ލައިފްސްޓައިލް

ބަރާބަރަށް ފެން ބޯނީ ކިހިނެއް؟ މިހެން!

ކޮންމެ މީހަކު ދުވާލަކު މަދުވެގެން އަށްތަށި ފެން ބޯން ޖެހޭކަން މިއީ އަބަދުވެސް ދައްކާ ވާހަކަ އެކެވެ. މިއީ އާ ކަމެއް ވެސް ނޫނެވެ. ހަށިގަނޑުގެ 60 ޕަސެންޓަކީ ފެނަށް ވާއިރު، ހަށިގަނޑު ރަނގަޅަށް ހެދިބޮޑުވެ، ބޭނުންވާ ވަރަށް ހަކަތަ ލިބުމާއި ސާފު ހަންގަނޑެއް ހޯދުމަށް ފެން އެހީތެރިވެދެ އެވެ. އެކަމަކު އަހަރުމެންގެ ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަރަށް ފެން ބޮވޭ ހެއްޔެވެ؟ ފެން މީރުވިޔަސް ނުބައި ވިޔަސް ފެން ބޯން ޖެހެ އެވެ. ގިނައިން ފެން ބޯން އުނދަގޫ ވާނަމަ މި ފަދަ ގޮތްގަތަކެއް ބޭނުން ކުރެވިދާނެ އެވެ.

ފުޅި ފުޅިއަށް ފެން އެޅުން

ކޮންމެ ތަނަކަށް ދިޔަ ކަމުގައި ވިޔަސް، ފެން ފުޅި އެއް ހިފައިގެން ދިއުން މުހިއްމެވެ. ފެން ހުސް ވުމުން ދެވަނަ ފަހަރަށް ވެސް އެޅޭނެ ކަހަލަ ފެންފުޅި އަކަށް ހެދުމަކީ ވެސް މުހިއްމު ކަމެކެވެ. އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ދަގަނޑު ފުޅި ބޭނުން ކުރާށެވެ. މިފަދަ ގޮތަކަށް ފުޅި ފުޅިއަށް ފެން އަޅައިގެން ވަޒީފާއަށް ގޮސް ކައިރީގައި ނުވަތަ ފެންނަ ހިސާބެއްގައި ފެންފުޅި ބޭންދުމުން ފެން ބޯން ހަނދާން ވާނެ އެވެ. އަދި ފެން ބުއިމުގެ މުހިއްމުކަން ވެސް އަމިއްލަ އަށް އިހުސާސް ކުރެވޭނެ އެވެ. އެމީހަކަށް ކަމުދާ ކަހަލަ ކުލައަކަށް، ބައްޓަމަކަށް ހުންނަ ރީތި ފުޅީގައި ފެން ގެންދިއުމުން މިކަން ކުރުމަށް ވެސް ފަސޭހަ ވާނެ އެވެ.

ލޭބަލް ކުރުން

ފެން ފުޅި ފެންނަ ގޮތަށް ކައިރީގައި ބަހައްޓައިގެން އިންނަ އިރު ވެސް ފެން ބުއިމަށް ހަނދާން ނެތިދާނެ އެވެ. ނުވަތަ އެކަމުގެ މުހިއްމު ކަން ނޭނގިދާނެ އެވެ. މިކަން ހައްލު ކުރުމަށް ފެން ފުޅީގައި ލޭބަލް ކުރެވިދާނެ އެވެ. ފެން ބޯންވީ ކޮން ކޮން ވަގުތެއްގައި ކަން ހަނދާން ހުންނާނެ އެވެ. އަދި ކޮންމެ ފަހަރަކު ވަކި ވަރަކަށް ފެން ބޮއެ ފުޅި އެއްކޮށް ހުސްކޮށްލުމުން އެދުވަހެއްގެ "ފެން ބުއިމުގެ ޓާސްކް" ނިމުނީ އެވެ. މިފަދަ ގޮތަކަށް ވިޔަސް ފެންފުޅި ހުސްކޮށްލެވިއްޖެ ކަމުގައި ވާނަމަ އެދުވަހަކަށް ބޭނުންވާ ވަރަށް ހަށިގަނޑަށް ފެން ލިބުނީ އެވެ.

