ދުނިޔެ

ކުއްލި ހާލަތު ހުއްޓުވަން އެމެރިކާގެ ހައުސްއިން ފާސްކޮށްފި

Feb 27, 2019

ވޮޝިންގްޓަން (ފެބްރުއަރީ 27) - އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރުގައި ފާރެއް ރޭނުމުގެ މަޝްރޫއުއަށް ބޭނުންވާ ބަޖެޓު ކުއްލި ހާލަތު އިއުލާނުކުރައްވައިގެން ހޯދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވައި މަސައްކަތް ހުއްޓުވުމަށް އިދިކޮޅު ޑިމޮކްރެޓުން ހުށަހެޅި ގަރާރު ފާސްވެއްޖެ އެވެ.

ޑިމޮކްރެޓުން ކޮންޓްރޯލްކުރާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ފާސްވީ 245 ވޯޓާއެކު އެވެ. އެކަމާއި ދެކޮޅަށް 182 މެމްބަރުން ވަނީ ވޯޓުދެއްވައިފަ އެވެ.

ނަމަވެސް، އެ ހުށަހެޅުން އަދި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮތް ސެނެޓުން ވެސް ފާސްކުރަންޖެހޭނެ އެވެ. އެ ގަރާރު ވީޓޯ ކުރައްވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ހައުސްއިން ނެގި ވޯޓުގައި، ރިޕަބްލިކަން ޕާޓީގެ 13 މެމްބަރުން ތާއީދު ކުރި ނަމަވެސް، ރައީސަށް އޮންނަ ވީޓޯ ކުރުމުގެ ބާރު ދުއްވާލުމަށް ބޭނުންވާ އަދަދަށް ވޯޓު ލިބޭނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކުއްލި ހާލަތު އިއުލާނުކުރައްވާފައިވަނީ، ޓްރަމްޕްގެ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވައުދުވެވަޑައިގެންފައިވާ ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ދިނުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމުންނެވެ.

ކުއްލި ހާލަތުގައި، އަސްކަރީ މަޝްރޫއުތަކަށް ބަޖެޓު ހޯދުމުގެ ބާރަށް ރައީސަށް ލިބިވަޑައިގަންނަވަ އެވެ.

އިދިކޮޅުގެ އެ ގަރާރުތަކުގެ އިތުރުން، ކުއްލި ހާލަތާއި ދެކޮޅަށް އެ ގައުމުގެ 16 ސްޓޭޓަކުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ޓްރަމްޕާއި ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، ދައުލަތުގެ ހަރަދުތައް ކަނޑައެޅުމަށް ކޮންގްރެސަށް ލިބިދީފައިވާ ބާރަށް ރައީސަށް އަރައިނުގެންނެވޭނެ ކަމަށެވެ.