ބޮލީވުޑް

"ހައުސްފުލް 4"އަށް ޖޯނީ ލީވާގެ ދަރިފުޅު

ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ފިލްމު ސީރީޒް، "ހައުސްފުލް 4"ގެ ޓީމަށް ކޮމެޑީ އެކްޓަރު ޖޯނީ ލީވާ އާއި އޭނާގެ އަންހެން ދަރިފުޅު ޖޭމީ ލީވާ ގުޅިއްޖެ އެވެ.

ޖޭމީ ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ޓީވީން ފެނިފަ އެވެ. ސޮނީ އެންޓަޓެއިންމަންޓުގެ ޝޯ "ކޮމެޑީ ސާކަސް" ކަހަލަ ކޮމެޑީ ޝޯތަކުން އޭނާގެ ބައްޕަ އާއެކު ފެނިގެން ދިޔަ އެވެ. އަދި ޖޯނީއެކޭ އެއްފަދައިން އޭނާއަކީ ވެސް ކޮމެޑީ މީހެއް ކަމަށް ބެލުންތެރިން ބުނެ އެެވެ. ޓީވީ ޝޯތަކުގައި ހާއްސަ މެހެމާނެއް ގޮތަށް ދެމީހުން އެކުގައި ފެނުނަސް "ހައުސްފުލް 4" ވެގެން ދާނީ އޭނާ ބައްޕައާއެކު ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ.

ކޮމެޑީ ފިލްމު "ހައުސްފުލް 4" ގެ ކާސްޓާ، ޖޯނީގެ ދެބަފައިން ގުޅިފައިވާއިރު މި ފިިލްމުގައި ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ. އެގޮތުން، އަކްޝޭ އާއި ރިތޭޝް، ކްރިތީ ސެނޮން އަދި ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ސަންޖޭ ދަތާއި، ބޮބީ ޑިއޯލް ވެސް ފެނިގެންދާނެ އެވެ. މި ކާސްޓާ ގުޅިފައިވާއިރު، އެދެމީހުން ފިލްމުގައި ވަރަށް މުހިންމު ބަޔަކުން ފެނިގެންދާނެ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.

ފަރުހާދު ސަމްޖުހީ ޑައިރެކްޓުކުރާ "ހައުސްފުލް 4" ނެރުމަށް ނިންމާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އުމުރުން 61 އަހަރުގެ ޖޯނީ ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގެ ކޮމެޑީ ރޯލު އަދާ ކޮށްފައެވެ. އޭގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ" އާއި "ބާޒިގަރް" ފަދަ ފިލްމުތައް ހިމެނެ އެވެ. އަދި "ހައުސްފުލް 4"ގައި ޖޯނީ އާއި އޭނާގެ ދަރިފުޅު އެކުގައި ފެނުމުން މި ފިލްމުގެ ކޮމެޑީ ބައި ދެގުނަ އިތުރު ވާނެ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ބުނަަމުންނެވެ.