ބޭރު ކުޅިވަރު

ޕިރްލޯ ނިއުޔޯކް ސިޓީ އެފްސީ އަށް

Jul 7, 2015

އިޓަލީ އާއި ޔުވެންޓަސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އެމެރިކާ ލީގުގެ ނިއުޔޯކް ސިޓީ އެފްސީ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އަކީ އިޓަލީގެ އޭސީ މިލާނާއި ޔުވެންޓަސްގައި ލީގު ހަ ފަހަރު އަދި މިލާނުގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ގައުމީ ޓީމުގައި 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކުޅަދާނެ މިޑްފީލްޑަރެކެވެ.

އޭނާ ނިއުޔޯކް ސިޓީ އަށް މި ބަދަލުވީ ޔުވެންޓަސްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އެކުލަބުން އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް ގެންނަން އެއްބަސްވުމުންނެވެ.

ޕިރްލޯއާއެކު ނިއުޔޯކް ސިޓީން ފެންނާނެ މަޝްހޫރު މޫނުތަކުގެ ތެރޭގައި ޗެލްސީއަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާ އަދި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑާއި ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑުގެ ކުރީގެ ފޯވަޑް ސްޕޭނުގެ ޑޭވިޑް ވިޔާ ހިމެނެ އެވެ. 

"މިއީ ކިތަންމެހާ ވެސް މޮޅު ކުޅުންތެރިއެއް. މަރުހަބާ އަންދްރޭ ޕިރްލޯ،" ލަމްޕާޑު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ.

ނިއުޔޯކްގެ ކުޅުންތެރިއެއްގެ ގޮތުގައި ޕިރްލޯ ދައްކާލާނީ މި މަހުގެ 21ގަ އެވެ. މިހެންވެ ލީގުގައި އަންނަ އާދިއްތަ ދުވަހު ޓޮރޮންޓޯ އެފްސީއާ ދެކޮޅަށް ލަމްޕާޑުމެންނާއެކު ޕިރްލޯއަށް ނުކުޅެވޭނެ އެވެ.

"އަހަންނަށް އިޓަލީން ބޭރުގައި ކުޅެން ވަރަށް ގިނަ ފުރުސަތުތައް ލިބުނު. އެކަމަކު ނިއުޔޯކް ސިޓީގައި ކުޅެން ނިންމުމުގައި އަހަރެން އިތުރަށް ވިސްނާކަށް ނުޖެހުނު،" ހުސްވި ހަފުތާގައި އެމެރިކާ ލީގުގައި ނިއުޔޯކް ސިޓީ އާއި ނިއުޔޯކް ރެޑްބުލްސް ކުޅުނު މެޗު ބަލަން ޔަންކީ ސްޓޭޑިއަމަށް ދިޔަ ޕިރްލޯ ބުންޏެވެ.

ޕިރްލޯ އަކީ އިޓަލީގެ ބްރެސިއާއިން ފުޓްބޯޅަ ކެރިއަރު ފެށި ކުޅުންތެރިއެކެވެ. 2001 ވަނަ އަހަރު އޭނާ އޭސީ މިލާނަށް ބަދަލުވީ އެކުލަބާ އެންމެ ވާދަވެރި އިންޓަމިލާނުގައި ވެސް ދުވަސްކޮޅަކު ކުޅުމަށްފަހު އެވެ. އަދި އޭސީމިލާނުގައި 10 އަހަރު ކުޅުމަށް ފަހު ޔުވެންޓަސް އަށް ބަދަލުވީ އެވެ.

ޕިރްލޯ ވަނީ ޔުވެންޓަސް އަށް 164 މެޗު ކުޅެދީ 19 ގޯލު ޖަހާފަ އެވެ. މީގެ ތެރެއިން 15 ގޯލަކީ ހިލޭ ޖެހުންތަކުން ޖެހި ގޯލުތަކެވެ. އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމަށް 115 މެޗު ކުޅެދީ 13 ގޯލު ޖަހާފަ އެވެ.