ޓީވީ ސިލްސިލާ "ނާގިން" އިން މަޝްހޫރުކަން ހޯދުމަށް ފަހު، ބޮލީވުޑްގައި ގިނަ ފިލްމުތަކަކުން ޖާގަ ހޯދަމުން އަންނަ ބަތަލާ މޯނީ ރޯއި އަނެއްކާވެސް ފިލްމަކަށް ސޮއި ކޮށްފި އެވެ.
މި ފަހަރު އޭނާ ސޮއިކޮށްފައި ވަނީ އެކްޓަރު ނަނާޒުއްދީން ސިއްދީގިއާ އެކު "ބޯލެ ޗޫޅިޔާ" ފިލްމުގެ ލީޑް ބަތަލާގެ ރޯލަށެވެ.
ނަވާޒުއްދީންގެ ކޮއްކަ ޝަމަސް ސިއްދީގީ ޑައިރެކްޓް ކުރާ މި ފިލްމުގެ ބަތަލާގެ ރޯލު އެންމެ ކުރިން ހުށަހެޅީ ޝްރައްދާ ކަޕޫރަށް ކަމަށްވެސް މީގެ ކުރިން ވަނީ ރިޕޯޓު ކޮށްފަ އެވެ. ނަމަވެސް މޯނީ މި ފިލްމަށް ސޮއި ކޮށްފި ކަން ކަށާވަރު ކޮށް ނަވާޒުއްދީން ވަނީ ޓްވިޓާ މެދުވެރިކޮށް ބުނެފަ އެވެ. އަދި ދެމީހުން އެކުގައި ފިލްމުގެ "ފަސްޓް ލުކް" އަށް ނަގާފައިވާ ފޮޓޯ ތަކެއްވެސް ވަނީ ހިއްސާ ކޮށްފަ އެވެ.
ނަވާޒުއްދީން އާއި މޯނީ ފެންނަ މި ފިލްމަކީ ލޯބީގެ ވާހަކައަކަށް ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ޝޫޓިން މޭ މަހުން ފެށިގެން ޖޫން މަހަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައިި ކަމަށް ބޮލީވުޑްގެ ހަބަރުތަކުން ބުނެ އެެވެ. އަދި، ފިލްމު މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނާނެ ކަމަށް ޕްރޮޑިއުސަރު ބުނެ އެވެ.
ފިލްމުގައި ދެ ތަރިން އެކުގައި ފެންނަން ހަމަޖެހިފައިވާއިރު މިއީ މޯނީ އަށް ބޮލީވުޑްގައި ކުރިއެރުމަށް ލިބޭނެ އެންމެ ފުރިހަމަ އެއް ޗާންސް ކަމަށް މޯނީގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ. އެއީ ފިލްމުގައި މޯނީ އާއެކު ފެންނަ ނަވާޒުއްދީން އަކީ ވަރުގަދަ ރޯލުތައް ކުޅެފައިވާ އެކްޓަރަކަށް ވާތީ އެވެ. އަދި މި ފިލްމުގައި ނަވާޒުއްދީން އާއި މޯނީގެ ކެމިސްޓްރީ އަކީ ފިލްމުގެ އެންމެ ހާއްސަ ކަމަކަށް ވާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ރާޖޭޝްވެސް ބުނެފައިވެ އެވެ.
އަކްޝޭ ކުމާރް އާއެކު ފިލްމު "ގޯލްޑް" އިން ބޮލީވުޑަށް ތައާރަފުވި މޯނީގެ އިތުރު ތިން ފިލްމެއް ވެސް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ.