ޗެމްޕިއަންސް ލީގް

ރޮނާލްޑޯއާމެދު އުފައްދާނެ އެއްވެސް ސުވާލެއް ނެތް

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑެއް ނުޖެހިގެން ޗެމްޕިއަންސް ލީގު ނިންމާލަން ޖެހޭނެ ކަމަށް ވިސްނެން ވެސް ނެތް ކަމަށް، ރޭ އެތުލެޓިކޯ މެޑްރިޑް ކަޓުވާލުމަށް ފަހު ކްއާޓާ ފައިނަލަށް ދަތުރު ކުރި، ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރޮނާލްޑޯ ހެދި ހެޓްރިކުން ޔުވެންޓަސް މެޗު ކާމިޔާބު ކުރީ 3-0 ންނެވެ. ފުރަތަމަ ލެގް މެޗުގައި، އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ، 2-0 ންނެވެ. އެތުލެޓިކޯ މެޗަށް ނިކުތީ އެ ހިތްހަމަޖެހުމާއެކު އެވެ.

އެލެގްރީ ބުނީ، ރޮނާލްޑޯއަށް އެންމެ ލަނޑެއް ޖެހިގެން ޗެމްޕިއަންސް ލީގުން އޭނާ ވަކިވާން ޖެހޭނެ ކަމަށް ވިސްނުމަކީ ނުވާނެ ކަމެއް ކަމަށެވެ.

"ކްރިސްޓިއާނޯ [ރޮނާލްޑޯ] ޖަހާނީ އެއް ގޯލް ކަމަށް ބަލައިގެން ޗެމްޕިއަންސް ލީގް ނިމޭނެ ކަމަށް ވިސްނުމަކީ ނުވާނެ ކަމެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން އެލެގްރީ ބުންޏެވެ. "އޭނާ ލަނޑު ޖެހީ އޭނާ މޮޅަށް ކުޅެފައި ޕެނަލްޓީ އޭރިއާ ތެރޭގައި މޮޅަށް ކުޅެގެން އަދި ޓީމުގެ ކުޅުންތެރިންވެސް އޭނާ އަށް އެހީވުމުން."

އިޓަލީ ލީގާއި އިޓާލިއަން ކަޕު ހޯދުނު ނަމަވެސް ޗެމްޕިއަންސް ލީގްގައި އެ ޓީމަށް ކާމިޔާބު ނުލިބޭތީ އެލެގްރީއަށް ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެ ފާޑު ކިޔުންތަކަށް އެލެގްރީ ބުނީ، އޭނާ އަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

އަމިއްލަ ދަނޑުގައި ޝާލްކޭއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ސިޓީން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި ކްއާޓާގެ ޖާގަ ޔަގީން ކޮށްފަ އެވެ. ސިޓީން ދެ ވަނަ ބުރު ކާމިޔާބު ކުރީ 10-2 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ރޭގެ މެޗުގައި ސިޓީގެ ހަތް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ސާޖިއޯ ކުން އަގުއޭރޯ އެވެ. ދެން ލަނޑުތައް ކާމިޔާބު ކުރީ ލިރޮއީ ސަނޭ އާއި ރަހީމް ސްޓާލިން، ބެނާޑޯ ސިލްވާ، ފިލް ފޯޑެން އަދި ގެބްރިއަލް ޖެސޫސް އެވެ.