ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެދުކަނޑާލިއިރު 20 ބިލެއް ނުނިމި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލިއިރު 20 ބިލެއްގެ މަސައްކަތް މަޖިލީހުގައި ނުނިމި އޮތްކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން، "އަވަސް"އާ ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މަސައްކަތް ނުނިމި ހުރި 20 ބިލްގެ ތެރެއިން 16 ބިލަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކެވެ. އޭގެ ތެރެއިން ފަސް ބިލެއްގެ މަސައްކަތް އޮތީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގަ އެވެ.

މި ސަރުކާރުން ފޮނުވި އެންމެ މުހިންމު އެއް ބިލް ކަމަށްވާ، "ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" ގެ މަސައްކަތް ވެސް އޮތީ އެ ކޮމިޓީގަ އެވެ. އަދި ގާނޫނީ ހިދުމަތުގެ ބިލާއި، ވިސުލްބްލޯވަރުންނަށް ހިމާޔަތް ދިނުމުގެ ބިލްގެ މަސައްކަތް ވެސް އޮތީ އެ ކޮމިޓީގަ އެވެ.

މިހާތަނަށް މަޖިލީހުގައި މަސައްކަތް ނުނިމި އެންމެ ގިނަ ދުވަސްވެފައިވާ ބިލަކީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޙަލީލް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލެވެ. އެ ބިލް މަޖިލީހަށް ހުށަހެޅީ 2014ގަ އެވެ. އެ ބިލްގެ މަސައްކަތް 2016 ވަނަ އަހަރަށް ނިންމުމަށް ސުންގަނޑި ކަނޑައެޅި ނަމަވެސް އެ ބިލްގެ މަސައްކަތް އަދިވެސް އޮތީ ނުނިމި ކޮމިޓީގަ އެވެ.

މައުލޫމާތުތަކުގައިވާ ގޮތުގައި، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައިވާ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލްގެ މައްސަލަ ނިންމުން އޮތީ، އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ގާނޫނީ ހިދުމަތުގެ ބިލް ނިންމަން އޮތީ 20 އެޕްރީލްގަ އެވެ. އަދި ވިސުލްބްލޯވާ ގާނޫނު އޮތީ، 30 އެޕްރީލް 2019 އަށް ނިންމަން ހިމަނައިފަ އެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލީ ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އެނގިފައިވާ ގޮތުގައި މަޖިލިސް ކެމްޕޭން ދުވަސްވަރު ކަމަށް ވުމުން، މެންބަރުން ކެމްޕޭންތަކުގައި ބިޒީވެގެން މަޖިލީހުގެ ކޮމިޓީތައް އެންމެ ރަނގަޅަކަށް ނުހިނގަ އެވެ.

މަޖިލީހުގެ ޖަލްސާތައް އޮންނަނީ، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހަށެވެ. މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ފަށާނެ ދުވަހެއް އަދި ނުނިންމަ އެވެ. އެހެން ނަމަވެސް ކޮމިޓީތަކުން ބިލްތަކުގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވުމުން ޖަލްސާތައް އެޖެންޑާ ކުރާނެ އެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން ދެއްވައި މަޖިލިސް މިއަހަރަށް ހުޅުވާފައި ވަނީ، ފެބުރުއަރީ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް މަޖިލީހުގެ އިދާރާގެ މަރާމާތުގެ މަސައްކަތްތައް ނިންމައި، ޖަލްސާތައް ފަށާފައި ވަނީ ފެބުރުއަރީ 26 ވަނަ ދުވަހު އެވެ.