ހަބަރު

ވިޔަފާރީގެ ވާދަވެރިކަން ދެމެހެއްޓުމުގެ ބިލެއް ހުށަހަޅަނީ

Mar 3, 2019
1

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލް އެކުލަވާލާފައިވަނީ، ރާއްޖޭގައި ގާއިމުވެގެން ހިންގާ
ވިޔަފާރިތަކުގެ މެދުގައި، ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ
ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސޯދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށެވެ.

މިބިލުގައި، ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ އަމަލުތައް މަނާކުރުމާއި، މާކެޓުގައި ނުފޫޒުފޯރުވޭނޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުން މަނާކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން، އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ މާޖާއެއް' ހެދުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ހިލާފަށް ހުރަސް އެޅިގެންދާ ދިޔުން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމާބެހޭ އުސޫލުތައް އެކުލަވާލުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިބިލަކީ، ޖުމްލަ ގޮތެއްގައި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

ބިލް އިކޮނޮމިކް މިނިސްޓްރީގައި ޝާއިއުކޮށް ހިޔާލު ހުށަހަޅަން މިހާރު ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.