ދުނިޔެ

ބޮއިންގް ބޯޓުތައް މަނާ ކުރުމުން ދަތުރު ފަތުރަށް ކުރާނީ ކޮން އަސަރެއް؟

އާދިއްތަ ދުވަހު އިތިއޯޕިއާ އެއާލައިންސް ގެ ފްލައިޓު ވެއްޓުމާއި ގުޅިގެން ކުރި ތަހުގީގުތަކުން ލިބިފައިވާ އާ ހެކިތަކުގެ އަލީގައި އެމެރިކާގެ މަތިންދާ ބޯޓު ހަދާ ކުންފުނިން އެމަރުކާގެ ހުރިހާ ބޯޓުތަކެއް ދުއްވުން ވަނީ މަނާ ކޮށްފައެވެ.

ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓުތައް ދުނިޔޭގެ ގިނަ އެއާލައިންތަކުން އާންމު ގޮތެއްގައި ބޭނުން ކުރަނީ ކުރު ދަތުރުތައް ކުރުމަށެވެ.

ތަޖުރިބާކާރުން ލަފާކުރާގޮތުގައި، މި ބޯޓުތައް މަނާ ކުރުމުގެ ސަބަބުން މިވަގުތަށް މާބޮޑު އުނދަގޫތަކަކާއި ކުރިމަތި ނުވިނަމަވެސް، މަނާކޮށްފައިވާ މުއްދަތު ގުދެމިގެން ހިނގައްޖެނަމަ މިކަމުގެ ނުބައި އަސަރު ފެނިގެން ދާނެ އެވެ.

އެ މަރުކާގެ 4،500 ބޯޓަށް ދުނިޔޭގެ 100 ފްލައިޓް އޮޕަރޭޓަރުން އޯޑަރު ކޮށްފައިވާއިރު، އަދި މިހާތަނަށް މި ބޯޓުގެ އެހާ ގިނަ ދަތުރުތަކެއް ކުރެވިފައި ނުވީނަމަވެސް، މި މަތިންދާ ބޯޓަކީ ބޮއިންގް ކުންފުނީގެ ތާރީހުގައި މިހާތަނަށް އެންމެ ބާރަށް ވިކުނު މަތިންދާ ބޯޓެވެ.

މުޅި ދުނިޔެއަށް ބެލި ކަމުގައި ވީނަމަވެސް މި ހަފްތާތެރޭގައި އެކި އެއާލައިންތަކުން ގާތްގަނޑަކަށް 700،000 ދަތުރު ތާވަލްކުރެވިފައިވެ އެވެ. މީގެ ތެރެއިން 6،548 ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ 737 މެކްސް 8 ބޭނުން ކޮށްގެންނެވެ. އޭވިއޭޝަން ދާއިރާގެ ދިރާސާ ކުރާ ކުންފުންޏެއް ކަމުގައިވާ އޯއޭޖީގެ ޖޯން ގްރާންޓް ބުނާ ގޮތުގައި މިއީ ހަމައެކަނި ދުނިޔޭގެ ފްލައިޓް ތާވަލްގެ އެންމެ ޕަސެންޓެކެވެ.

އޭނާ ބުނާގޮތުގައި މިތަން ފޫ ބެއްދުމަށްޓަކައި އެހެން ފްލައިޓުތަކުގައި ވެސް ގިނަ ދުވަސްތަކަކަށް ޖާގަ އެބައޮތެވެ.

އާދިއްތަ ދުވަހު ވެއްޓުނު މަރުކާގެ ބޯޓުތައް އާންމު ގޮތެއްގައި ބޭނުން ކުރެވެނީ ޑޮމެސްޓިކް ކުރު ދަތުރުތައް ކުރުމުގައި އެވެ.

ދިރާސާކުރާ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުން، އެ މަރުކާގެ ބޯޓުތައް މަނާ ކުރުމުން އެންމެ ބޮޑު ދަތިތަކާއި ކުރިމަތިލާނީ އުތުރު އެމެރިކާ އެވެ. ސަބަބަކީ ސައުތުވެސްޓް އެއާލައިންސް، އެއާ ކެނަޑާ އަދި އެމެރިކަން އެއާލައިންސް އަކީ މި މަރުކާގެ ފްލައިޓުތައް އެންމެ ގިނައިން އޮޕަރޭޓް ކުރާ އެއާލައިންތައް ކަމުގައި ވާތީ އެވެ.

ފްލައިޓް ގްލޯބަލްގެ އޭޝިއާގެ ފިނޭންސް އެޑިޓަރުއެލިސް ޓޭލާ، ބުނަނީ މި ބޯޓުތައް މަނާ ކުރުމުން އެމެރިކާގެ ތާވަލްތަކަށް "ކޮންމެވެސް ވަރެއްގެ ލޮޅުމެއް" އަންނާނެ ކަމުގަ އެވެ.

ނަމަވެސް، މި ބޯޓުތައް މަނާ ކުރުމުން މަދު ފްލައިޓެއް ކެންސަލްވެގެން ދިޔަ ނަމަވެސް، އެހެން ފްލައިޓުތަކަށް ފަސިންޖަރުންގެ ބަދަލުކޮށްގެން އެ މައްސަލަ ހައްލުކުރެވިދާނެ ކަމަށެވެ. މިހެންވުމުން އެމެރިކާގައި 737 މެކްސްގެ ބަދަލުގައި އެހެން ފްލައިޓްތަކުން ދަތުރުތައް ފަށާނެ ކަމާއި އަދި މިކަމުގެ ފެށުމުގައި ކުދި އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް މިކަން ހައްލުވާނެ ކަމުގައި ފްލައިޓް ގްލޯބަލްގެ ޓޭލާ ބުނެ އެވެ.

ދެންވާނީ ކިހިނެއް؟

ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި މިކަމުގެ އަސަރު ފެނިގެންދާނީ އެ ބޯޓުތައް މަނާ ކޮށްފައިވާ މުއްދަތަށް ބަލާފަ އެވެ.

އަދި މިކަމުގައި ކިހާ ދުވަހެއް ހޭދަވާނެކަން ސާފުވާނީވެސް މި މައްސަލައާއި ގުޅިގެން މިހާރު ކުރެވެމުންދާ ތަހުގީގުތައް ނިމި ފްލައިޓަށް ދިމާވި މައްސަލަ އޮޅުންފިލީމަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެއްޓިފައިވާ މި މަރުކާގެ ލަޔަން އެއާ ފްލައިޓުގެ ވަގުތީ ރިޕޯޓުވެސް ލިބިފައި ވަނީ ބޯޓު ވެއްޓުނުތާ އެއްމަސް ފާއިތުވެގެން ދިޔަފަހުން ކަމަށްވާތީ މިފަހަރުވެސް ވަގުތު ނަގާނެ ކަމުގައި ބެލެވެ އެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މި ދެބޯޓު ވެއްޓުމުގައި ވެސް ވަރަށް އެއްގޮތް ކަންތަކެއް ވާކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ފެންނަގޮތުން މަދުވެގެން ދެތިން ހަފްތާއެއް ވެދާނެ މިކަމަށް، ކަން ދިމާކުރާ ގޮތުން މަސްތަކަކަށްވެސް އިތުރު ވެދާނެ އެކަމަކު އެއީ ތަހުގީގުތަކުން ހާމަވާ ކަމަކުން"، ޓޭލާ މައުލޫމާތު ދިނެވެ.