ދުވަހު ދީފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ނިއު އިން މުސާރަ ނުދިނުމުން މައްސަލަ ހުށަހެޅި 10 ކުޅުންތެރިންގެ ތެރެއިން، އަލީ އަޝްފާގް 'ދަގަނޑޭ' އަށް މުސާރަ ދިނުމަށް އޮތް މުއްދަތު ހަމަވާނީ، އޭގެ ހަތަރު ދުވަސް ފަހުން، އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހާރު މީވީ ގޮތުން، ޕެލޭޔާ ސްޓޭޓަސް ކޮމިޓީން ދީފައިވާ މުއްދަތުގެ ކުރިން ކުޅުންތެރިން ގެ މުސާރަ ހަލާސް ކުރި ނަމަވެސް ނިއު ރޭޑިއަންޓަށް ސަސްޕެންޝަނުން ވީއްލޭނެ ގޮތެއް ނެތެވެ.

ހޯމަ ދުވަހު ބޭއްވި ކޮންގްރެސްގައި، ނިއު ރޭޑިއަންޓްގެ ސަސްޕެންޝަންގެ މައްސަލަ އާ ބެހޭގޮތުން ޝުއޫރު ފާޅުކޮށް ވާހަކަ ދެއްކީ، ވިކްޓަރީން ނާއި ޓީސީ ސްޕޯޓްސް ކުލަބުންނެވެ. ވިކްޓަރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ވިދާޅުވީ، މުސާރައިގެ މައްސަލަ ދިމާވެފައި ވަނީ ނިއު ރޭޑިއަންޓަށް އެކަނި ނޫން ކަމަށާއި ވިކްޓަރީއަށްވެސް އެ މައްސަލަ ދިމާވެފައިވާ ކަމަށެވެ. އެހެންވެ ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމަށް ނެފެންނަ ކަމަށެވެ.

ޓީސީ ތަމްސީލު ކުރެއްވި، އެ ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު 'ޑޭވް' ވިދާޅުވީ ކުޅުންތެރިންގެ ހައްގުގައި ނިއު ރޭޑިއަންޓް ސަސްޕެންޝަނުގައި ބާއްވަން އޭނާ ތައީދު ކުރައްވާ ކަމަށެވެ.

"ކުޅުންތެރިންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކުރިއަށް އޮތް ތަނަށް އެކުޅުންތެރިންގެ ރައިޓްސް އަށް ފައިޓް ކުރުމަށްޓަކައި، ރާއްޖޭގެ ޖަޔަންޓް ކަމަށް އެންމެން ބުނާ ކުލަބެއްގެ ސަސްޕެންޝަން އެގޮތުގައި ހިފަހައްޓާލެވިއްޖެއްޔާ." ޑޭވް ވިދާޅުވެފައި ވެ އެވެ. "ޓީސީ ސްޕޯޓްސް ކުލަބުން އެދެނީ ކިތަންމެ ދުވަސްވީ ކުލަބަކަށްވިޔަސް، ވިކްޓަރީއަށް ވިޔަސް އީގަލްސްއަށް ވިޔަސް މާޒިޔާއަށް ވިޔަސް އަޅުގަނޑުމެން ޓީސީ ސްޕޯޓްސް ކުލަބުން އެދެނީ، މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅަން."

ކޮންގްރެސްގައި، ކޮމިޓީން ނިންމާފައިވާ ނިންމުމާ ބެހޭގޮތުން އަޅިއަޅުވާލަފައިވެސް ނުވެ އެވެ. ނިއު ސަސްޕެންޑް ކުރީ 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ. އެހެންނަމަވެސް، ޕްލޭއާ ސްޓޭޓަސް ކޮމިޓީން ނިއު އަށް ފޮނުވާފައިވާ ސިޓީ ތަކުގައި ހާމަކޮށްފައިވާ ގޮތުން، މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނަށް ދޭން ޖެހޭނީ 2.4 މިލިއަން ރުފިޔާކަން ހިސާބުތަކުން އެނގެ އެވެ.

ނިއު ރޭޑިއަންޓްގެ އޮފިޝަލަކު ވިދާޅުވީ، ކޮންގްރެސްއިން އެ ކުލަބު ސަސްޕެންޝަން ދެމެހެއްޓީ، ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ދީފައިވާ މުއްދަތުގައި އެ ކުޅުންތެރިންގެ މުސާރަ އަދާ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ސަސްޕެންޑް ކުރި ނަމަވެސް، ޕްލޭޔާ ސްޓޭޓަސް ކޮމިޓީން މުއްދަތު ދެމުންދާނެ ކަމަށާއި، އެއީ ސަސްޕެންޝަނާ ގުޅުން އޮންނަ ސަބަބެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އަޝްފާގްގެ މުސާރަ ދިނުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ނިއު ރޭޑިއަންޓަށް މުއްދަތު ދީ އަންގަމުންދާ ކަމަށެވެ.

ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީވެސް ތަކުރާރުކޮށް ދެމުން އައި މުއްދަތުތައް ފަހަނައަޅައި ދިއުމުންވެސް، މުސާރައިގެ މައްސަލަ ހައްލުކޮށް ނުދީ އޮތުމުން ކަމަށެވެ.

"މިހާރު ދީފައިވާ މުއްދަތު ފަހަނައަޅައި ދިއުމަށް ފަހުވެސް ޕްލޭޔާ ސްޓޭޓަސް ކޮމިޓީން، އަނެއްކާވެސް މުއްދަތު ދޭނެ މުސާރަ އަދާ ކުރަން، ސަސްޕެންޝަނާ ހަމައަށް ދިޔައީވެސް މިދިޔަ އަހަރުން ފެށިގެން ދެމުން އައި މުއްދަތުތައް ތަކުރާރުކޮށް ފަހަނައަޅައި ދިއުމުން،" ޖަވާޒު ވިދާޅުވި އެވެ. "އެއީ ސަސްޕެންޝަނާ ގުޅުން ހުރި ކަމެއް ނޫން، ކޮމިޓީން އަބަދުވެސް މުއްދަތު ދެމުން ދާނެ."

"ނިއުއަށް ހެޔޮއެދޭ ފަރާތްތަކާއި ކުންފުނިތަކާ އެކު، މަޖިލީހުގެ އިންތިހާބަށް ފަހު ބައްދަލު ކުރުމަށް އަޅުގަނޑުމެން ވާނީ ހަމަޖައްސާފަ، ކުޅުންތެރިންގެ މުސާރައިގެ ކަންކަން ހައްލު ކުރުމަށްޓަކައި،" ނިއުގެ އޮފިޝަލް ވިދާޅުވި އެވެ. "އެ މުއްދަތު ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ދީފައި އޮއްވައި، ސަސްޕެންޝަންގެ ފިޔަވަޅު ދަމަހައްޓަން ކޮންގްރެސްއިން ނިންމުމަކީ ވަރަށް ހިތާމަވެރި ކަމެއް."

އެފްއޭއެމުން ބުނީ، ނިއު އިން ކުޅުންތެރިންގެ މުސާރަ އަދާ ކުރިނަމަވެސް، ދެން ސަސްޕެންޝަންގެ ފިޔަވަޅު އުވިގެން ދާނީ، އަނެއްކާވެސް ކޮންގްރެސްގެ ނިންމުމަކުން ކަމަށެވެ. ކޮންގްރެސްއެއް ބޭއްވި ނިންމުމެއް ނިމެންދެން މަޑު ކުރާނަމަ، އަންނަ އަހަރަށް މަޑުކުރަން ޖެހޭނެ އެވެ. ދެން އެފްއޭއެމްގެ އާންމު ކޮންގްރެސް އޮންނާނީ، އަންނަ އަހަރު އެވެ.

ކުރިއަށް އޮތް ސީޒަންގައި، އެފްއޭއެމުން ރާވާ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ނިއު ރޭޑިއަންޓަށް ތަމްސީލު ނުކުރެވޭނެ އެވެ. ދިވެހި ޕްރިމިއާ ލީގް ގައި ނިއުއަށް ލިބޭނެ ޖާގަ ލިބުން އެންމެ ގާތީ ކުލަބު ވެލެންސިއާ އަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރުމުގެ ފުރުސަތު ދޭނީ ރޭންކަށް ބެލުމަށް ފަހު ގައި ކަމަށެވެ.

"ރޭންކަށް ބަލައިފިއްޔާ އަޅުގަނޑަށް ހީވަނީ ކުލަބު ވެލެންސިއާއަށް ހެން ފުރުސަތު ލިބިގެން ދާނީ،" މިދިޔަ ހޯމަ ދުވަހު ބޭއްވި ކޮންގްރެސްއަށް ފަހު ނުސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވެ ފައިވެ އެވެ. "އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުގައި ވެސް މަޝްވަރާ ކުރެވިފައި ވަނީ، އެހެން ނަމަވެސް މިހަފުތާގައި ޓެކްނިކަލް ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނީ."

ކުރިއަށް އޮތް ސީޒަނާ، ދިވެހި ފުޓްބޯޅަ ކުރިމަތި ލަނީ، 40 އަހަރަށް ފަހު ނިއު ރޭޑިއަންޓާ ނުލަ އެވެ. ފުޓްބޯޅައިގެ ފަރާތްތަކުން ދަނީ ނިއުއަށް އެލީ ފިޔަވަޅާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.