ހަބަރު

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދާ ބިލް މަޖިލީހަށް ބަލައިގެންފި

ނުހައްގު މުސްހަނދިކަން ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 54 މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން އެ ބިލު ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމެވި އެވެ.

އެ ބިލުގެ މަގްސަދުގައި ބުންފަައި ވަނީ ދައުލަތުގެ މުއައްޒަފުންމަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީއަށް ބަލާއިރު އެ މީހުންނަށް ނުހޯދޭނެ މިންވަރަށް މުދަލާއި ފައިސާ ލިބިގަތުން ހުއްޓުވުމަށްޓަކައި ނުހައްގު މުސްހަނދިކަން ހޯދާ ލިބިގަތުން ކުށެއްގެ ގޮތުގައި ހެދުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން ދައުލަަތުގެ މުއައްޒިފަކަށް ހުރެ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރު ގާއިމްކޮށް ދެމެހެއްޓުމާއި އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އާއިލާ ނުވަތަ ޒާތީ ވިޔަފާރި އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކުކޮށްފައި ހުރުން ވަނީ ކުށެއްގެ ގޮތުގައި ހަދައިފަ އެވެ. ނަމަވެސް އެ ފަރާތެއް ދިރިއުޅުމުގެ ފެންވަރު ގާއިމްކޮށް ދަމަހައްޓަނީ ގާނޫނާ އެއްގޮތް ކަމަށްވުމާއި އެ މީހެއް ނުވަތަ އާއިލާއެއް ނުވަތަ ވިޔަފާރިއާ ގުޅުން އޮތް މީހެއްގެ ނަމުގައި މިލްކުކޮށްފައިވާ މުދާ ލިބިފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވާނަމަ އެއީ ކުށެއް ނޫން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ނުހައްގު މުސްހަނދިކަން ހޯދިކަން ކޯޓުން ސާބިތުވެއްޖެ ނަމަ އެ މުދަލަކީ ދައުވާ ލިބޭ މީހެއްގެ ނަމުގައި ހުރި މުދަލެކޭ އެއްފަދައިން އެ މީހަކަށް ނިސްބަތް ކުރެވޭނެ މުދަލެއްގެ ގޮތުގައި ބަލައި މުދާތައް ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި ނުހައްގު މުސްހަނދިކަން ހޯދާފައި ވަނީ ރައިސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރެއް ނުވަތަ މަޖިލިސް މެންބަރެއް ނުވަތަ ފަނޑިޔާރު ކަމުގައި ހުރި ފަރާތެއް ކަމަށް ވާނަމަ އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ ނޫން ހާލަތްތަކުގައި އެއީ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެސް ބިލުގައި ބުނެފައި ވެ އެވެ.