ފިނިޕޭޖް

މިއަހަރު 100 ކްރޯޑް ލިބުނު ދެވަނަ ފިލްމަކަށް "އޭބީސީޑީ 2"

Jul 7, 2015

ކޮރިއޮގްރާފާ އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ ޑާންސް ޑްރާމާ "އެނީ ބޮޑީ ކޭން ޑާންސް 2" (އޭބީސީޑީ 2) އަދިވެސް އަންނަނީ ނަށަމުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

ރިލީޒްކުރިތާ ތިން ހަފްތާވެފައިވާ މިފިލްމު ވަނީ 100 ކްރޯޑް (1000 މިލިއަން) ރުޕީޒް ހޯދައިގެން މިއަހަރު މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ އާމްދަނީ އެއް ލިބުނު ފިލްމަށް ވެގެންގޮސްފަ އެވެ. 

ޖޫން 19ވަނަ ދުވަހު ރިލީޒްކުރި މިފިލްމަށް 17 ދުވަސް ތެރޭގައި 101.91 ކްރޯޑް ލިބިފައިވާކަން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި  ޓްވީޓެއްގައި ވަނީ ހާމަކޮށްފަ އެވެ.

ވިދަމުން އަންނަ ދެތަރިން ކަމަށްވާ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރު ލީޑްރޯލުން ފެނިގެންދާ މިފިލްމު މިހާރު 100 ކްރޯޑް ކްލަބަށް ވަދެފައިވާއިރު، މިއީ ވަރުންގެ ފިލްމަކަށް 100 ކްރޯޑް ލިބުނު ފުރަތަމަ ފިލްމެވެ. އަދި ޝްރަދާގެ ފިލްމަކަށް 100 ކްރޯޑް ލިބުނު ދެވަނަ ފިލްމަށް ވާއިރު، ޝްރަދާގެ ފިލްމަކަށް އެންމެ ފުރަތަމަ މިވަރުގެ އާމްދަނީއެއް ލިބިފައިވަނީ "އާޝިގީ 2" އަށެވެ.

"އޭބީސީޑީ 2" ކަންގަނާ ރަނާވަތު އާއި އާރް މާދަވަންގެ "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަށް ފަހު ދެވަނަ އަށް އެންމެ ގިނަ އާމްދަނީ ލިބުނު ފިލްމުގެ މަގާމު ހޯދާފައިވާއިރު، އެފިލްމަށް މިހާތަނަށް ވަނީ 150 ކްރޯޑް ލިބި ބްލޮކްބާސްޓާގެ ދަރަޖަ ލިބިފަ އެވެ.

ލަސް ވެގަސްގައި އޮންނަ ނެށުމުގެ މުބާރާތެއްގައި ބައިވެރިވެ ބުރަ މަސައްކަތުން ކާމިޔާބު ހޯދާ ޑާންސް ގްރޫޕެއްގެ ވާހަކަ ފެނިގެންދާ މިފިލްމު ސިނަމާތަކުގައި ދައްކަން ފެށިފަހުން ރެކޯޑަކަށްފަހު ރެކޯޑެއް މުގުރާފައިވާއިރު، މިފިލްމު ވަނީ މިހާތަނަށް އެންމެ ރަނގަޅު ފެށުމެއް ލިބުނު ފިލްމުގެ އިތުރުން ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު ކާމިޔާބީ އެއް ލިބުނު ފިލްމާއި ފުރަތަމަ ހަފްތާގައި އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމުގެ ރެކޯޑް ހޯދާފަ އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ތިން ފިލްމުގެ ތެރެއިން އަރްޝަދް ވާސީ އާއި އަދިތީ ރާއޯ ހައިދްރީ އަދި އަމިތް ސާދް ލީޑްރޯލުން ފެނިގެންދާ "ގުއްޑޫ ރަންގީލާ" އަށް ފުރަތަމަ ހަފްތާ ބަންދުގައި ލިބިފައިވަނީ 5.82 ކްރޯޑް (582 މިލިއަން) ރުޕީޒް އެވެ.

ކުރިއަށްހުރި ފިލްމުތަކުގެ ތެރެއިން ދެން ބޮކްސް އޮފީސް ފަތަހަކުރާނެ ކަމަށް ބެލެވެނީ ފިތުރު އީދާއި ދިމާކޮށް މިމަހުގެ 17ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" އެވެ.