ދުނިޔެ

އައިއެސްއާ ދެކޮޅު ކެމްޕެއިން މިދަނީ ވަރުގަދަކުރަމުން: އޮބާމާ

Jul 7, 2015

އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ސީރިއާގައި އެމެރިކާ އިސްވެ އޮވެ، ގުޅިފައިވާ ބައިނަލްއަގުވާމީ ކޯލިޝަނަކުން ހިންގަމުން ގެންދާ އަސްކަރީ ކެމްޕެއިން އިތުރަށް ވަރުގަދަކުރަމުން ގެންދާ ކަމަަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިއަދު ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޮބާމާ ވިދާޅުވީ އެމެރިކާ އިން އިތުރަށް ސިފައިން ފޮނުުވުމުގެ ބަދަލުގައި މަސައްކަތް ކުރަމުން ދަނީ ސީރިއާގައި ހަރަކާތްތެރިވާ މެދުމިނުގެ އުސޫލުތައް ގަބޫލުކުރާ ހަނގުރާމަވެރިންނަށް އެހީ ފޯރުކޮށްދީގެން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަމަށެވެ.

އޮބާމާ ވިދާޅުވީ އައިއެސްގެ މައި މަރުކަޒުތަކަށް ދެމުން ގެންދާ ވައިގެ ހަމަލާތައް އިތުރުކުރަމުން ގެންދާ ކަމަށެވެ. އަދި އެ ޖަމާއަތުގެ ޓެރަރިސްޓް ހަރަކާތްތަކަށް ބޭނުންވާ ފައިސާ އެއްކުރާ ތެލާއި ގޭސް އުފައްދާ ކާރުހާނާތަކަށް ދޭ ވައިގެ ހަމަލާތައް ވެސް އިތުރުކޮށް، ވަރުގަދަކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ފުޅާކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއީ [އައިއެސް ބަލިކުރުމަކީ] ކުޑަ ދުވަސްކޮޅަކުން ކުރެވޭނެ ކަމެއް ނޫން،" އޮބާމާ ވިދާޅުވި އެވެ.

އޮބާމާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ، ސީރިއާގެ ރައްގާ ސިޓީ އަށް އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިންތާ އެއް ދުވަސް ފަހުންނެވެ. އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ދިން އެ 16 ވައިގެ ހަމަލާ އަކީ ގުޅިފައިވާ ފައުޖުތަކުގެ ވައިގެ އޮޕަރޭޝަން ފެށި ފަހުން މިހާތަނަށް ސީރިއާގައި ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

އެހެން ނަމަވެސް، ރައްގާއާ ކައިރި ސަރަހައްދެއްގައި އޮންނަ މުހިއްމު އަވަށެއް އައިއެސް އިން ވަނީ އިއްޔެ އަލުން އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. ކުރުދީންގެ ފައުޖުތަކުން މިދިޔަ މަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އައިއެސްގެ އަތް ދަށުން މިނިވަންކުރި އައިން އީސާ ނަމަކަށް ކިޔާ އަވަށަކީ ސީރިއާ އާއި ތުރުކީ ގުޅުވައިދޭ ބޯޑަރު ހުރަސްކޮށް ރައްގާ އަށް އެއްޗެހި އެތެރުކުރަން އައިއެސް އިން ކުރިން ބޭނުންކުރި މައި މަގެވެ. އެހެންވެ، ކުރިދީން އެ އަވަށް ހިފުމުން އައިއެސް އަށް ބޮޑު ގެއްލުމެއް ލިބުނެވެ.

ރައްގާ އަށް އަމާޒުކޮށް އެމެރިކާ އިން އިއްޔަ ވަރުގަދަ ހަމަލާތަކެއް ދިނީ އައިއެސް އިން މި ފަހުން ހިފި ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާގައި އައިއެސްގެ ހަނގުރާމަވެރިން ބަޑި ޖަހައި 25 މީހަކު މަރާލާތައް ދައްކައިދޭ ވީޑިއޯއެއް އެ ޖަމާއަތުން އާއްމުކޮށްފައި ވަނިކޮށެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ލާ އިންސާނީ އަމަލު ހިންގަނީ ކުޑަކުދިންތަކެއް ލައްވަ އެވެ.

ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ) އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެެ.

އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އައިއެސްއާ ދެކޮޅަށް އިރާގާއި ސީރިއާގައި ވައިގެ ހަމަލާތައް ކޮންމެ ދުވަހަކުން ދެމުން ދަނިކޮށް ވެސް އައިއެސް އިން ވަނީ މި ފަހުން އިރާގުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން ވަަނީ އަންބާރު ޕްރޮވިންސުގައި އޮންނަ މުހިއްމު އަވަށެއް ކަމަށްވާ ރަމާދީ ހިފާފަ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.