ދުނިޔެ

ރާޖަޕަކްސަ އަށް އިންތިހާބުގެ ޓިކެޓް ދޭން ސިރިސޭނާ އެންމެ ފަހުން އެއްބަސްވެއްޖެ

Jul 5, 2015

އަންނަ އޮގަސްޓް މަހު ސްރީ ލަންކާގައި ބާއްވާ އާއްމު އިންތިހާބުގައި ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަށް އެންމެ ފަހުން ލިބިވަޑައިގެންފި އެވެ.

ޔޫޕީއެފްއޭ ކޯލިޝަންގެ އިތުރުން އެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ވެސް ޗެއާމަނަކީ މިހާރުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އެވެ. ރާޖަޕަކްސަ އަކީ ވެސް އެސްއެލްއެފްޕީގެ މެމްބަރެކެވެ.

ގާނޫނު ހަދާ މަޖިލީހުގައި ޔޫޕީއެފްއޭގެ ލީޑަރުކަން ނުވަތަ އެ ކޯލިޝަންގެ ފަރާތުން ބޮޑު ވަޒީރުގެ މަގާމަށް ވާދަކުރެއްވުމުގެ ފުރުސަތު ރާޖަޕަކްސަ އަށް ނުދެއްވަން ރައީސް ސިރިސޭނާ ކުރިން އޮތީ ނިންމަވާފަ އެވެ. އެކަމަކު، އިއްޔެ ވަނީ އެ ނިންމެވުން ބަދަލުކުރައްވާފަ އެވެ.

ޔޫޕީއެފްއޭގެ ޖެނެރަލް ސެކްރެޓަރީ ސުސިލް ޕްރިމަޖަންތާ ވިދާޅުވީ ރައީސް ސިރިސޭނާގެ ވިސްނުންފުޅު ބަދަލުކުރެއްވީ އެ މަނިކުފާނު ރިޔާސަތު ބެލެހެއްޓެވި ޔޫޕީއެފްއޭ ކޯލިޝަންގެ ވެރިންގެ ބައްދަލުވުމަކަށް ފަހު ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ކޯލިޝަންގެ ކެންޑިޑޭޓުންގެ ލިސްޓް ތައްޔާރު ކުރާނެ ކަމަށާއި އޭގެ ތެރޭގައި ރާޖަޕަކްސަ ވެސް ހިމަނުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ތަރުޖަމާނު ރަޖީތާ ސެނަރަތުނަ ވިދާޅުވީ ސިރިސޭނާގެ ނިންމުން ބަދަލުކުރެއްވީ، ރާޖަޕަކްސަ އަށް ޓިކެޓް ދިނުމާ މެދު ޔޫޕީއެފްއޭ ތެރޭގައި އޮތް ދެ ފެކްޝަނުގެ މެދުގައި އެއްބަސްވުމަކަށް އައުމުން ކަމަށެވެ. އެކަމަކު އެ ފުރުސަތު ރާޖަޕަކްސަ އަށް އޮންނާނީ، އޭނާ ވިދާޅުވި ގޮތުގައި، ގާނޫނު ހަދާ މަޖިލީހުގައި ޔޫޕީއެފްއޭގެ ލީޑަރަކަށް ނުވަތަ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވާ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާކަށް ނޫނެވެ.

"ހަމަ ޔޫޕީއެފްއޭގެ އާދައިގެ ކެންޑިޑޭޓެއްގެ ގޮތުގައި ރާޖަޕަކްސަ ވާދަކުރުމުގެ ހުއްދަ ރައީސް އެ ވަނީ ދެއްވާފައި،" އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސެނަރަތުނަ ވިދާޅުވި އެވެ.

ޔޫޕީއެފްއޭ ކޯލިޝަނާއި އެސްއެލްއެފްޕީގެ ވެރިޔަކަށް ރައީސް ސިރިސޭނާ މިހާރު ހުންނެވިޔަސް، މިދިޔަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރެއްވީ އެ ކޯލިޝަނާއި ޕާޓީ އަކުން ނޫނެވެ. އެއީ އޭރު އެ ކޯލިޝަނާއި ޕާޓީ ލީޑުކުރައްވަމުން ގެންދެވީ އަދި އިންތިހާބުގަައި އެ ކޯލިޝަނާއި ޕާޓީގެ ފަރާތުން ވާދަކުރެއްވީ އޭރު ރައީސަކަށް ހުންނެވި ރާޖަޕަކްސަ ކަމަށް ވާތީ އެވެ. އެހެންވެ، ސިރިސޭނާ ވެރިކަމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ މިހާރުގެ ބޮޑުވަޒީރު އަދި އޭރުގެ އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަސިންހް ލީޑުކުރައްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ންނެވެ.

ސިރިސޭނާގެ ނިންމުން ބަދަލުކުރެއްވުމާ އެކު، ޔޫއެންޕީން ވަނީ ފާޑުކިޔާފަ އެވެ. އަދި ރިޔާސީ ވައުދާ އެއްގޮތަށް ރާޖަޕަކްސަގެ ހުދުމުހުތާރުކަމާއި ކޮރަޕްޝަން ނައްތާލަން ސިރިސޭނާ މަސައްކަތް ނުކުރައްވާ ނަމަ އެ މަނިކުފާނަށް އެއްބާރުލުން ދިނުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

މިދިޔަ ޖެނުއަރީ 8 ގައި ބޭއްވި އަވަސް ރިޔާސީ އިންތިހާބުގައި ސިރިސޭނާއާ ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަށް ފަހު ރާޖަޕަކްސަ ވަނީ ދުވަސްކޮޅަކަށް ސިޔާސީ މައިދާނާ ދުރަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް، މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަނިކުފާނު ވަނީ ސިޔާސީ އެއްވުންތައް ބާއްވަވަން ފައްޓަވާފަ އެވެ. އަދި އޮގަސްޓް މަހު ބާއްވާ އާއްމު އިންތިހާބުގައި ވާދަކުރައްވާނެކަން މިދިޔަ ހަފުތާގައި ވަނީ ރަސްމީކޮށް އިއުލާންކުރައްވާފަ އެވެ.

ރާޖަޕަކްސަ އެ އިންތިހާބުގައި ވާދަކުރެއްވުމާ ދެކޮޅަށް އެ މަނިކުފާނުގެ ސަރުކާރުގެ އިސް ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އާ ސަރުކާރުން ލަންކާ އަށް ގެންނަން އުޅޭ ސިޔާސީ އިސްލާހީ ބަދަލުތަކަށް އޭގެ ސަބަބުން ހުރަސް އެޅޭނެ ކަމަށާއި މިދިޔަ ދުވަސްތަކުގައި ވެސް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އެކަން ފެނިފައިވާ ކަމަށެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންގެ ޝަކުވާ އަކީ ލަންކާގެ ދާހިލީ ހަނގުރާމައިގެ ފަހުކޮޅު ހިންގާފައިވާ ކަމަށް ބުނާ ލާއިންސާނީ އަމަލުތަކެވެ. އޭރު ވެރިކަމުގައި ހުންނެވީ ރާޖަޕަކްސަ އެވެ.

އަވަސް އާއްމު އިންތިހާބަކަށް މަގުފަހި ކުރުމަށް، ރައީސް ސިރިސޭނާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ވަނީ އުވާލައްވާފަ އެވެ. އަދި އަވަސް އިންތިހާބު އޮގަސްޓް 17 ގައި ބާއްވަން ވަނީ ނިންމާފަ އެވެ.