ހޮލީވުޑް

"ރިވަޑޭލް"ގެ ތަރި ލޫކް ޕެރީ މަރުވެއްޖެ

ހޮލީވުޑް އެކްޓަރު، ލޫކް ޕެރީ،52 މަރުވެއްޖެ އެވެ.

ބަލިވެ ފަރުވާ ކުރަމުންދަނިކޮށް ލޫކް މަރުވެފައިވަނީ ސްޓްރޯކް އެއް ޖެހިގެން ކަމަށް ބޭރުގެ ހަބަރުތަކުން ލޫކްގެ އާއިލާ އާ ހަވާލާދީ ބުނެ އެވެ. ލޫކް ހޮސްޕިޓަލަށް ގެންދެވުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު، ގޭގައި ހުއްޓައެވެ.

އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނު އިރު އައީ "އާޗީ ކޮމިކްސް"ގެ ވާހަކައަށް އުފައްދާފައިވާ ސީރީޒް، "ރިވަޑޭލް"ގެ މަސައްކަތް ކުރަމުންނެވެ. އަދި ލޫކްގެ މަރުގެ ހަބަރާއެކު އެ ސީރީޒްގެ ޝޫޓިން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް "ރިވަޑޭލް"ގެ ޕްރޮޑިއުސަރުން ވަނީ ޔަގީންކަން ދީފަ އެވެ. ލޫކް އެ ސީރީޒްގައި ކުޅުނީ ލީޑް ތަރި "އާޗީ"ގެ ބައްޕަަގެ ރޯލެވެ.

ލޫކް ހޮލީވުޑްގައި މަޝްހޫރު ވެފައިވަނީ، 1990 ވަަނަ އަހަރު ނެރުނު ސީރީޒް، "ބެވަލީ ހިލްސް" އިންނެވެ. އަދި މީގެ އިތުރުން، ހޮލީވުޑްގެ ބައެއް ފިލްމުތަކުގައިވެސް އޭނާ ފެނިގެންދިޔަ އެވެ. އެގޮތުން، "ބަފީ ދަ ވެމްޕަޔަ ސްލޭޔާ" އާއި "ފިފްތު އެލަމެންޓް" ފާހަގަ ކޮށްލެވެ އެވެ.