ރައްޔިތުންގެ މަޖިލިސް

މުއްދަތެއް ނެތް ގޮތަށް މަޖިލިސް ޖަލްސާތައް މެދުކަނޑާލައިފި

Mar 13, 2019
1

މުއްދަތެއް ނެތް ގޮތަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި އެވެ.

މަޖިލީހުގެ ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު "އަވަސް" އަށް ވިދާޅުވީ، މި ހަފްތާ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދަން މަޖިލީހުގެ ރައީސް ނިންމެވީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ޕާޓީތަކުން ވެސް އެގޮތަށް އެއްބަސް ވުމުން ކަމަށެވެ.

އަންނަ އެޕްރީލް ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށް ކުރިއަށްދާ މަޖިލިސް އިންތިހާބުގެ ކެމްޕޭންތައް ޕާޓީތަކުން ގެންދަނީ ވަރަށް ފޯރީގައި ކުރިއަށެވެ. އެގޮތުން މަޖިލީހުގައި މިހާރު ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް އިންތިހާބުގައި ވާދަ ކުރައްވަ އެވެ. އެބޭފުޅުން ދާއިރާގެ ރަށްތަކަށް ގެންދަނީ ދަތުރު ކުރައްވަމުން އެވެ.

ޒިޔާއު ވިދާޅުވީ އަދި އޮތީ މަޖިލީހުގެ ޖަލްސާތައް މި ހަފްތާ ނުބޭއްވުމަށް ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ ކޮން އިރަކުތޯ ދެންނެވުމުން ޒިޔާއު ވިދާޅުވީ މަޖިލިސް ޖަލްސާތައް ދެން ފަށާނެ ތާރީހެއް އަދި ނިންމާފައި ނުވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް އާންމުކޮށް އޮންނަނީ ކޮންމެ ހަފްތާ އެއްގެ ހޯމައިން ބުދަ ދުވަހަށެވެ. ޒިޔާއު ވިދާޅުވީ އަންނަ ހަފްތާ ޖަލްސާތައް އަލުން ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު ޔަގީން ކަމެއް އޭނާ ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ކޮމިޓީތަކުގެ މަސައްކަތްތަކެއް މިދުވަސްކޮޅު ނުހިނގަ އެވެ. އެހެންވެ، ކޮމިޓީތަކުގައި ވަރަށް ގިނަ ބިލްތަކުގެ މަސައްކަތް ނުނިމި އެބަ ހުއްޓެވެ. އާންމު ގޮތެއްގައި މަޖިލީހުގެ ފްލޯގައި މަސައްކަތްތައް ކުރަނީ ކޮމިޓީތަކުން މައްސަލަތައް ދިރާސާކޮށް ނިމައި ފޮނުވުމުން އެވެ.

މަޖިލީހުގައި ހުރި ބިލްތައް:

- ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް
- ކުޑަކުދިންގެ އަދުލުގެ ބިލް
- ޖަމްއިއްޔާތަކުގެ ބިލް
- ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ރައްކާތެރިކަން ދިނުމުގެ ބިލް
- ވިސުލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލް
- ދިވެހިރާއްޖޭގެ ގާނޫނީ ހިދުމަތުގެ ބިލް

ރައްޔިތުން މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި ވަނީ، ސަރުކާރުގެ ފަރާތުން ހުށަހެޅި ޕެންޝަން ފަންޑްގެ ފައިސާއިން ފަރުލު ހައްޖުވެވޭ އިސްލާހާއި ހެޔޮ ފާހަގަ ނޫން އެއްޗެއް ވޯޓް ކަރުދާހުގައި ކުރަހައިފި ނަމަ ވޯޓް ކަރުދާސް ބާތިލްވާ އިސްލާހު ފާސްކޮށްފަ އެވެ. އެހެން ނަމަވެސް، މަޖިލީހުގެ އާ ދައުރު ފެށުނު ފަހުން ތިން ފަހަރަށް އެޖެންޑާކޮށްގެން ވެސް ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލަށް ވޯޓަށް އެހިފައެއް ނުވެ އެވެ. ވޯޓަށް ނޭހުނީ، ވޯޓަށް އަހަން ކޯރަމް ހަމަނުވެގެން އެވެ. މީގެ އިތުރުން، ލީގަލް ޕްރޮފެޝަންގެ ބިލް ވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އެ ބިލްތަކުގެ މަސައްކަތް ނުހިނގާތީ ރައީސް ސޯލިހު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

އެ ބިލްތަކާ ދެކޮޅުކަން މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން ހާމަކުރައްވައިފަ އެވެ. އެ ދެ ބިލްގެ މަސައްކަތް އޮތީވެސް، އެހެންވެ މަޑުޖެހިފަ އެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން ދެއްވައި މަޖިލިސް މިއަހަރަށް ހުޅުވާފައި ވަނީ، ފެބުރުއަރީ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް މަޖިލީހުގެ އިދާރާގެ މަރާމާތުގެ މަސައްކަތްތައް ނިންމައި، ޖަލްސާތައް ފަށާފައި ވަނީ ފެބުރުއަރީ 26 ވަނަ ދުވަހު އެވެ.