އާޔަން މުކަރުޖީ އާއި ކަރަން ޖޯހަރު އުފެއްދުމަށް ތައްޔާރުވަމުންދާ ފިލްމު "ބްރަމަސްޓްރާ"ގެ ލޯގޯ ލޯންޗް ކުރުމުގެ އިވެންޓް ވެގެންދިޔައީ ބޮލީވުޑްގައި ތަފާތު ގޮތަކަށް ކުރިއަށް ދިޔަ އިވެންޓް އަކަށެވެ. މި ފިލްމުގެ ލޯގޯ ލޯންޗް ކުރުމުގެ ހަފްލާ ބާއްވާފައިވަނީ، ކުމްބް މޭލާ ކިޔާ ސަރަހައްދެއްގައި 150 ޑްރޯން ބޭނުން ކޮށްގެން ޖައްވުގެ ތެރޭގައި ފިލްމުގެ ނަން އަޅައިގެންނެވެ.
ފިލްމުގެ ލޯގޯ ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި ފިލްމުގެ ތަރިންނާއި ޕްރޮޑަކްޝަން ޓީމުން ބައިވެރިވެފައިވެ އެވެ. ފިލްމުގެ ލީޑް ދެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް އަދި ފިލްމުގެ ޑައިރެކްޓަރު އާޔަން މުކަރުޖީ އެ ސަރަހައްދަށް ގޮސްފައިވަނީ ޕްރައިވެޓް ޖެޓެއްގަ އެވެ. އަދި ލޯގޯ ލޯންޗް ކުރި ވަގުތު ފިލްމުގެ ޓީމުން ވަނީ ފޭސްބުކްގައި އެ ވީޑިއޯވެސް ލައިވްކޮށް ދައްކާފަ އެވެ.
ސަތޭކަ ފަންސާސް ޑްރޯން ބޭނުން ކޮށްގެން ފިލްމުގެ ނަން ޖައްވުގައި އަޅާފައިވާއިރު އިންޑިއާގެ ގައުމީ ދިދަވެސް މި ހަފްލާގައި އެޅި އެވެ. އަދި މި މަންޒަރު ލައިވް ކޮށް ބެލުމަށް ފިލްމުގެ ޓީމުންނާއި އާއްމުންގެ ގިނަ ބަޔަކު އެ ސަރަހައްދުގައި އެއްވެ ތިއްބެވެ. ތަފާތު ގޮތަކަށް މި ހަރަކާތް ކުރި އަށް ގެންދިޔަ އިރު އާލިއާ ބުނެފައިވަނީ މިއީ އަދި ބޮލީވުޑްގައި ފިލްމު އުފައްދާ މީހަކު މިފަދަ ގޮތަކަށް ލޯގޯ ލޯންޗް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
މި އަހަރު ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ. ބަލްގޭރިއާ އާއި މުމްބާއީގައި ފިލްމުގެ ގިނަ މަންޒަރުތަކެއް މިހާރު ވަނީ ނަގާ ނިމިފަ އެވެ.
ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމުގައި އާލިއާ އާއި ރަންބީރުގެ އިތުރުން، މުހިއްމު ރޯލްތަކުގައި އަމީތާބް ބަޗަން އަދި "ނާގިން" ޑްރާމާ އިން މަޝްހޫރުވި މޯނީ ރޯއިވެސް ފެނިގެންދާނެ އެވެ.