ހަބަރު

ޖަޕާނުން ރާއްޖެއަށް ހަދިޔާ ކުރާ ތަކެތީގެ ލިސްޓް ހަވާލުކޮށްފި

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރުމަށް އެއްބަސްވެފައިވާ ތަކެތީގެ ލިސްޓު މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުގެ ފަރާތުން އެ ލިސްޓު ހަވާލު ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ލިސްޓާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިއީ މިދިޔަ އޮކްޓޯބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއް ކަމުގައިވާ އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ޖަޕާނުން ރާއްޖެއަށް ހަދިޔާ ކުރަން އެއްބަސްވެފައިވާ ތަކެއްޗެވެ.

އެ އެއްބަސްވުމުގެ ދަށުން ޖަޕާނުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 500 މިލިއަން ޖަޕަނީޒް ޔެން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އެހީގެ ދަށުން ހަދިޔާ ކުރަން ނިންމާފައި ވަނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަން ބޭނުންވާ ވަސީލަތްތަކުގެ އިތުރުން ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ގާބިލްކަން އިތުރު ކުރަން ބޭނުންވާ ބައެއް ވަސީލަތްތަކެވެ.