ހަބަރު

ކޯރަމް ހަމަނުވެގެން ލަސްވި ޖަލްސާ ފަށައިފި

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން ޖަލްސާ ފެށުން ފަސް ކުރުމަށްފަހު ޖަލްސާ ފަށައިފި އެވެ. ޖަލްސާ ފެށީ 9:30 ގައެވެ.

ގަވައިދުގައިވާ ގޮތުން ޖަލްސާ ފަށަން 23 މެންބަރުންގެ ކޯރަމެއް އޮންނަން ޖެހެ އެވެ. ނަމަވެސް މިއަދު 9:10 އަކަށްވުރެ ގިނަ އިރުވީ އިރު ވެސް މަޖިލީހުގެ ތަޅުމަށް އެ އަދަދަކަށް މެންބަރުން ހަމައެއް ނުވި އެވެ. އެހެން ކަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ކޯރަމް ހަމަވެފައި ނުވާތީ ޖަލްސާ ފެށުން 9:30 އަށް ލަސްކޮށްލެއްވީ ކަމަށެވެ. އޭގެ ފަހުން 9:30 ގައި ޖަލްސާ ފެށީ 23 މެންބަރުންނާއެކު އެވެ.

މަޖިލީހުގައި މިއަދު އޮތް މަސައްކަތަކީ ވަޒީރުންގެ އިތުބާރު ނެތް މައްސަލަތައް ކުރިޔަށް ގެންދެވޭނެ ގަވައިދު ފާސް ކޮމިޓީ އިން ދިރާސާ ކުރެއްވި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައި އެ ފާސް ކުރުމެވެ. އެ ގަވައިދަށް އާންމު ކޮމިޓީގައި އެމްޑީޕީ އެއްވެސް މެންބަރެއްގެ ތާއީދެއް ނުލިބެ އެވެ. ކޮމިޓީ އިން އެ ގަވައިދު ފާސް ކުރީ ޕީޕީއެމް އާއި ޕީއެންސީ އަދި ޖޭޕީ ގުޅިގެނެވެ.

އޭގެ އިތުރުން މަޖިލީހުގެ ގަވައިދުގެ 71 ވަނަ މާއްދާއަށް ގެނައި ބަދަލެއް ވެސް ފާސް ކުރުމަށް މިއަދު ތާވަލު ކޮށްފައިވެ އެވެ. އެއީ ތެކުހާ ބެހޭ ބިލުތައް ހުށަހަޅަން ވާނީ ސަރުކާރުން ކަމަށް ބުނާ މާއްދާ އެވެ. އެ އިސްލާހަކީ ވެސް ޕީޕީއެމްގެ ފަރާތުން އާންމު ކޮމިޓީއަށް ހުށަހެޅި ފާސްވެފައިވާ އިސްލާހެކެވެ. މަޖިލީހުގައި ދެން ތާވަލުކޮށްފައި ވަނީ ބޭރުގެ މުއާހަދާއެއްގައި ރާއްޖެ ބައިވެރިވުމާ ގުޅޭ މައްސަލައެކެވެ.