ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވެހިކަމޭ ބުނެފި ނަމަ އެކަމާ ދެބަސްވާނެ މީހަކު ނެތެވެ. އިޖްތިމާއީ އެތަށް ބައިވަރު ކަމެއްގެ ފެށުމަކީ ވެސް މި މައްސަލަ އެވެ. އެކަމަކު އެކަމުގެ ހައްލު އަދިވެސް ފެންނަނީ ވަރަށް ވެސް ދުރުގައި އޮތްވަ އެވެ. މާލޭގެ ކުލިތައް "އިސްކޮޅަށް" ވުރެ މައްޗައް އުފުލި މައްސަލަ ވަނީ ހައްތަހާ ގޯހެވެ. ބޯހިޔާވަހި ކަމަކީ މި މާލޭގައި ތަދު އެއްޗަކަށް ވެއްޖެ އެވެ. އަނެއްކ ކޮޅު އަތޮޅުތެރެއިން، ބިމެއް ލިބިފައި އޮތަސް، ބޭންކުތަކުގެ އިންޓްރަސްޓް ރޭޓާއި އެހެނިހެން ކަންކަން ހުރީ ގެދޮރު އެޅޭ މިންވަރަކަށް "ލުއި" ކޮށްދީފައެއް ނޫނެވެ. އެއީ ވެސް އަދި އުންމީދެއް ނޫނެވެ.
ނަމަވެސް ކިރިޔާ ވެސް އުންމީދެއް ލިބުނީ މި ދިޔަ ދުވަސްތަކުގައި ހައުސިން ޔުނިޓާއި ފްލެޓުތަކުގެ ވާހަކަ ސަރުކާރުން މާ ގިނަގިނައިން ދެއްކީމަ އެވެ. ހަތްހާހުން ފެށިގެން ގޮސް 15،000 އަށް އަދަދު ބަދަލުވަމުން އައި "ހިޔާ" މަޝްރޫއާއި އެންމެނަށް ފްލެޓާއި ގޯތި ލިބޭ "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއުތަކުން އުންމީދު އާވި އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން މަންފާކުރި ރައްޔިތަކު ނެތެވެ. އެންމެ ބޮޑުވެގެން ވެސް އަތަށް އެރީ، ފްލެޓު ލިބޭނެ ކަމަށް ބުނާ ސްލިޕެކެވެ. އެކަމަކު އެއީ ވެސް ޔަގީންކަމެއް ނޫނެވެ.
އާ ސަރުކާރުން ވެރިކަަމާ ހަވާލުވެ ހިޔާ ފްލެޓުގެ މަޝްރޫއު ހާވާ ބަލައި އެކިއެކި މައްސަލަތައް ހޯދަމުން އެބަދެ އެވެ. މިހާރު ހިޔާ ފްލެޓުތައް ހަދާފައި ހުރި ގޮތް ރަނގަޅެއް ނޫނެވެ. ފްލެޓުތައް ބެހި ގޮތް ވެސް ކަމަކު ނުދެ އެވެ. އޭގެ ސަބަބުން ސްލިޕު ލިބުނު މީހުންނަށް ވެސް ފްލެޓު ލިބޭނެ ކަމުގެ ގެރެންޓީއެއް ނެތެވެ. ރައްޔިތުން ކުރާ ސުވާލަކީ ބޯ ހިޔާވަހިކަމަށް އާދޭސް ކޮށްކޮށް އަދި ކީހާ ދުވަހަކު އިންތިޒާރު ކުރަން ޖެހޭނެ ހެއްޔެވެ؟
ފުރަތަމަ ވެސް ހެދީ ގޯސް!
ހިޔާ މަޝްރޫއަކީ ހަައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޗައިނާ ސްޓޭޓް އިންޖީނިއަރިން ކޯޕަރޭޝަންއާ ދެމެދު 20 ޖުލައި 2016 ވަނަ ދުވަހު ގާއިމް ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރިޔަށްދާ މަޝްރޫއެކެވެ. އޭގެ އަމަލީ މަސައްކަތް 19 ޑިސެމްބަރު 2017 ގައި ފެށިއިރު އެއްބަސްވެފައި ވަނީ 25 ބުރީގެ 16 އިމާރާތެއްގައި 6880 ފްލެޓު އަޅާށެވެ.
