ބޮލީވުޑް

ޝާހިދުގެ ފުރަތަމަ ފިލްމު "އިޝްގް ވިޝްކް"ގެ ސީކުއެލް އެއް

ޝާހިދް ކަޕޫރު އަކީ މިހާރު ބޮލީވުޑްގެ އޭ ލިސްޓް ތަރި އެކެވެ. ޝާހިދް ބޮލީވުޑް އަށް ނިކުތް ފުރަތަމަ ފިލްމު، "އިޝްގް ވިޝްކް" ގެ ސީކުއެލް އެއް ހަދަން ނިންމައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި، 2003 ގައި ރިލީޒް ކުރި މި ފިލްމުގެ ސީކުއެލް އެއް ހަދަން ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ނިންމާފަ އެވެ. މި ފިލްމުގައި ޝާހިދް އާއެކު ފެނުނީ އަމްރިތާ ރާއޯ އެވެ. އަދި، މިއީ އަމްރިތާގެ ވެސް އެންމެ ފާހަގަ ކޮށްލެވޭ ފިލްމެވެ.

ކޮލެޖެއްގައި ހިނގާ ލޯބީގެ ހާދިސާއެއް ދައްކުވައިިދޭ މި ފިލްމުގައި ޝާހިދް އާއި އަމްރިތާގެ ކެމިސްޓްރީ ފާހަގަ ކޮށްލެވެ އެވެ. އަދި މި ފިލްމަށް ފަހު މި ޖޯޑު ވަނީ ގިނަ ފިލްމުތަކެއްގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން، "ވިވާހް" "ޝިކާރް" ފަދަ ފިލްމު ތައް ފާހަގަ ކޮށްލެވެ އެވެ.

"އިޝްގް ވިޝްކް" އަކީ ކެން ޖޯޝް ޑައިރެކްޓް ކުރި ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރު، ރަމޭޝް ތައުރާނީ ބޮލީވުޑްގެ ނޫސް މުމްބާއީ މީރާ އަށް ދިން އިންޓަވިއު އެއްގައި މި ފިލްމު އުފައްދަން އުޅޭ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ. ފިލްމުގައި ފެންނާނީ ކޮން ތަރިންނެއް ކަމެއް އަދި ނުބުނެ އެވެ. އެހެންނަމަވެސް، މި ފިލްމުގައި ޝާހިދް އާއި އަމްރިތާ އަލުން ފެނިދާނެ ކަމަށް އުއްމީދު ކުރެވެ އެވެ.