ހަބަރު

ނިއު ޒިލެންޑްގައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Mar 15, 2019
2

ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިއަދު ދިން ބަޑީގެ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އެ ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތައުޒިޔާ ފޮނުވައްފާ އެވެ. ގިނަ އަދަދެއްގެ ދިވެހިން އުޅޭ އެ ސަރަހައްދުގައި ހިނގާދިޔަ މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވެ އެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްކިތަށް ދިން ފިނޑި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. ތަހުޒީބު މުޖުތަމައުއެއްގައި މިއީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުސޫމް މީހުންނާ ދެކޮޅަށް ހިންގޭ މިފަދަ ޓެރަރިޒަމްގެ އަމަލުތައް އަބަދުވެސް ހަރުކަށި އިބާރާތު ކުށްވެރި ކުރައްވާ ކަމަށެވެ.

ރައީސް އާއި ޝާހިދު ވެސް ވަނީ މި ހިތާމަވެރި ވަގުތުގައި ނިއު ޒީލެންޑުގެ ރައްޔިތުންނާއެކު ތިއްބެވި ކަމަށް ވިދާޅުވެ، ހިތްވަރު ދެއްވާފަ އެވެ.

ހަމަލާ ދިން އިރު އެ ތަނުގައި ނަމާދު ކުރަން 100 އަށްވުރެ ގިނަ މީހުން ތިބިއިރު ހާދިސާގައި 40 އެއްހާ މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެ ގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވަނީ މިއީ އެ ގައުމުގެ ހަޔާތުގެ އެންމެ ކަޅު ދުވަސްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.