އެ މަޝްރޫއަށް އެޅިގެން ދިޔަ "ބިންގާ" ޕްލޭނިން ސްޓޭޖުގައި ވެސް ގޯސްކޮށް ހިނގާފައިވާ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު "އަވަސް"އަށް ވިދާޅުވި އެވެ. އެއީ އެ ބިޔަ މަޝްރޫއުތައް ނިންމުމުގެ ޒިންމާާ އެޅުވީ މާލީ ގޮތުން ގާބިލްކަމެއް ނެތް ސަރުކާރުގެ ކުންފުނިތަކުގެ ބޮލުގަ އެވެ. އެފަދަ ބިޔަ މަޝްރޫއެއް ފެށުމުގެ ގާބިލުކަން އެ ކުންފުނިތަކަށް ލިބިފައި ނެތް އިރު ކިރިޔާ ވެސް ފްލެޓު އެޅޭ ވަރު ކުންފުނިތައް ފްލެޓުތައް އަޅައިފި ނަމަ ތިބީ މާލީ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ހާލަތެއްގަ އެވެ.
"ކުންފުނިތަކުގެ މުވައްޒަފުންނަށް އެޕާޓްމަންޓެއް ލިބުމަކީ ވަރަށް ވެސް ރަނގަޅު ކަމެއް، ނަމަވެސް ރާއްޖޭގެ ސަރުކާރު ކުންފުނިތަކަށް އެކަން އެހާ ފީސަބަލްތޯ ސުވާލުކޮށްލަން ޖެހޭ. މި ބިޔަ މަޝްރޫއު ހަވާލު ކުރި ގިނަ ކުންފުނިތައް މިހާރު ވެސް ކޮޅަށް އެހެރީ ދައުލަތުގެ ބޮޑެތި އެހީތަކާއެކު. މަޝްރޫއުތައް ހަވާލުކޮށް ރައްޔިތުންނަށް އުންމީދުތައް ދައްކާހެދި އިރު މިއިން ކަމަކަށް ބަލާނުލައި،" އިސް އޮފިޝަލު ވިދާޅުވި އެވެ.
އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ އެ މަސައްކަތް ކުރާނެ ކަމަށް 16 ކުންފުންޏެއް ސޮއި ކުރި އިރު މަޝްރޫއު މިހާތަނަށް ފެށިފައި ވަނީ އެންމެ އަށް ކުންފުންޏަކަށެވެ. ގިނަ ކުންފުނިތަކުގައި މާލީ އަދި ފަންނީ ގާބިލްކަން ނެތުމުން އެކަން ކުރަނީ ބޭރުގެ ކުންފުނިތަކަށް ސަބް ކޮންޓްރެކްޓު ކޮށްގެން ނޫނީ ބޭރުގެ ބެންކުތަކުން ލޯނު ނަގައިގެންނެވެ. އެހެންކަމުން މިހާރު ކުރިޔަށް ދަނީ 4000 އެއްހާ ފްލެޓުތަކުގެ މަސައްކަތެވެ. ފްލެޓު ލިބުނު ކަމަށް ބުނާ މީހުންގެ އަދަދު އެއަށް ވުރެ އަދި މާ ގިނަ އެވެ.
ނިއުޅުވާލަން އުނދަގޫ ބޮޑެތި ގޮއްތަކެއް!
ހިޔާ ފްލެޓުތަކުގެ މައްސަލަ ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް ބުނެ މި ސަރުކާރުން ކަންކަން ހަމަ މަަގަށް އަޅުވަން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ ދެ މަސައްކަތެކެވެ. އެއްކަމަކީ މިހާތަނަށް އަޅަން ފަށާފައި ހުރި ފްލެޓުތަކާއި ކުރިޔަށް އަޅަން ހުރި ފްލެޓުތަކުގެ ފްލޯ ޕްލޭންގައި ހުރި މައްސަލަތައް ހައްލުކުރުމެވެ. ރައީސް ވެސް ސިފަ ކުރައްވަނީ އެއީ އިންސާނުން ދިރިއުޅެން ހަދާފައިވާ ތަނެއް ނޫން ކަމަށެވެ. މި ސަރުކާރުގެ ވެރިން ސިފަކުރައްވާ ގޮތުގައި، އެއީ ކޮތަރު ކޮށިތަކެކެވެ.
މެންބަރަކު ކުރެއްވި ސުވާާލަކަށް ޖަވާބު ދެއްވަމުން މަޖިލީހަށް ހާޒިރުވެވަޑައިގެން ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވަނީ އެ މައްސަލައަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައިފަ އެވެ. އާތިފާ ވިދާޅުވި ގޮތުގައި ދެ ކޮޓަރީގެ އެޕާންޓުމަންޓު ކަމަށް ބުނެ ހަދާފައި ހުރީ 550 އަކަފޫޓުގެ ކުދި ގޮޅިތަކެކެވެ. ކޮންމެ ފްލޯއަކަށް އެތަށް ބަޔަކު އަރަން ޖެހޭ އިރު ހަރުކޮށްފައި ހުރީ އެންމެ ލިފްޓެކެވެ. އެހާ ގިނަ ބަޔަކު ދިރިއުޅޭ ފްލެޓް ޓަވަރުތަކުގައި ގިނަ މީހުންނަށް އެކަށީގެންވާ ހިދުމަތް ފައްކާކޮށްފައެއް ނުވެ އެވެ.
