އޭސީސީ

"އޮޑިޓް ރިޕޯޓުގައި ގިނަ ކަންކަމަށް ރިއާޔަތް ނުކުރޭ"

އޮޑިޓް އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޕާފޯމަންސް އޮޑިޓެއް ހަދައި އެކުލަވާލި ރިޕޯޓްގައި ގިނަ ކަންތައްތަކަށް ރިއާޔަތް ނުކުރާ ކަމަށް ބުނެ އޭސީސީން ރައްދު ދީފި އެވެ.

ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި އޭސީސީގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން ކޮމިޝަންގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނުނިމި ހުރުމާއި ދައުވާކުރަން ފޮނުވުނީ އެއް ޕަސެންޓް މައްސަލަކަމަށް ބުނެފައި ވެއެވެ.

ނަަމަވެސް އޭސީސީން ބުނީ އޮޑިޓް ރިޕޯޓްގައި ގިނަ ކަންކަމަށް ރިއާޔަތްނުކުރާ ކަމަށެވެ.

އޭސީން އެންމެ ފުރަތަަމަ މައްސަލައެއްގެ ގޮތުގައި ފާހަގަކުރީ ޕާފޯމަންސް އޮޑިޓް ހެދި މުއްދަތެވެ.

އޭސީސީގައި މިހާރު ތިއްބެވި މެމްބަރުން އައްޔަނުކުރެއްވީ 2019 ވަނަ އަަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ނަަމަވެސް ޕާފޯމަންސް އޮޑިޓް ހަދާފައި ވަނީ 2015 އިން ފެށިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. އެހެންކަމުން ޕާފޯމަންސް އޮޑިޓްގެ މުއްދަތުގެ ތެރެއިން މިދައުރުގެ މެންބަރުކަމުގެ މުއްދަތުން ހިނގާފައިވަނީ އެންމެ 10 މަސް ދުވަހެވެ.

އަދި މި 10 މަސްދުވަހުގެ ތެރޭގައި ކޮވިޑާ ގުޅިގެން ހަތަރު މަސް ސަރުކާރު ބަންދުވުމާއި ދަތުރުކުރުމުގައި ހުރި ހުރަސްތަކާއި އަދި ކޮވިޑަށް ޕޮޒިޓިވްވުމާއި ޑައިރެކްޓް ކޮންޓެކްޓްގެ މައްސަލަތަކާ ގުޅިގެން މަސައްކަތަށް ބުރޫ އެރި ކަމަށް އޭސީސީން ބުނެފައި ވެއެެވެ.

"ނަމަވެސް މިދެންނެވި ދުވަސްތަކުގެ މަސައްކަތު ޕާާފޯމަންސް ބެލިއިރުގައި މިއިން އެއްވެސް ކަމަކަށް އޮޑިޓުގައި ރިއާޔަތްކޮށްފައި ނުވާކަން ފާހަގަކުރަމެވެ." އެސީސީން މިއަދު ނެރުނު ބަޔާނުގައި ވެެއެވެ.

މައްސަލަތައް ނުބެލި ގިނަ ދުވަސްވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާތީ އެކަމަށް ވެސް އޭސީސީން ރައްދު ދިނެެވެ.

އޭސީސީން ބުނީ ކޮމިޝަނުގެ މިހިނގާ ދައުރުގެ މެމްބަރުން މަގާަމާ ހަވާލުވިއިރު އިވެލުއޭޝަން މަރުހަލާގައި ފިޔަވަޅެއް ނޭޅިހުރި 400 އަށްވުރެ ގިނަ ޝަކުވާއާއި ތަހުގީގު މަރުހަލާގައި 500 އަށްވުރެ ގިނަ މައްސަލަ އޮތް ކަމަށެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ ކޮމިޝަނަށް އެ މައްސަލައަކާ ގުޅޭ ޝަކުވާ ހުށަހެޅުނު ފަހުން ނުބެލި ގިނަ ދުވަސް ވެފައިވާ މައްސަލަތަކެއް ކަމުގައިވާތީ، އެ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކޮމިޝަނުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނައި ކަމަށެވެ.

