ހަބަރު

ނުހައްގު މުސްހަނދިކަން ހުއްޓުވާ ބިލު ފުޅާ ކުރަން ޖެހޭ: މެންބަރުން

ނުހައްގު މުސްހަނދިކަން ހުއްޓުވުމަށް ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހު މިހާރު އޮތް މިންވަރަށް ވުރެ ފުޅާ ވާން ޖެހޭ ކަމަށާއި ވަކި ގާނޫނެއް ވެސް އޮންނަން ޖެހޭ ކަމަށް އެ ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރު ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލުގެ މަގްސަދުގައި ބުންފަައި ވަނީ ދައުލަތުގެ މުއައްޒަފުންމަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީއަށް ބަލާއިރު އެ މީހުންނަށް ނުހޯދޭނެ މިންވަރަށް މުދަލާއި ފައިސާ ލިބިގަތުން ހުއްޓުވުމަށްޓަކައި ނުހައްގު މުސްހަނދިކަން ހޯދާ ލިބިގަތުން ކުށެއްގެ ގޮތުގައި ހެދުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން ދައުލަަތުގެ މުއައްޒިފަކަށް ހުރެ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރު ގާއިމްކޮށް ދެމެހެއްޓުމާއި އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އާއިލާ ނުވަތަ ޒާތީ ވިޔަފާރި އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކުކޮށްފައި ހުރުން ވަނީ ކުށެއްގެ ގޮތުގައި ހަދައިފަ އެވެ. ނަމަވެސް އެ ފަރާތެއް ދިރިއުޅުމުގެ ފެންވަރު ގާއިމްކޮށް ދަމަހައްޓަނީ ގާނޫނާ އެއްގޮތް ކަމަށްވުމާއި އެ މީހެއް ނުވަތަ އާއިލާއެއް ނުވަތަ ވިޔަފާރިއާ ގުޅުން އޮތް މީހެއްގެ ނަމުގައި މިލްކުކޮށްފައިވާ މުދާ ލިބިފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވާނަމަ އެއީ ކުށެއް ނޫން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ނުހައްގު މުސްހަނދިކަން ހޯދިކަން ކޯޓުން ސާބިތުވެއްޖެ ނަމަ އެ މުދަލަކީ ދައުވާ ލިބޭ މީހެއްގެ ނަމުގައި ހުރި މުދަލެކޭ އެއްފަދައިން އެ މީހަކަށް ނިސްބަތް ކުރެވޭނެ މުދަލެއްގެ ގޮތުގައި ބަލައި މުދާތައް ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި ނުހައްގު މުސްހަނދިކަން ހޯދާފައި ވަނީ ރައިސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރެއް ނުވަތަ މަޖިލިސް މެންބަރެއް ނުވަތަ ފަނޑިޔާރު ކަމުގައި ހުރި ފަރާތެއް ކަމަށް ވާނަމަ އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ ނޫން ހާލަތްތަކުގައި އެއީ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެސް ބިލުގައި ބުނެފައި ވެ އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ނުހައްގު މުސްހަނދިކަމަކީ ބައިނަލްއަގުވާމީ ކޮރޮޕްޝަނާ ބެހޭ މުއާޙަދާގެ 20 ވަނަ މާއްދާގައި ބުނާ ގޮތުން ކުށެއް ކަމަށާއި ނަމަވެސް އެ މުއާހަދާ ގާނޫނީ ނިޒާމްގެ ތެރެއަށް އޭގެ ޒާތުގައި ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން އެ މުއާހަދާ އާއި އެންޓި ކޮރޮޕްޝަން ކޮންވެންޝަންގައި ހިމެނޭ ކަންކަން ވަކި ގާނޫނެއްގެ ސިފައިގައި ގެނެވެން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިކަމަކީ ސިއްރީޔާތުގައި ހިނގާ ކަމެއް. މަގާމުގައި ހުންނަ މީހެއްގެ ބާރުގައި ހުރެގެން ކުރާ ކަމެއް، މިއީ އާއިލާ ވެސް ބޭނުންކޮށްގެން ކުރާ ކަމެއް، މި ކަމަކީ ރުފިޔާ މުދަލަށް ބަދަލުކޮށްގެން ކުރާ ކަމެއް، މި ކަމަކީ ރާއްޖެއިން ބޭރަށް މުދާ ގެންގޮސްގެން ކުރާ ކަމެއް، މި ކަމަކީ ހެއްކަށާއި ހެކިންނަށް ނުފޫޒު ފޯރުވުމަށް ނުވަތަ ހުރި ލިޔުންތައް ބަދަލު ކުރުމަށް މަގު ފަހި ކުރެވޭ ގޮތަށް ކުރެވޭ ކަމެއް، މި ހުރިހާ ސަބަބަކާ ހެދި ކުށެއް ކުރިކަން ހޯދަން ވަރަށް އުނދަގޫ،" ނަޝީދު ވިދާޅުވި އެވެ.