އިންފިއުސް ކުރުން

ގިނަ މީހުން ފެން ބުއިމާ ދުރުވަނީ ރަހައެއް ނެތް ބުއިމަކަށް ވާތީ އެވެ. ސާފު ފެނުގައި ރަހައެއް ނުހުންނަ އިރު، ދުވާލަކަށް ދެތަށި ފެން ނުބޮވޭ މީހުންވެސް އުޅެ އެވެ. އެއްވެސް ރަހައެއް ނެތް އެއްޗެއް ބޯން އުނދަގޫވެ ހޮޑުލަވާ ގޮތް ވާތީ ކަމަށް ބުނެ އެވެ. މި މައްސަލަ ހައްލު ކުރުމަށް "އިންފިއުޒާ" ފެން ފުޅި އެއް ހޯދާށެވެ. ނޫނީ ފެންފުޅި އަކަށް މޭވާ އެއް ނުވަތަ ތަރުކާރީ އެއް ކޮށާފައި އަޅާށެވެ. މިހެން އެޅުމުން އެ މޭވާއެއްގެ ރަހަ ފެނުގައި ގިނަ އިރު ހުންނާނެ އެވެ. މިކަހަލަ ފެން ބުއިމަށް ގިނަ މީހުން ބޭނުން ކުރަނީ ލުނބޯ، ސްޓްރޯބެރީ، އޮރެންޖު ފަދަ ރަހަ ގަދަ މޭވާ އެވެ. އިންފިއުޒާގެ އެހީގައި އެކި ދުވަހު އެކި ރަހަދޭ ފެން ބޮވޭނެ އެވެ. މިވެސް ގިނައިން ފެން ބުއިމަށް މަސައްކަތް ކުރެވިދާނެ ގޮތެކެވެ.

ޓްރެކް ކުރާނެ އެޕްލިކޭޝަން އެއްވެސް އެޅިދާނެ

ގިނައިން ފެން ބުއިމަށް އެކި ގޮތްގޮތް ހޯދަމުން ދާއިރު އެންމެ ޒަމާނީ ގޮތްވެސް ބޭނުން ކުރެވިދާނެ އެވެ. ފެން ބޯނެ ވަގުތާއި މިހަރު ބޮވިފައި ހުރީ ކިހާ ވަރެއްގެ ފެން ކަމެއް ފޯނު އެޕްލިކޭޝަންތައް މެދުވެރިކޮށް ދެނެގަނެވޭނެ އެވެ. "ވޯޓާ ޓްރެކް" ކުރެވޭނެ އެޕްލިކޭޝަން އެއް ފޯނަށް އެޅުމަަށްފަހު އޭގައި ޝެޑިއުލް ކުރަމުން ގެންދާށެވެ. މިހެން ޝެޑިއުލް ކުރުމުން އެ އެޕްލިކޭޝަންގެ އެހީގައި ހަށިގަނޑަށް އިތުރަށް ބޭނުންވަނީ ކިހާ ފެނެއްތޯ ބުނެދޭނެ އެވެ. އަދި ނޯޓް ކުރަން ހަނދާން ނެތޭ ކަމުގައި ވަންޏާ އެޕް މެދުވެރިކޮށް ރިމައިންޑާވެސް ދެވިދާނެ އެވެ. އޭރުން ގަޑިން ގަޑިއަށް ފެން ބުއިމަށް ހަނދާން ކޮށްދޭނީ އަތުގައި އޮންނަ ފޯނެވެ.

މިކަހަަ އުކުޅުތައް ބޭނުންކޮށްގެންވިޔަސް ފެންބޯން އެބަ ޖެހެ އެވެ. އެމީހަކަށް ފަސޭހަ ގޮތަކަށް މަސައްކަތް ކޮށްގެން ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ ފެން ހޯދުން މުހިއްމެވެ. މިކަމުގެ ފައިދާ ގިނަ ދުވަހުން ދައްކާނެ އެވެ.