އޭސީސީން އިތުރަށް ބުނީ އެމްއެމްޕީއާރުސީގެ މައްސަލަ ހާއްސަކުރުމަށް ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ތަޖުރިބާއާައި ހުނަރު ލިބިފައިވާ ހަަތް އިންވެސްޓިގޭޓަރަކު ހާއްސަކުރި ކަމަށާއި އަދި އޭގެ ސަބަބުން ކޮމިޝަނުން ބަލަމުން ދިޔަ ބޮޑެތި އެހެން މައްސަލަތަކުގެ ތަހުގީގުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ނަަމަވެސް މިކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

ކޮމިޝަނުން ކުރާ ދިރާސާތަކުގައި އަލީގައި އިދާރާތަކުން އަންގާ އެންގުންތަކާމެދު އަމަލުނުކޮށްގެން ފިޔަވަޅު އެޅުމުގެ ބާރު ގާނޫނީ ގޮތުން ލިބުނީވެސް މިދިޔަ އަހަރު ފަހުކޮޅުގައި ކަމަށް ފާހަގަކޮށްފަ އެވެ. އަދި އޭގެ ކުރިން އެކަމުގައި ގާނޫނީ ގޮތުން ހުރި ހުރަސްތައް ހުރި ނަމަވެސް އެކަންކަމަށް އޮޑިޓުގައި ރިއާޔަތްކޮށްފައި ނުވާކަމަށެވެ.

އޭސީސީއަށް ފަސް އަހަރު ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ އެއް ޕަސެންޓް މައްސަލަ ދައުވާކުރަން ފޮނުވާފައި އޮތް އޮތުން ފާހަގަކޮށް އެކަން އެހެންވަނީ ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވާތީ ބުނެފައިވާތީ ވެސް އޭސީސީން ރައްދު ދީފައި ވެެއެވެ.

"ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ވަޒަންކުރުމަށްފަހު ތަހުގީގު ކުރަން ނިންމާ މައްސަލަތަކުގެ ތަހުގީގު ނިންމާއިރު ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމާފައިވުމަކީ، ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވެގެން ހިނގާ ކަމެއް ނޫނެވެ. ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާގައި ޝަކުވާ ވަޒަންކުރާއިރު ބަލާނީ، ހުށަހަޅާ ޝަކުވާއަކީ ކޮމިޝަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ޝަކުވާއެއްތޯއާއި، ތުހުމަތަށް ބާރުލިބޭ ޝަކުވާއެއްތޯއާއި، ޝަކުވާއާ ގުޅޭގޮތުން އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމެއް އޮތްތޯއެވެ. އަދި އެކަށީގެންވާ ތުހުމަތެއް އޮތްނަމަ އެފަދަ ކޮންމެ ޝަކުވާއެއް އިތުރަށް ތަހުގީގު ކުރުމަށް ނިންމައެވެ. ހެކި ހޯދުމާއި، މީހުންނާ ސުވާލުކުރުން ފަދަ މަރުހަލާތައް ކުރިއަށްގެންދާނީ ތަހުގީގު މަރުހަލާގައެވެ." އޭސީސީގެ ބަޔާނުގައި ވެއެވެ.

އޭސީސީން އިތުރަށް ބުނީ ތަހުގީގުކުރާ އިދާރާއެއްގެ ޕާފޯމަންސް ވަޒަންކުރާ ހަމައެކަނި މިންގަނޑު ބިނާވަނީ ތަހުގީގު ކުރާ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާ ނުފޮނުވުމުގެ މައްޗަށްކަމަށް ދެކުމަކީ ހަމަޖެހޭކަމެއް ނޫން ކަމަށެވެ. އަދި އޮޑިޓު ރިޕޯޓުން ދޭހަވަނީ، ޝަކުވާ ވަޒަންކޮށް އިތުރަށް ތަހުގީގު ކުރާނީތޯ ނުކުރާނީތޯ ނިންމާ މަރުހަލާ ހަރުދަނާނަމަ، ތަހުގީގުކުރަން ނިންމާ ކޮންމެ މައްސަލައެއްގައި ދައުވާއެއް ކުރެވޭނެކަން ކަމަށެވެ.

އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ބުނެ މެމްބަރުން ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ފާސްވެސް ކޮށްފަ އެވެ.