ނުހައްގު މުސްހަނދިކަން ހަމައެކަނި ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބަދަލުގައި މަގާމްތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ފަދަ ކަންކަން ވެސް ބިލުގައި ހިމަނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ދައުލަަތުގެ މަގާމާ ހަވާލުވުމުގެ ކުރިނާއި މަގާމުގައި ހުރެގެނާއި މަގާމުން ވަކިވުމަށް ފަހު ވަކި މުއްދަތެއް ވަންދެއް ވެސް މާލީ ބަޔާން ހުށަހަޅުމަކީ ބިލަށް އިތުރު ކުރެވޭނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދަންނަވަން މި އުޅޭ ވާހަކައަކީ ހަމައެކަނި ކުށަކަށް ހަދާލުމުން އޭގެ ނިކުންނަް ކަންކަން ގޯސްވެދާނޭ ހައްލުތަކަށް ވުރެ ބޮޑަށް، އެހެން ނަމަވެސް އެއާައެކުގައި އޮންނަ ވަކި ގާނޫނެއް އައުމޭ އެންމެ ބުއްދަި ވެރި ގޮތަކަށް ވާނީ އެހެން ނަމަވެސް މިއީ ފުށުމެއް، އަޅުގަނޑުވެސް ތާއީދު ކުރާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން ވާހަކަދެއްކެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ މުސްހަނދިވެފައިވާ ބޭފުޅުންނަކީ ދައުލަަތުގެ މުއައްޒަފުންގެ ގޮތުގައި ތިބެ ބޮޑެތި ނާޖާއިޒް ފައިދާ ނަގާފަައިވާ ބައެއް ކަމަށެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކުގއި ވެސް މިފަދަ ގާނޫނުތައް ހުންނަ ކަމަށާއި ނަމަވެސް ދައުލަތުގެ މުއައްޒިފެއް ނޫން ވިޔަސް ނުހައްގު މުސްހަނދިކަން ހޯދާތޯ ބެލެވެން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންކަމަުން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ އިތުރުން އެ ދާއިރާއާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ގާނޫނެއް ހުށަހަޅަން ޖެހޭ ކަމަށެވެ.