"550 އަކަފޫޓަކީ ވަރަށް ކުދި ތަންތަން ކަމަށްވާއިރު ރާއްޖޭގެ އާއިލާގެ ނިސްބަތުން ދިރިއުޅެން ރަނގަޅު ތަންތަންކަމުގައި ނުވާތީ މިހާރު ހަދާ ތަންތަނުގައި ސްޓްރަކްޗާއަށް ބަދަލު ނުކޮށް ތިން ކޮޓަރިއަށް ބަދަލު ކުރުމަށް ހުރިހާ އެޕާޓްމަންޓުތަކެއް ބަދަލު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައި، އެގޮތުން ދެ ކޮޓަރީގެ 1104 ހައުސިން ޔުނިޓަށާއި ތިން ކޮޓަރީގެ 2484 ހައުސިން ޔުނިޓު ބަދަލު ކުރާނެ، އެ ބަދަލާއެކު ހައުސިން ޔުނިޓުތަކުގެ ޖުމުލަ އަދަދު 3588 ހައުސިން ޔުނިޓަށް ބަދަލުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާ ފްލެޓުތަކާ ގުޅޭ ގޮތުން ސަރުކާރުން ދެވަނައަށް ބަލަމުން އަންނަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމިޓީއެއް ނަގަންގަވައިގެން ބައްލަވާ ފްލެޓު ދޫކުރީ އިންސާފުވެރިކޮށްތޯ ބަލާ މައްސަލަ އެވެ. އެކަން އޮތް ގޮތުގެ އޮޅުން ބޮޅުންކަން އަދި އިންތިހާއަށް ބޮޑެވެ. މައްސަލަ އެހާވެސް ހައްސާސީ އެވެ.
ފްލެޓް އެވޯޑްކުރި ގޮތުގެ ކަންކަން ބަލައި ކޮމިޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރުން ވިދާޅުވި ގޮތުގައި ފްލެޓުތައް ދިނުމުގައި އެއްވެސް ހަމައެއް އުސޫލެއް ބޭނުންކޮށްފައެއް ނުވެ އެވެ. ބައެއް ފޯމްތައް ކޮމިޝަނުން ބެލިއިރު، ދިރިއުޅުމުގެ ހާލަތުގެ ބައި ފޯމްގައި އެއްވެސް ވަރަކަށް ނުފުރާ ހުރި ބައެއް ފޯމްތަކަށް ވެސް ފުލް މާކްސް އެވޯޑްކޮށްފައި ފްލެޓް ދިނީ އެވެ. ދިރިއުޅުމުގެ ހާލަތަށް ގިނަ ޕޮއިންޓް ލިބޭ ގޮތަށް މިނިސްޓްރީ އިން ނިންމާފައި އޮތް ނަމަވެސް ދިރިއުޅުމުގެ ހާލަތު އޮޅުންނުފިލުވާ ކަމާއި އަލަތު ކައިވެނީގެ ފްލެޓް ދީފައިވާ ފަރާތެއް ފޯމް ހުށަހެޅި އިރު ވަރިވެފައިވީ ނަމަވެސް ފްލެޓުިބިފައިވާ ކަމަށް ކޮމިޓީއިން ފާހަގަ ކުރެ އެވެ. އަދި ދަފްތަރުގައި ނެތް މީހުންނަށް ދަފްތަރު ކެޓަގަރީއިން ފްލެޓް ލިބުމާއި ދުވަހަކު މާލޭގައި ދިރިއުނޫޅޭ ފަރާތްތަކަށް ވެސް ފްލެޓް ލިބުނުކަން އޮތީ ފަޅާއަރައިފަ އެވެ.
"ވަރަށް ކަވި މަސައްކަތެއް އަޅުގަނޑުމެން ކުރަން މިޖެހެނީ. މި ހުރިހާ ފޯމްތަކެއް ތަންތަނުން ގެނެސްގެން ހާވައިގެން އަޅުގަނޑުމެން މި ބަލަނީ 24 ގަނޑިއިރު މަސައްކަތް ކޮށްގެން ވެސް ނަތީޖާ ނެރެވޭތޯ. ގާތްގަނޑަކަށް 4-5 މަސް ނަގާނެ ކަމަށް މި ބެލެވެނީ މި މަސައްކަތަށް. އެކަމަކު އެއަށް ވުރެވެސް ދިގު ވެދާނެ. އެއީ މައްސަލަ ބަލަމުން ދަނިކޮށް ކުއްލިއަކަށް ވެސް ފެނިދާނެ އެކަމާ ގުޅޭ ލިޔުންތަކެއް. މިކަހަލަ ގޮތަކަށް މިދަނީ،" ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މުއިއްޒު އަދުނާން ވިދާޅުވި އެވެ.
