ހަބަރު

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ޖަޕާނުން 70 މިލިއަން ރުފިޔާގެ ހިލޭ އެހީ

Oct 21, 2019

ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތަށް ޖަޕާނު ސަރުކާރުން 500 މިލިއަން ޔެން (70 މިލިއަން ރުފިޔާ) ގެ އެހީ އެއް ދީފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖަޕާނުން މިއަދު ދިން އެހީއަކީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ދިން މާލީ އެހީތެރިކަމެއް ކަމަށެވެ.

އަދި އެ އެހީ ބޭނުންކުރަން ނިންމާފައިވަނީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަޕާނު ސަރުކާރާއެކު ހިލޭ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ރައީސް ސޯލިހު މިއަދު ވަނީ ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ މިއަދު ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން، ވިސާއަށް ލުއިތަކެއް ހޯދުމާ ގުޅޭގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކުރައްވައިފަ އެވެ.

ޖަޕާނަކީ ވޭތުވެދިޔަ ދިގު މާޒީގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޒަމާންވީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެކެވެ. އެގޮތުން އުމުރާނީ ތަރައްގީއާ އިޖުމާއީ އަދި އިގުތިސޯދީ ދާއިރާ އިންވެސް ގިނަގުނަ އެހީތަކެއް ޖަޕާނުން ރާއްޖެއަށް ވެދީފައިވެ އެވެ.

އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި ތައުލީމާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއާއި މުވާސަލާތީ ދާއިރާއިން ވެސް އެތައް އެހީތަކެއް ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވެ އެވެ.