"ދައުލަތުގެ މުއައްޒަފުން އެކަންޏެއް ނޫން އިނގޭތޯ. ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ ޑްރަގްގެ ވިޔަފާރި ކުރުން، ނުހައްގު ގޮތުގައި ޖިނާއީ ކުށްތައްކޮށްގެން ހޯދާ މުސްހަނދިކަމަކީ ވެސް ކުށެއްގެ ގޮތުގައި ވާން އެބަ ޖެހޭ، މި ރާއްޖޭގެ ޅަދަރިން ހަލާކުވެ ގައުމަށް ބޮޑު އިޖްތިމާއީ ސަބަބެއް ދިމާވި ސަބަބަކީ ވެސް ދައުލަތުގެ މުއައްޒިފުން އެކަންޏެއް ނޫން ޑްރަގް ވިޔަފާރިކޮށްގެން ފާޅުގައި އަދަބު ދެވޭނެ ގޮތެއް ނެތުން، އަދި އެފަދަ ގޮތްގޮތަށް ހޯދާފައި ހުރި ފައިސާ ދައުލަތުން ހިފެހެއްޓީމަ ވެސް ކޯޓުތަކުން ދޫކޮށްލާ މައްސަލަ،" ޝަރީފް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ކޮރޮޕްޝަން އެއްކޮށް ނައްތާލުމަށްޓަކައި ގިނަ ގައުމުތަކުގައި މިފަދަ ބަދަލުތައް ގެންނަނީ ވަކި ގާނޫނެއްގެ ތެރެއިން ކަމަށާއި އެގޮތުން ރާއްޖެއިން ވެސް އެގޮތަށް ހަދަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު އިސްލާހުގައި އޮތް މިންވަރަށް ވުރެ ތަފްސީލުކޮށް ބަޔާން ކުރަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެދުމަކީ މަޖިލީހުގެ ކޮމިޓީޣައި މި ބިލު ފޮނުވާ، އިތުރަށް ދިރާސާ ކުރުން. ދިރާސާ ކުރާއިރު އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރިއެއް ގުޅުމެއް އޮތް މުދަލާ ގުޅޭ ގޮތުން ބާރު ހިންގޭނެ ކަމަށް، އަޅުގަނޑުގެ ވާހަކައަކީ މި ކޮމިޓީގައި ބަހުސް ކުރަމުންދާ އިރު އާއިލާއަކީ ކާކުކަން އެނގެން ޖެހޭ ޒާތީ ގުޅުމެއް ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއް ކަނޑައަޅާނީ ކިހިނެތްކަން ގާނޫނުގައި ބުނެދޭން ޖެހޭ. އެއީ ހަމައެކަނި ތަހުގީގު ކުރާ މީހާއަށް ނުވަތަ ފަނޑިޔާރުން ކަނޑައަޅަން ޖެހޭ އެއްޗެއް ކަމަށް ގަބޫލު ނުކުރަން،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރައްވާ، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ކޮރޮޕްޝަނާީ ފަސާދައިގެ ސަބަބުން ހުރިހާ އެންމެނަށް ވެސް ގެއްލުން ފޯރާ ކަމަށާއި ނަމަވެސް ކުށްތަކުގައި މީހުންނަށް އަދަބު ދޭން ޖެހޭނީ އިންސާފުން ކަމަށެވެ. އެގޮތުން ވަަކިވަކި ފަރުދުންނަށް އަމާޒުކޮށް ފިޔަވަޅު އެޅޭފަދަ ގާނޫނަކަށް ވެގެން ނުވާނެ ކަމަށް އަނާރާ ވިދާޅުވި އެވެެ. އެހެންކަމުން ކޮމިޓީ މަރުހަލާގައި އެބައިތައް އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނުހައްގު މުސްހަނދިކަން ހޯދާ ލިބިގަތުން ހުއްޓުވުމަށް ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށެވެ. އެއީ ގާނޫނެއް އޮވެގެން ގާނޫނެއްގެ ދަށުން ކައިރިން ބެލެވެން ޖެހޭ ކަމެއް ކަމަށާއި އެއާއެކު ނުހައްގާއި ހައްގު ވެސް ސާފުކޮށް ބަޔާންކޮށްފައި ބިލުގައި އޮންނަން ޖެހޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ނުހައްގަކީ ކޮބާތޯ އާއި، އެ މީހާގެ އާއިލާއަކީ ކޮބައިކަމާއި، ޒާތީ ގުޅުން ހުރި ކަމަކީ ކޮބައިކަން ވަރަށް ސާފުވާން ޖެހޭ. ރާއްޖެއަކީ ކޮރޮޕްޝަނާއި ފަސާދައިން ސަލާމަތްވާން ޖެހޭ ތަނެއް ކަމަށް ގަބޫލު ކުރާތީ މި ބިލަށް ތާއީދު ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީއޭގެ ފަރާތުން ވާހަކަދެއްކެވި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ނުހައްގު މުސްހަނދިކަމަކީ މަގާމްގެ ހައިސިއްޔަތުން ލިބިގެންވާނެ އެއްޗެއް ނޫން ކަމަށާއި އެއީ ހަރުދަނާ މެކޭނިޒަމެއްގެ ތެރެއިން ބަލާ ފިޔަވަޅު އެޅި ދައުަލތަށް އަނބުރާ ލިބެން ޖެހޭނެ އެއްޗެއް ކަމަށެވެ. ނަމަވެސް މިހާރު ނިޒާމް އޮތް ގޮތުން ނުހައަްގު މުސްހަނދިކަން ހޯދާ މީހުންނަށް ދައުލަތުން އިތުރަށް ހަރަދު ކުރަން ޖެހިފައި ހުރި ކަމަށް އާމިރު ވިދާޅުވި އެވެ.

"މުސްހަނދިންނާ ދޭތެރޭގައި މިކަން ބެލޭނެ ނިޒާމެއް ނެތް، ހަމައެކަަނި ނިކަމެތިންނެއް ނޫން އިނގޭތޯ މިކަން ކުރަނީ، މުސްހަނދިން ވެސް އެކަން ކުރުމުގެ ފުރުސަތު އޮންނާނެ. އެކަން ވެސް ބެލޭނެ ނިޒާމެއް އޮންނަން ޖެހޭ. އަދި އޭނާގެ މައްޗައް އެކަން ސާބިތު ނުވެއްޖެ ނަމަ ދެން ކުރެވޭނެ ކަމެއް ވެސް ބަޔާން ކުރަން ޖެހޭ،" އާމިރު ވިދާޅުވި އެވެ.

ނުހައްގު މުސްހަނދިކަން ހޯދުން ހުއްޓުވާ ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދު ގޮތެއް ނިންމަވާނެ އެވެ.