ވިޔަފާރި

މަންތާ އެއާގެ ދަތުރުތަކަށް ބޮޑު ތަރުހީބެއް

Mar 8, 2019
2

މި މަހުގެ އެއްވަނަ ދުވަހު އެތެރޭގެ އުދުހުންތައް ފެށި މަންތާ އެއާގެ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ އެއާލައިން އިން ބުނެފި އެވެ.

މަންތާ އެއާއިން ވާހަކަ ދެއްކި އޮފިިޝަލަކު ވިދާޅުވީ އަދި ހަމައެކަނި ދ. ކުޑަހުވަދުއަށް ކުރަމުން ގެންދާ ދަތުރުތަކަށް ދިވެހިންގެ އިތުރުން ބޭރު މީހުންގެ ތަރުހީބު ވެސް ވަރަށް ބޮޑު ކަމަށެވެ.

"ހަމައެކަނި ބޭރު މީހުންނެއް ނޫން. ދިވެހިންގެ ގިނަ ބަޔަކު ވެސް މި އެއާލައިން އެބަ ހިޔާރު ކުރޭ. ގިނަ ބަޔަކު މިހާރު ވެސް ދަނީ ދަތުރު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

މަންތާ އިން ކުޑަހުވަދުއަށް ދަތުރު ފަށާފައިވާއިރު، "ސުޕަ ސޭވާ" އަދި "ސޭވާ" ނަމުގައި ހާއްސަ އަގެއްގައި ދަނީ ޓިކެޓު ވިއްކަމުންނެވެ. މި ޓިކެޓު ކޮޅަކަށް 749ރ. އަށް ލިބެ އެވެ. މަންތާ އިން ކުޑަހުވަދު އަށް ދުވާލަކު ހަތަރު ފްލައިޓް ބާއްވަ އެވެ.

މަންތާ އެއާއިން މި ދަތުރުތަކުގައި ބޭނުން ކުރަނީ "އޭޓީއާރް 600-72" މަރުކާގެ މަތިންދާ ބޯޓެވެ. ނެދަލޭންޑުން މި ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހު އެވެ. ކުޑަހުވަދޫ ފިޔަވައި ދެން މަންތާއިން ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދަނީ، ތ. ތިމަރަފުއްޓަށާއި، ބ. ދަރަވަންދޫ އަށެވެ.

މަންތާގެ ފުރަތަމަ މަތިންދާ ބޯޓު ރާއްޖެ ގެނައުމުގެ ރަސްމިއްޔާތުގައި މަންތާގެ ސީއީއޯ ހަލީލް ވިދާޅުވެފަ ވަނީ މަންތާއިން އިތުރު މަންޒިލްތަކަށް ދަތުރު ކުރާނީ މިއަހަރު ޑިސެމްބަރު ރާއްޖެ ގެންނަ އިތުރު ފުލައިޓު ތަކާއެކު ކަމަށެވެ.