ހޮލީވުޑް

"ޖޯނަސް ބްރަދާސް" އެނބުރި އައީ މާވަރުގަދަކޮށް!

އެމެރިކާގެ އެއްބަނޑު އެއްބަފާ ތިން ބެއިންގެ ޕޮޕް ބޭންޑް "ޖޯނަސް ބްރަދާޒް" އަކީ 2005 ގައި ހޮލީވުޑްގައި ހާއްސަކޮށް ޅަ ކުދިންގެ މެދުގައި ވަރަށް މަގުބޫލުވީ ބޭންޑްއެކެވެ. ޑިޒްނީ ޗެނަލް އިން ޖޯނަސް ބްރަދާސްގެ ލަވަތަކާއި ޝޯތައް ދައްކާ އާއްމުންގެ މަގުބޫލުކަން އެދުވަސްވަރު ހޯދިއިރު، މި ބޭންޑު ކުއްލި އަކަށް ގެއްލުނީ 2013ގަ އެވެ.
ހަ އަހަރުގެ މެދު ކެނޑުމަކަށްފަހު ޖޯނަސް ބްރަދާސްގެ ތިން ބެއިން އެކުގައި ފެނުނީ ވަރަށް ތަފާތުކޮންނެވެ.

"ޖޯނަސް ބްރަދާސް" ގެ މެމްބަރުންނަކީ ނިކް ޖޯނަސް އާއި ކެވިން އަދި ޖޯއި ޖޯނަސް އެވެ. މި ބޭންޑު ހަ އަހަރު ފަހުން ފެނުނު އިރު ތިން ބެއިންނާއެކު އިތުރު ތިން ފަންނާނުންވެސް ފެނުނެވެ. ޖޯނަސް ބޭންޑުގެ މެމްބަރުންނާއި އެމީހުންގެ ބައިވެރިންނާއެކު އާ ލަވަ ނެރުނީ "ސަކާ" ގެ ނަމުގައެވެ.

ތިން ބެއިންގެ އެނބުރި އައުމަކަށް ފޭނުން އިންތިޒާރު ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުން ގެނެސްދިން ލަވަ "ސަކާ" ގެ މަންޒަރުތަކުން ތިން ބެއިންގެ ބައިވެރިން ފެނެ އެވެ. ބޭންޑުގެ ބައިވެރިއެއް ކަމުގައިވާ ނިކް ޖޯނަސް ފެނުނީ އަންހެނުން، ޕްރިޔަންކާ ޗޯޕްރާ އާއެކު އެވެ. އަދި، ޖޯއީ ޖޯނަސްގެ ލޯބިވެރިޔާ ސޯފީ ޓާނާ އާއި ކެވިން ޖޯނަސްގެ އަންހެނުން ޑެނިއަލް ޖޯނަސްވެސް މި ލަވައިގައި އެކުގައި ފެނުނެވެ.

މި ލަވަ ހުކުރު ދުވަހު ރިލީޒް ކުރި އިރު ސޯޝަލް މީޑިއާގައި ޖޯނަސް ބްރަދާސްގެ ފޭނުން ބުނަމުން ދިޔައީ އެނބުރި އައި އިރު ގެނައި ބަދަލު ވަރަށް ކަމުދާ ކަމަށެވެ. އަދި ޖޯނަސް ބްރަދާސްގެ ތިން ބެއިން އެއްތަން ކޮށްދިނީ އެމީހުންގެ ބައިވެރިންކަމަށްވެސް ބޭންޑުގެ ލަވަތަކަށް ލޯބިކުރާ މީހުން ބުނެ އެވެ.

މި ލަވަ އާއެކު ޖޯނަސްބްރަދާސްގެ ބޭންޑުން އިތުރު ލަވަތަކެއް ވެސް ރިލީޒް ކުރާނެ ކަމުގެ އިޝާރާތެއްވެސް ވަނީ ދީފަ އެވެ. އަދި ވޯލްޑް ޓުއާއެއްވެސް ދީފާނެ ކަމަށް ބެލެވެ އެވެ.