ހަބަރު

މަސްލަހަަތު ހިމެނޭ މެންބަރުންނާއެކު ކޮމިޓީގެ މަގްސަދު ހާސިލެއް ނުވި

އެމްއެމްޕީއާރްސީގެ މައްސަލާގައި މަސްލަހަތު ހުރި ބައެއް މަޖިލިސް މެންބަރުން ހިމެނޭ މާލިއްޔަތު ކޮމިޓީއަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ހާޒިރުކޮށްފި އެވެ. ނަމަވެސް އޭސީސީގެ މެންބަރުންނާ އެކަށީގެންވާ މިންވަރަށް ސުވާލު ކުރުމަށް ވަގުތު އިތުރު ކުރުމަށް އެދުމުން މެންބަރުންގެ ތާއީދު ނުލިބި ކޮމިޓީ ވަނީ ނިންމާލާފަ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީގެ މެންބަރުން ހާޒިރު ކުރީ އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓާ ގުޅިގެން ހުރި އިތުރު މައުލޫމާތު ސާފު ކުރުމުގެ ގޮތުންނެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީގައި އިންނަވާ މެންބަރުންގެ ތެރެއިން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްއަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވާ އެސްއޯއެފް ކުންފުންޏާއެކު މުއާމަލަތްކޮށްފައިވާ މެންބަރުން ކަމަށް އޭސީސީގެ ރިޕޯޓުން ބުނެ އެވެ.

އެގޮތުން މުސްތަފާގެ އަނބިކަނބަލުން ސާދާ އިބްރާހިމްގެ އެކައުންޓަށް އެސްއޯއެފް އިން 100 މިލިއަން ޑޮލަރު ޖަމާކޮށްފައިވުމާއި ސަލީމް ހިންގަވާ ކުންފުނި ރެޑްވޭވްއަށް 1،519،000 ޑޮލަރު އެސްއޯއެފް އިން ވަނީ ދޫކޮށްފަ އެވެ. އަދި ރިޔާޒުގެ އަމިއްލަ އެކައުންޓަށް އެސްއޯއެފް އިން 424،255 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ކޮމިޓީއަށް ވަޑައިގެން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ފުރަތަމަ ވެސް ވިދާޅުވީ ކޮމިޓީގައި އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅުން ހުރި ބައެއް މެންބަރުން ތިބެދާނެތީ ބައެއް މައުލޫމާތުތައް ހާމަ ކުރަން އުޒުރުވެރިވާ ކަމަށެވެ. އަދި އެ ފައިސާ މެންބަރުންނަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ އެހެން މައްސަލައެއް ވެސް އޭސީސީ އިން ތަހުގީގު ކުރަމުން އަންނަ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

އޭސީސީއާ މެންބަރުން ސުވާލު ކުރުމުގެ ކުރިން އެމްއެމްޕިއާރްސީގެ ރިޕޯޓުގެ ހުލާސާއެއް ކިޔާދޭ އަދި އެކަމަށް އޭސީސީ އިން ކުރި މަސައްކަތް ދައްކުވާދޭ ޕްރެޒެންޓޭޝަނެއް ދެއްކި އެވެ. ކޮމިޓީގެ ގިނަ ވަގުތު ހޭދަވީ ޕްރެޒެންޓޭޝަނަށެވެ. އޭގައި އާ މައުލޫމާތުތަކެއް ނެތެވެ. މެންބަރުންނަށް ސުވާލު ކުރަން ފުރުސަތު ލިބުނީ ޕްރެޒެންޓޭޝަނަށް ފަހުގަ އެވެ.

ކޮމިޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ތެރެއިން ފަސް ވަރަކަށް މެންބަރުން އޭސީސީއާ ސުވާލު ކުރަން ފުރުސަތު ދެވުނެވެ. ނަމަވެސް ވަގުތު ކުޑަތަންވެފައި އޮތުމުން 1:00 އިން ފެށިގެން 1:15 އާ ހަމަޔަށް އޭސީސީއާ އިތުރު ސުވާލު ކުރުމަށް ކޮމިޓީގައި ވޯޓަށް އެހި އެވެ. ނަމަވެސް އޭރު މަސްލަހަތު ހުރި ބައެއް މެންބަރުން ކޮމިޓީ އިން ނިކުމެގެން ދިޔަ އިރު އަނެއްބައި މެންބަރުން އެކަމަށް ވޯޓެއް ނުދެ އެވެ. އެހެންކަމުން އޭސީސީއާ އިތުރަށް ސުވާލު ކުރުމަށް މެންބަރުންނަށް ފުރުސަތު ނުލިބި ކޮމިޓީ ނިންމާލަން ޖެހުނެވެ.