މައްސަލަ ބެލިޔަސް ފްލެޓެއް ނުލިބޭ
ހައުސިން މިނިސްޓްރީ އިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު ހިޔާ ފްލެޓުތަކަކީ ގާތްގަނޑަކަށް 35،000 އެއްހާ މީހުންގެ އާބާދީއަކަށް އަމާޒުކުރި ތަންތަނެވެ. ސުވާލަކީ ފްލެޓުގައި ހުރި މައްސަލަތަކާއި ބެހިގޮތުގެ މައްސަލަތައް ހައްލުވާ ހިސާބުން އެންމެނަށް ފްލެޓަށް ވަދެވިދާނެ ހެއްޔެވެ؟ އޭގެ ޖަވާބު ހިޔާ ފްލެޓުތަކާ ދިމާލަށް ތަންކޮޅެއް ދުރުގައި ހުރެ ބަލައިލިޔަސް ލިބޭނެ އެވެ.
ހިޔާ ފްލެޓުތައް ހަދަމުން އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަ އެވެ. އަލަށް ހިއްކި އަދި އޮތީ ހަނަފަސް ސަހަރެއްގެ ގޮތުގަ އެވެ. އިންޑިޔާ ކުންފުންޏަކަށް ހަވާލުކޮށްގެން 2017 ވަނަ އަހަރުގެ ތެރޭގައި ބައެއް މަގުތައް ނިންމާާލެވުން ނޫން ކަމެއް އަދި ނުވެ އެވެ. އެތަނުގެ މެދެއްހާ ހިސާބުގައި ދެން ހުރީ ހިޔާ ފްލެޓުތަކެވެ. އެތަނުގައި އިންސާނުން އުޅެން އަދި ވަސީލަތްތައް ފައްކާވެފައެއް ނެތެވެ.
ތިރީސް ފަސް ހާހެއްހާ މީހުންގެ އާބާދީއަކަށް ގެދޮރު އެކަނި އަޅާ ދީގެން ފުދޭނެ ހެއްޔެވެ؟ ހުޅުމާލެ ދެވަނަ ފިޔަވަހި އެއްވެސް މިންވަރަކަށް ތަރައްގީ ނުކޮށް އެ ހުރިހާ އެންމެން އުޅެނީ ކިހިނެތް ހެއްޔެވެ؟ ފިހާރައަކަށް ނުވަތަ މިސްކިތަކަށް ނުވަތަ ޕާކަކަށް ދާން ވިޔަސް ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް އެ ހިރަފުސްތަކު ތެރޭ ދުއްވާފައި ދާންވީ ހެއްޔެވެ؟ މިއިން އެއްވެސް ކަމެއް އެތަނުގައި ނެތެވެ. ހުރީ ހަމައެކަނި އުސްކޮށް ފެންނަ ކޮންކްރީޓް ދެތިން އިމާރާތެކެވެ.
"ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓުތައް ހަދާ އިރު އެތަނުގައި މީހުން ދިރިއުޅެން ބޭނުންވާ އެހެން ވަސީލަތްތައް ގާއިމް ކުރުމަށް އެއްވެސް ކަމެއްކޮށްފައި ނުވޭ، އަދި އެފަދަ ކަމެއް ކުރުމުގެ ވިސްނުމެއް ވެސް ގެންގުޅެފައެއް ނުވޭ، އަދި އެކަން ބަޔަކާ ހަވާލު ވެސްކޮށްފައެއް ނެތް، ދެން ހުރެފަ ފްލެޓުތައް ނިމޭތަނުން ބޮޑު އާބާދީއެއް އެއްފަހަރާ އެތަނަށް ބަދަލުވާނީ ކިހިނެތް،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހިޔާ ފްލެޓް މަޝްރޫއުގެ ބިންގާ ވެސް އެޅިފައި ވަނީ ގޯހުގެ މަތީގަ އެވެ. މި އަހަރު ތެރޭ ހިޔާ ފްލެޓްތަކަށް ވަދެވޭނެ ކަމަށް ބުނި ނަމަވެސް އެއީ އަދި މާދުރުގައި އޮތް ހުވަފެނެކެވެ. ނަމަވެސް ކޮންމެ ދުވަހަކު ގުޅައި ފްލެޓުތައް ނިމޭނެ ދުވަހެއް އޮޅުން ފިލުވާ މީހުން މަދެއް ނޫނެވެ. ސަބަބަކަށް ވަނީ، ހިޔާވެހިކަން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ބަޔަކު މި މާލޭގައި ގަނަތެޅެން ޖެހިފައި ވާތީ އެވެ.