ރަޖިސްޓާ ނުކޮށް ވެސް މަދަނީ ޖަމިއްޔާތައް ހިންގޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން "ޖަމްއިއްޔާތަކާ ބެހޭ ގާނޫނޫ"ގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރު ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާޙިމް ހުށަހެޅުއްވި އެ ބިލުގެ މަގްސަދުގައި ބުނެފައި ވަނީ އެ ބިލްގެ ބޭނުމަކީ ކޮންމެ މީހަކަށް ވެސް ޖަމިއްޔާ ޖަމާއަތްތައް ހެދުމުގެ ހައްގު ފުރިހަމަ ގޮތުގައި ލިބިދިނުމެވެ. މީގެ އިތުރުން ޖަމިއްޔާތައް ރަޖިސްޓާކޮށްގެން ހިންގާނެ އުސޫލުތަކާއި ވިޔަފާރި ކުރެވޭ ދާއިރާތަކާއި ފައިސާ ހޯދުމާއި ދަރަންޏަށް ޒިންމާވާނެ އުސޫލުތައް ބަޔާންކޮށް، ޖަމިއްޔާތައް ޒިންމާދާރު ގޮތެއްގައި ހިންގުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއް ކަމަށް ވެސް ބިލް ހުށަހެޅުއްވި މަގުސަދިގައިވެ އެވެ.
ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަށަވަރުކޮށްދީފައިވާ ހައްގުގެ ބޭނުން ހިފުމުގައި ރަޖިސްޓްރީކޮށްގެން ޖަމިއްޔާ ހަދާ، ހިނގުމުގެ މިނިވަންކަން ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ނަމަވެސް ބިލުގެ އަށް ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރަޖިސްޓްރީ ނުކޮށް ޖަމިއްޔާ ހިންގުމަކަށް މި ގާނޫނު ހުރަސް ނާޅާ ކަމަށެވެ. އެހެން ނަމަވެސް ރަޖިސްޓްރީ ނުކޮށް ހިންގާ އެއްވެސް ޖަމިއްޔާއަކަށް، ޖަމިއްޔާއެއްގެ ނަމުގައި މުދާ މިލްކު ކުރުމާއި، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނުގައި ހުއްދަ ކުރާ ގޮތުގެ މަތިން ދެމިގެންވާ ގޮތަށް މިލްކު ކުރުމުގެ ހައްގު ލިބިގެން ނުވެ އެވެ.
ރަޖިސްޓްރީނުކޮށް ނުކޮށް ހިންގާ ކޮންމެ ޖަމިއްޔާއެއްގެ ހިންގުމާއި، މާލީ ކަންކަމާއި ޖަމިއްޔާއިން ހިންގާ ހަރަކާތްތަކާ ގުޅޭ ހުރިހާ ޒިންމާއެއް އުފުލާނީ އެ ޖަމިއްޔާއެއްގެ މެންބަރުން ފަރުދީ ހައިސިއްޔަތުން އެ ފަރާތްތަކުގެ މެދުގައި ގާނޫނު ހުއްދަ ކުރާ ފަދައަކުން އެއްބަސްވެފައިވާ ގޮތަކަށް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ. އަދި ވަކި ގޮތަކަށް މެންބަރުން އެއްބަސްވެފައި ނުވާ ހާލަތުގައި އެފަދަ ކޮންމެ ޒިންމާއެއް އުފުލަންވާނީ މެންބަރުންގެ ފަރުދީ ހައިސިއްޔަތުން ހަމަހަމަ އުސޫލެއްގެ މަތިން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން މާލީ އެހީތެރިކަން ބޭނުންވާ ޖަމިއްޔާތަކަށް ދައުލަތުގެ ފަރާތުން އެހީ ލިބެން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވީ ނަމަވެސް ރަޖިސްޓްރީނުކޮށް ހިންގާ އެއްވެސް ޖަމިއްޔާއަކަށް އެ އިނާޔަތްތަކެއް ނުލިބޭނެ ކަމަށް ވެސް ބިލުގައި
ބުނެފައިވެ އެވެ.
ޖަމިއްޔާތަކާ ބެހޭ ގޮތުން މިހާރު އަމަލު ކުރަމުންދާ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި އެއްވެސް ޖަމިއްޔާއެއް ހަދާ ހިންގަންވާނީ ގާނޫނުގެ ދަށުން ޖަމިއްޔާއެއް ރަޖިސްޓްރީކޮށް، ހަދާފައި ހުރި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ޖުމުލަ 83 މާއްދާގެ މައްޗައް ތައްޔާރުކޮށްފައިވާ ޖަމިއްޔާތަކާ ގުޅޭ ބިލުގައި ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމާއި މެންބަރުންގެ ދައުރާއި ޖަމިއްޔާތައް ގުޅުވާލެވޭނެ ގޮތްތަކުގެ އިތުރުން ޖަމިއްޔާތަކަށް ދައުލަތުން އެހީދޭ ގޮތްތަކާއި ކުރިއެރުވުމަށް ކުރަން ޖެހޭ ކަންކަން ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.