ހަބަރު

ހިލައާ ހިލަވެލި ރާއްޖެ ގެންނަން އިންޑިއާއިން ހުއްދަ ދެނީ

Mar 18, 2019
5

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހިލަ އާއި ހިލަވެލި ބޭރު ކުރުމުގެ ކޯޓާ އަލުން ދޭން އެ ގައުމުން އެއްބަސްވެއްޖެ އެވެ. މިދިޔަ ދެ އަހަރުވެސް ހިލަ އާއި ހިލަވެލި ބޭރު ކުރުމުގެ ކޯޓާ އިންޑިއާއިން ރާއްޖެއަށް ދީފައެއް ނުވެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖް މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން ދެ ގައުމު ގުޅިގެން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އަންނަ އެޕްރީމް މަހުގެ އެކަކުން ފެށިގެން، ހިލަ އާއި ހިލަވެލި ހިމެނޭ ގޮތުން އަސާސީ ކާބޯތަކެތި ރާއްޖެއަށް ބޭރު ކުރުމުގެ ކޯޓާ ވެސް ތިން އަހަރު ދުވަހުގެ މުއްދަތަކަށް އިތުރު ކޮށް ދޭނެ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ، އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ، ފިޔާ، އަލުވި، މުގު، ހަކުރު، ހަނޑޫ، އަދި ފުށެވެ. އިންޑިއާއިން މި ތަކެތީގެ ކޯޓާ މީގެ ކުރިން އިތުރުކޮށް ދެމުން އައީ އަހަރަކު އެއްފަހަރު އެވެ.

އިންޑިއާއިން ރާއްޖެއާށް ދީފައިވާ ހިލަޔާއި ހިލަވެލި ބޭރު ކުރުމުގެ ކޯޓާ ދިނުން ހުއްޓާލުމާ ގުޅިގެން، އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ.

ޖޮއިންޓް ސްޓޭޓްމަންޓްގައި ބުނީ، އެތަކެތީގެ ކޯޓާ ތިން އަހަރުގެ މުއްދަތަކަށް އިތުރުކޮށްދޭން އިންޑިއާއިން ނިންމީ ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރުކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި އިންޑިއާގެ އިންވެސްޓްމަންޓްތަކަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން، ރާއްޖެ-އިންޑިއާ ބިޒްނަސް ފޯރަމްއެއް މި އަހަރުގެ ތެރޭގައި ބޭއްވުމަށް ވެސް ވަނީ މި ދަތުރުގައި އެއްބަސްވެފަ އެވެ.

މީގެ އިތުރުން އިންޑިއާއިން ވަނީ މީހުން ބިނާކުރުމުގެ ދާއިރާ އާއި ތައުލީމީ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތައް ދޭން ވެސް އެއްބަސްވެފަ އެވެ. އެގޮތުން ރާއްޖެއަށް ދޭ ސްކޮލަޝިޕްތައް އިތުރު ކުރުމާއި އެކި ދާއިރާތަކުން މީހުންނަށް ތައުލީމާއި ތަޖުރިބާ ދިނުމަށް ވެސް ވަނީ ހިމަނައިފަ އެވެ.