ދުނިޔެ

އެމެރިކާ: ކުއްލި ހާލަތު ހުއްޓުވާ ގަރާރު ދަމަހައްޓަން ވޯޓު ހަމައެއްނުވި

Mar 27, 2019

ވޮޝިންގްޓަން (މާޗް 27) - އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރުގައި ފާރެއް ރޭނުމުގެ މަޝްރޫއުއަށް ބޭނުންވާ ބަޖެޓު ހޯދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވި ކުއްލި ހާލަތު ހުއްޓުވުމަށް އިދިކޮޅު ޑިމޮކްރެޓުން އިސްވެ ފާސްކުރި ގަރާރު އެމަނިކުފާނު ކުރެއްވި ވީޓޯ ހުއްޓުވަން ބޭނުންވާ އަދަދަށް ވޯޓު ހަމައެއްނުވި އެވެ.

ޓްރަމްޕްގެ ވީޓޯ ހުއްޓުވަން އިދިކޮޅު ޑިމޮކްރެޓުން ކޮންޓްރޯލްކުރާ ހައުސްގައި ނެގި ވޯޓުގައި 248 މެމްބަރުން އެއްކޮޅަށް ވޯޓު ދިން ނަމަވެސް، ތިން ބައި ކުޅަ ދެބައި ހަމަކުރަން ބޭނުންވަނީ 286 ވޯޓެވެ.

ކުއްލި ހާލަތު އިއުލާނުކުރައްވާފައިވަނީ، ޓްރަމްޕްގެ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވައުދުވެވަޑައިގެންފައިވާ ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ދިނުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމުންނެވެ.

ކުއްލި ހާލަތުގައި، އަސްކަރީ މަޝްރޫއުތަކަށް ބަޖެޓު ހޯދުމުގެ ބާރަށް ރައީސަށް ލިބިވަޑައިގަންނަވަ އެވެ.

ޓްރަމްޕްގެ ވީޓޯ ހުއްޓުވަން އިސްނެގި ޑިކޮމްރެޓުން ތަކުރާރުކޮށް ބުނަމުންދަނީ، އެ ފާރަކީ ބޭކާރު ހަރައްދެއް ކަމަށާއި، ކުއްލި ހާލަތުގެ ދަށުން އެ ފައިސާ ހޯއްދުމަކީ މަގާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރުން ކަމަށެވެ.

ބޯޑަރުގައި ފާރު ރޭނުމަށް އެއް ބިލިއަން ޑޮލަރުގެ ބަޖެޓެއް ޕެންޓަގަނުން ވަނީ އިއްޔެ ކަނޑައަޅައިފި އެވެ.