ފޭސްބުކްގެ ޗެޓް ލޮގްތައް ހުންނަ މެސެންޖާއަކީ ވާހަކަ ދެއްކުމަށް ގިނަ ބަޔަކު ބޭނުން ކުރާ އެޕްލިކޭޝަނެކެވެ. މެސެންޖާއިން ވާހަކަ ދައްކަން ބޭނުންވާ މީހަކު ރޭގަނޑުގެ ވަގުތެއްގައި ވާހަކަ ދައްކާނަމަ ލޮލަށް އުނދަގޫވާ ވަރަށް ފޯނުގެ އަލި ގަދަ ވާނެ އެވެ. މެސެންޖާގެ ޔޫސާ އިންޓަފޭސް ހުދު ކުލައިިގައި ހުރުމުގެ ސަބަބުން އަނދިރި ތަންތަނުގައި މެސެންޖާއިން ވާހަކަ ދެއްކުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ފޯނުގެ އަލި ކިތަންމެ ދައް ކުރި ކަމުގައި ވިޔަސް މި އަލި މަޑެއް ނުވެއެވެ.
ގިނަ ބަޔަކު ޝަކުވާ ކުރަމުންދިޔަ މި މައްސަލަ އަށް ހައްލެއް ގެނައުމަށް ފޭސްބުކް މެސެންޖާއިން "ޑާކް މޯޑް" ގެނެވޭތޯ މިދިޔަ އަހަރު ފެބްރުއަރީ އިން ފަށައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ގައުމުތަކުގައި މި އަޕްޑޭޓް ޓެސްޓު ވެސް ކުރި އެވެ. މިއަހަރު ކުރީ ކޮޅު ޑާކް މޯޑްގެ އެކި ޓެސްޓުތައް ކުރުމަށްފަހު މިހާރު މިވަނީ މި އަޕްޑޭޓް ފޯނުތަކަށް ގެނެސްފަ އެވެ.
ޑާކް މޯޑް އޮން ކުރަނީ ކިހިނެތް؟
މެސެންޖާގެ ޑާކް މޯޑް އޮން ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ މެސެންޖާއިން މީހަކަށް "ހަނދު" އިމޯޖީ އެއް ފޮނުވާނީ އެވެ. އެއަށްފަހު އެ އިމޯޖީއަށް ފިއްތާލާނީ އެވެ. އެއަށްފަހު މެސެންޖާ އެޕް ނިއްވާލާނީ އެވެ. ދެން އަނެއްކާވެސް މެސެންޖާ ހުޅުވުމަށްފަހު ކުރިން ފޮނުވި އެމޯޖީއަށް ފިތާލުމުން މެސެންޖާގެ ޑާކް މޯޑް އޮން ކުރަން މައްޗަށް އަރާނެ އެވެ. އެތަނުން އޮން ކުރުމުން މެސެންޖާ އެއްކޮށް ކަޅުކޮށްލެވޭނެ އެވެ.
މެސެންޖާއިން މި ގެނައި އަޕްޑޭޓް އާއެކު ވަރަށް ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ބުނަމުންނެވެ. ޒުވާނުންގެ މަގުބޫލު ޓްވިޓާގެ ޑާކް މޯޑް ވެސް ގިނަ މީހުން ހުންނަނީ އޮން ކޮށްފަ އެވެ. މެސެންޖާގެ މި އަޕްޑޭޓް އައިއޯސް އާއި އެންޑްރޮއިޑް ފޯނުތަކަށްވެސް ބޭނުން ކުރެވޭ އިރު ޑާކް މޯޑް އިން ރޭގަނޑު މެސެޖު ކުރާ ކުދިންނަށް ދެން ފަސޭހައިން މެސެޖު ކޮށްލެވޭނެ ކަމަށް ބެލެވެ އެވެ.