ދުނިޔެ

މެކްސިކޯއާ ގުޅޭ ބޯޑަރު ބަންދުކުރާނެކަމުގެ އިންޒާރު

Mar 30, 2019

ވޮޝިންގްޓަން (މާޗް 30) - ގަވައިދާ ހިލާފަށް އެމެރިކާގެ ބޯޑަރު ހުރަސްކުރާ މީހުން ނުހުއްޓުވައިފިނަމަ، އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރުގެ ބޮޑުބައެއް އަންނަ ހަފްތާގެ ތެރޭގައި ބަންދުކުރާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ދެއްވައިފި އެވެ.

"އޭގެ މާނައަކީ މެކްސިކޯ އާއެކު ކުރާ ވިޔަފާރިވެސް ހުއްޓިގެންދާނެ،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

"އަހަރެމެން ބޯޑަރު ވަރަށް ދިގު މުއްދަތަކަށް ބަންދުކުރާނަން. މިއީ ސަމާސާއެއް ނޫން."

ޓްރަމްޕްގެ އިންޒާރާއި ގުޅިގެން ވައިޓް ހައުސް އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ޓްރަމްޕްގެ ނިންމެވުމުގައި ވައިގެ ދަތުރުފަތުރުތައް ވެސް ހިމެނޭކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ. އެމެރިކާގެ ދެކުނު ބޯޑަރު ބަންދުކޮށްފިނަމަ، މެކްސިކޯއާއެކު ވިޔަފާރިކުރާ ގިނަ ކުންފުނިތަކަށާއި ފެކްޓަރީތަކަށް ބޮޑެތި ގެއްލުންތައް ވާނެކަމަށް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.

އެ އިންޒާރާއި ގުޅިގެން މެކްސިކޯ ސަރުކާރުން ބުނީ، އިންޒާރުދީގެން ހާސިލުވާނެކަމެއް ނޯންނާކެމަށާއި، ގަވައިދާ ހިލާފަށް އެމެރިކާއަށް މީހުން އެތެރެވާ މައްސަލަ ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް މިހާރުވެސް ކުރެވޭ ކަމަށެވެ.

މިދިޔަ ހަފްތާގައި، އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރުގައި ފާރެއް ރޭނުމުގެ މަޝްރޫއުއަށް ބޭނުންވާ ބަޖެޓު ހޯދުމަށް ޓްރަމްޕް އިއުލާނުކުރެއްވި ކުއްލި ހާލަތު ހުއްޓުވުމަށް އިދިކޮޅު ޑިމޮކްރެޓުން އިސްވެ ފާސްކުރި ގަރާރު އެމަނިކުފާނު ކުރެއްވި ވީޓޯ ހުއްޓުވަން ބޭނުންވި އަދަދަށް ވޯޓު ހަމަނުވެ ވަނީ ފެއިލްވެފަ އެވެ.

ޓްރަމްޕްގެ ވީޓޯ ހުއްޓުވަން އިދިކޮޅު ޑިމޮކްރެޓުން ކޮންޓްރޯލްކުރާ ހައުސްގައި ނެގި ވޯޓުގައި 248 މެމްބަރުން އެއްކޮޅަށް ވޯޓު ދިން ނަމަވެސް، ތިން ބައި ކުޅަ ދެބައި ހަމަކުރަން ބޭނުންވަނީ 286 ވޯޓެވެ.

ކުއްލި ހާލަތު އިއުލާނުކުރައްވާފައިވަނީ، ޓްރަމްޕްގެ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވައުދުވެވަޑައިގެންފައިވާ ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ދިނުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމުންނެވެ.

ކުއްލި ހާލަތުގައި، އަސްކަރީ މަޝްރޫއުތަކަށް ބަޖެޓު ހޯދުމުގެ ބާރަށް ރައީސަށް ލިބިވަޑައިގަންނަވަ އެވެ.

ޓްރަމްޕްގެ ވީޓޯ ހުއްޓުވަން އިސްނެގި ޑިކޮމްރެޓުން ތަކުރާރުކޮށް ބުނަމުންދަނީ، އެ ފާރަކީ ބޭކާރު ހަރައްދެއް ކަމަށާއި، ކުއްލި ހާލަތުގެ ދަށުން އެ ފައިސާ ހޯއްދުމަކީ މަގާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރުން ކަމަށެވެ.

ބޯޑަރުގައި ފާރު ރޭނުމަށް އެއް ބިލިއަން ޑޮލަރުގެ ބަޖެޓެއް ޕެންޓަގަނުން މިހާރު ވަނީ ކަނޑައަޅައިފި އެވެ.