ހަބަރު

ކުރިޔަށް އޮތް 5 އަހަރަށް ހުޅުމާލެއަށް ކަރަންޓް ދައްޗެއް ނުވާނެ: ސްޓެލްކޯ

ފިފްތު ޕަވާ ޕްރޮޖެކްޓް ނިމި މިހާރު ކުރިޔަށް ގެންދަނީ ޓެސްޓުކުރުމުގެ މަރުހަލާ ކަމަށާއި، އެޕްރޮޖެކްޓާއި ގުޅުން ހުރި ހުރިހާ ކަމެއް ނިމުމުން ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ހުޅުމާލެއަށް ކަރަންޓުގެ ދަތިކަމެއް ނާންނާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ހުޅުމާލެއިން ކަރަންޓް ކެނޑޭ މައްސަލައާ ގުޅިގެން ސްޓެލްކޯއިން މިއަދު ވަނީ ހުޅުމާލޭގައި އެކުންފުނިން ގާއިމްކޮށްފައިވާ 50 މެގަވޯޓްގެ ޖަނަރޭޓަރުތައް ހުންނަ އިމާރާތް ނޫސްވެރިންނަށް ދައްކާ އެ ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު ދީފަ އެވެ. އެ ޕްރޮޖެކްޓާއި ގުޅޭ ގޮތުން މައުލުމާތު ދެއްވަމުން ސްޓެލްކޯގެ ސުޕްރިންޓެންޑެންޓް އިންޖިނިއަރ އިބްރާހިމް ރައޫފު ވިދާޅުވީ، ފިފްތް ޕަވާރ ޕްރޮޖެކްޓްގެ ދަށުން ހަމަކުރަންޖެހޭ ވަސީލަތްތައް ހަމަ ކޮށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިޔަށް ގެންދަނީ ޖަނަރޭޓަރުތައް ޓެސްޓްކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މިހާތަނަށް އެއް ޖަނަރޭޓަރު ޓެސްޓުކޮށް ނިމިފައިވާ ކަމަށާއި، ކުރިޔަތް އޮތްތަނުގައި ބާކީ ހުރި ޖަނަރޭޓަރުތަކުގެ ޓެސްޓްތައްކޮށްނިމި އަންނަ އެޕްރީލް މަހުގެ ނިޔަލަށް ހުޅުމާލެއަށް އެ ޖަނަރޭޓަރުތައް ބޭނުންކޮށްގެން ކަރަންޓް ދެވޭނެ ކަމަށެވެ. އަދި މިހާތަނަށް އެ ޓެސްޓްކުރުމުގެ ތެރޭ ހުޅުމާލެއިން ކަރަންޓް ކެނޑިފައިވަނީ ދެފަހަރު ކަމަަށާއި، ކުރިޔަށް އޮތް ތަނުގައިވެސް ޓެސްޓް މަރުހަލާގައި ކަރަންޓް ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މާފަށް އެދޭކަމަށްވެސް ރައޫފު ވަނީ ވިދާޅުވެފަ އެވެ.

ރައޫފު ވިދާޅުވީ، މިހާރު ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ފިފްތް ޕަވާ ޕްރޮޖެކްޓުގެ ދަށުން ގެނައި ޖަނަރޭޓަރަކާއި، އެކުންފުނިން ކުރިން ހިންގަމުން އައި ޕަވާ ޕްލާނެޓުގައި ހުރި ޖަނަރޭޓަރުތައް ބޭނުންކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ފިފްތް ޕަވާރ ޕްރޮޖެކްޓްގެ ޖަނަރޭޓަރުތައް ޓެސްޓުކޮށް ނިމުމުން ކުރިން ހިންގަމުން އައި ޕަވާރ ޕްލާންޓް ހުއްޓާލާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މައްސަލައެއް ދިމާވެގެން މާލެއަށް ކަރަންޓު ފޯރުކޮށްދޭން ޖެހިއްޖެނަމަ، ކަރަންޓު ފޯރުކޮށްދިނުމަށް 138 ކޭވީގެ އިންޓާކަނެކްޝަން ލައިންއެއް މާލެއާއި ހުޅުމާލެއާ ދެމެދު އެޅުމުގެ މަސައްކަތުގެ ޑިޒައިނިން މަރުހަލާ ނިމި، އަމަލީ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށާއި، އެ މަސައްކަތް 2020ގެ ކުރިން ނިންމުމަށްފަހު މާލެއަށްވެސް ކަރަންޓް ފޯރުކޮށްދެވިގެންދާނެ ކަމަށް ރައޫފު ވަނީ ވިދާޅުވެފަ އެވެ.