ދުނިޔެ

ކުއްލި ހާލަތު ހުއްޓުވާ ގަރާރު ޓްރަމްޕް ވީޓޯ ކުރައްވައިފި

Mar 16, 2019
1

ވޮޝިންގްޓަން (މާޗް 16) - އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރުގައި ފާރެއް ރޭނުމުގެ މަޝްރޫއުއަށް ބޭނުންވާ ބަޖެޓު ހޯދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވި ކުއްލި ހާލަތު ހުއްޓުވުމަށް އިދިކޮޅު ޑިމޮކްރެޓުން އިސްވެ ފާސްކުރި ގަރާރު އެމަނިކުފާނު ވީޓޯ ކުރައްވައިފި އެވެ.

ޓްރަމްޕްގެ ޕާޓީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ސެނެޓުން ފާސްކުރުމުން، އެކަމާއި ދެކޮޅަށް ތެދުވެވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، އެ ގަރާރު ވީޓޯ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ރިޔާސީ ކެމްޕެއިންގެ ތެރެއިން ވެވަޑައިގެންނެވި އެ މުހިންމު ވައުދު ފުއްދުމުގައި ފަހަތަށް ޖެހިވަޑައިގެންނެވެން ނެތް ކަމަށެވެ.

"އެ ގަރާރު ފާސްކުރުމުގެ މިނިވަންކަން ކޮންގްރެސްއަށް ލިބިގެންވޭ، ނަމަވެސް އެ ގަރާރު ވީޓޯ ކުރުމަކީ އަހަރެންގެ ޒިންމާއެއް،" ޓްރަމްޕް ވިދާޅުވި އެވެ.

ކުއްލި ހާލަތު އިއުލާނުކުރައްވާފައިވަނީ، ޓްރަމްޕްގެ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވައުދުވެވަޑައިގެންފައިވާ ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ދިނުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމުންނެވެ.

ކުއްލި ހާލަތުގައި، އަސްކަރީ މަޝްރޫއުތަކަށް ބަޖެޓު ހޯދުމުގެ ބާރަށް ރައީސަށް ލިބިވަޑައިގަންނަވަ އެވެ.

އިދިކޮޅުގެ އެ ގަރާރުތަކުގެ އިތުރުން، ކުއްލި ހާލަތާއި ދެކޮޅަށް އެ ގައުމުގެ 16 ސްޓޭޓަކުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ޓްރަމްޕާއި ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، ދައުލަތުގެ ހަރަދުތައް ކަނޑައެޅުމަށް ކޮންގްރެސަށް ލިބިދީފައިވާ ބާރަށް ރައީސަށް އަރައިނުގެންނެވޭނެ ކަމަށެވެ.