އޮޑިޓާ ޖެނެރަލް އޮފީސް

ލިސްޓުގައި ޒިޔަތުގެ ނަން، ވިދާޅުވީ ކަޅު ފައިސާކަން ނޭންގޭ ކަމަށް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ގޮތަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީއިން އެކުލަވާލި ލިސްޓުގައި މިހާރުގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނަން ވެސް ހިމެނިއްޖެ އެވެ.

ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިއަދު މަޖިލީހުގެ ސަބް ކޮމެޓީން އެ ލިސްޓް އާންމުކުރީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް އެވެ.

ލިސްޓުގައިވާ ގޮތުން ޒިއަތުއަށް ފައިސާ ދެއްވި ކަމަަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދެއްވާފައިވާ ބަޔާނުގައި ވެއެވެ. ނަމަވެސް ޒިއަތަށް ލިބިވަޑައިގެންނެވީ ކިހާ ފައިސާއެއް ކަމަށް ބުނެފައެއް ނުވެއެވެ.

ޒިޔަތަށް ފައިސާ ދިނީ އޭނާގެ ކެމްޕޭނަށް ހަރަދުކުުރުމަށް ކަމަށް އަދީބު ދެއްވި ބަޔާނުގައި ބުނެފައި ވެއެވެ. އެންމެ ފަހުން
ބޭއްވި މަޖިލިސް އިންތިހާބްގައި ޕީޕީއެމްގެ ޓިކެޓުގައި ހުޅު ހެންވޭރު ދާއިރާއަށް ޒިއަތު ވާދަކުރެއްވި އެވެ. ނަމަވެސް ޒިޔަތަށް ގޮނޑިއެއް ނުނެންގެވުނެވެ.

ޒިއަތަކީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ކޮއްކޮވެސް މެއެވެ. އެ މައްސަލަގައި ޒިއަތުގެ މައްޗަށް 11 އަަހަރުގެ ޖަލުގެ ހުކުމެއް އިއްވި ނަމަވެސް ހުކުމް ތަންފީޒްކުރަމުން ދަނީ ގޭގަ އެވެ.

އެކަމާއި ގުޅިގެން ޒިޔަތު ވިދާޅުވީ ކެންޕެއިނަށް ދެ ފަހަރެއްގެ މަތިން ޕީޕީއެމުން ފައިސާ ދީފައިވާ ކަމަށާ އެ ފައިސާ ދިނީ ޕާޓީއަށް އޮފީހުގައި އެ ފައިސާ ދޭކަމުގެ ލިޔުމެއްގައި ސޮއިކޮށްފައި ކަމަށެވެ. އޭރު ހިޔާނާތުގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާ ކަމަށާ އެހެން ކަމުން އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެ އެވެ. ސަބް ކޮމެޓީން ވަނީ އެ އެންމެން މަގާމުން ވަކި ކުރަންވެސް ފާސްކޮށްފަ އެވެ.

އޭގެ އިތުރުން މިހާރުގެ 16 މަޖިލިސް މެމްބަަރަކާއި ކުރީގެ ވަރަށް ގިނަ މަޖިލިސް މެމްބަރުންވެސް ހިޔާނާތުގެ ލިސްޓުގައި ވަނީ ހިމެނިފަ އެވެ. އިންތިހާބީ މަގާމުތަކުގައި މިހާރު ތިބި މީހުންގެ މައްސަލަތައް އަވަސް ކުރަން ދަންނަވަންވެސް މިއަދު މަޖިލީހުގެ ސަބް ކޮމެޓީން ފާސް ކުރި އެވެ.