ހަބަރު

ޖަޕާނުގެ ފޮރިން މިނިސްޓަރާ ޝާހިދު ބައްދަލުކުރައްވައިފި

Oct 21, 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ޖަޕާނުގެ ހާރިޖީ ވަޒީރު، މޮޓޭގީ ޓޮޝިމިޓްސު އާ ބައްދަލުކުރައްވައިފި އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ޒަމާނުއްސުރެ ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް، ހާއްސަކޮށް މަސްވެރިކަމާއި ތިމާވެށްޓާއި ތައުލީމީ ދާއިރާ ތަރައްގީކުރުމަށާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދީފައި އެހީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނާ ރާއްޖޭގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމާގުޅޭގޮތުންނާއި، ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި ދެ ގައުމުގެ ގުޅުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"އަދި ހަމައެހެންމެ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި، ދެ ޤައުމުގެ ގުޅުން އިތުރުކުރުމާގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން، ޝާހިދު ވަނީ ޖަޕާނުގެ ތަހުތައް އައު އެމްޕެރާ އިސްކުރެއްވުމުގެ މުނާސަބަތާގުޅިގެން މަރުހަބާ ދަންނަވައި ތަހުނިޔާ އަރިސްކުރައްވައިފަ އެވެ. އަދި މިނިސްޓަރު މޮޓެގީ، ޖަޕާނުގެ ފޮރިން މިނިސްޓަރުކަމަށް އައްޔަންކުރެއްވުން ފާހަގަކުރައްވައި، އެމަނިކުފާނަށްވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

އަދި މި ދަނޑިވަޅުގައި ޖަޕާނަށް ބާރުގަދަ ތޫފަނެއް އަރައި، ލިބުނު ގެއްލުންތަކާ ގުޅިގެން ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ރައްދުކުރެއްވިކަމަށް ފޮރިން މިނިސްޓްރީން އިތުރަށް ބުންޏެވެ.