ސޯޝަލް މީޑިއާގައި ހޭޝްޓެގް ބޭނުންކޮށްގެން ބަޔަކު ލައްވާ ކަމެއް ކުރުވުމަކީ މިހާރު މާ އުނދަގޫ ކަމެއް ނޫނެވެ. ހޭޝްޓެގް ޖެހުމަށްފަހު ޗެލެންޖް އެކޭ ބުނުމުން ކޮންމެ ބަޔަކުވެސް އެކަން ޓެސްޓު ކޮށްލާނެ އެވެ.
ހާއްސަކޮށް ވެށި ހިމާޔަތް ކޮށް ސާފު ކުރުމުގެ ކަމެއް ވިއްޔާ ބައިވެރިި ނުވެ ނުދެ އެވެ. މިފަދަ ކަންކަމުންވެސް މިހާރުގެ ޒުވާނުންނާއި ކުޑަކުދިން ތިމާވެއްޓާ ދޭތެރޭ ދެކޭ ގޮތް ބަދަލު ކޮށްލައިފި އެވެ.
މިހާރު އެންމެ ބޮޑަށް ވައިގައި ހިފައިގެން އުޅޭ ޗެލެންޖަކީ #ޓްރޭޝްޓެގް ޗެލެންޖެވެ. އެކި ތަންތަނަށް އަޅާފައި ހުރި ހުސް ފުޅި ތަކާއި އެކި ޒާތްޒާތުގެ ކުނިތައް ނެގުމުގެ ކުރިން ފޮޓޯ އެއް ނަގަ އެވެ. އަދި އެ ތަން ސާފު ކޮށްލާ ރީތި ކުރުމަށްފަހު ދެ ފޮޓޯ އެއްކޮށް ސޯޝަލް މީޑިއާއަށް ޕޯސްޓު ކުރަނީ #ޓްރޭޝްޓެގް ޖަހާފަ އެވެ.
އެ ސަރަހައްދެއްގެ އަސްލު ރީތިކަން ފެންނަނީ ސާފު ކުރުމަށްފަހު ނަގާފައިވާ ފޮޓޯ ލުމުންނެވެ. ކުނި ނެގި ބަސްތާ ތައް އެއް ކުރުމަށްފަހު ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ފޮޓޯ ދޫކޮށްލުމަށްފަހު މި ޗެލެންޖުގައި ދެން ތިބި މީހުންވެސް ބައިވެރި ވުމަށް ބުނެ އެވެ.
ކުނި އަޅާ ހަޑިކޮށްފައިވާ އެކި ތަންތަން ސާފު ކުރުމުގެ #ޓްރޭޝްޓެގް ޗެލެންޖު ފެށީ ބައިރޮން ރޮމާން ކިޔާ މީހެކެވެ. ތަނެއް ސާފުކޮށްލުމަށްފަހު ސޯޝަލް މީޑިއާއަށް ފޮޓޯ ހިއްސާ ކުރަމުން އޭނާ ބުނީ ފޫހިވެފައި ތިބި ޒުވާނުންނަށް މިއޮތީ ޗެލެންޖެކޭ އެވެ.
މި މަަހުގެ ފަހެއްގައި ފެށި މި ޗެލެންޖުގައި ދުނިޔޭގެ އެކި ކަންކޮޅު ތަކުން މީހުން ވަނީ ބައިވެރިވެފަ އެވެ. ޕާކު ތަކާއި ބީޗު ތަކުންގޮސް މަގުތައްވެސް ސާފު ކުރަނީ އެވެ. އިންސްޓަގްރާމް މެދުވެރިކޮށް މިހާރު 25،000 އަށް ވުރެ ގިނަ މީހުން ވަނީ މި ޗެލެންޖު ފުރިހަމަ ކޮށްފަ އެވެ. އަދި ފޭސްބުކް އާއި ޓްވިޓާގައިވެސް އެކި ގްރޫޕްތައް އެއްވެގެން މިކަން ކުރަމުން އެބަ ދެ އެވެ.
މިކަހަލަ ސާފު ކުރުމުގެ ޗެލެންޖެއް ރާއްޖޭގައިވެސް ވަނީ މި ފަހުން ކޮށްފަ އެވެ. ޒުވާނުންތަކެއް އިސްވެ ހުރެ ކޮބާ ސާފު ކިޔާ ޗެލެންޖުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ބައިވެރިވެފައި ވެ އެވެ.