ހަބަރު

މިނިސްޓަރުން ވަކިކުރާ ގަވައިދަށް ވޯޓަށް ނާހައި، ލަފާއަކަށް އެދެނީ

މިނިސްޓަރުން ވަކި ކުރުމުގައި އަމަލު ކުރާނެ ގަވައިދަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް ނާހާ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް މަޖިލީހުން ނިންމައިފި އެވެ.

އެގޮތަށް ނިންމީ ޕާލިމެންޓްރީ ގުރޫޕް ލީޑަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޝްވަރާ ކުރެއްވުމަށްފަހު އެވެ. އެ މަޝްވަރާ ކުރިޔަށް ދިޔަ ގޮތާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކޮށް ސުޕްރީމް ކޯޓުގައި އެކަން ހައްލުކޮށްދެއްވަން އެދުމަށެވެ. ނަމަވެސް ޖޭޕީ އިން ނިންމީ، ސީދާ މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެ މަޝްވަރާތަކަށް ފަހު މިއަދު ވޯޓަށް އެހި ގަޑީގައި އެކަން ހިއްސާ ކުރައްވާ ގާސިމް ވަނީ ވަޒީރުންގެ ގަވައިދު ވޯޓަށް ނާހަން ނިންމަވައިފަ އެވެ.

ވަޒީރުން ވަކި ކުރެވޭ ގަވައިދު އެކުލަވާލުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ. އެ މައްސަލަ ހުށަހެޅީ ޕީޕީއެމްގެ ފަރާތުންނެވެ. އެ މައްސަލާގައި ގާސިމް ވިދާޅުވެފައި ވަނީ މައްސަލަ ކުރިޔަށް ނުގެންދެވި އޮތީ ގަވައިދު ނުހެދޭތީ އެވެ.

އެގޮތުން އާންމު ކޮމިޓީގައި ދިރާސާ ކުރެއްވި ގަވައިދުގައިވާ ގޮތުން މިނިސްޓަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފިނަމަ އެ މީހެއްގެ މަގާމު ވަގުތުން ގެއްލި، އެ ހިނދުން ފެށިގެން ވަކިވާނެ އެވެ. އެގޮތަށް ގަވައިދުގައި ކަނޑައެޅީ ގާނޫނު އަސާސީއާ ރިއާޔަތް ކުރުމަށްފަހު އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ވެސް މިނިސްޓަރުންނާއި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފިނަމަ އެ މީހެއްގެ މަގާމުން ވަކިވާނެ އެވެ.

އެހެންނަމަވެސް 2017 ވަނަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓަށް އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގެ ހުކުމްގައި އެ ބާރު ސުޕްރީމް ކޯޓުން ނަގާފައިވެ އެވެ. ސުޕްރީމް ކޯޓުން އެ ހުކުމްގައި ކަނޑައަޅާފައިވަނީ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ބަސް ބުނާނީ އެ ކޯޓުން ކަމަށެވެ. މަޖިލީހުން ފާސްކުރާ ކޮންމެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ސައްހަކަން ކަނޑައަޅާނީ ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ކަމަށް އެ ހުކުމްގައިވެ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅަނީސް، އިތުބާރު ނެތް ކަމަށް ފާސްކުރާ މީހެއްގެ މަގާމާމެދު ވަކި ގޮތެއް ކަނޑަނޭޅޭނެ އެވެ. އޭރު ވެސް ބައެއް ގާނޫނީ ބޭފުޅުން އެ ހުކުމް، ގާނޫނު އަސާސީއާ ފުށު އަރާކަން ފާހަގަކުރައްވާފައިވެ އެވެ.

ވަޒީރުން ވަކި ކުރެވޭ ގަވައިދުގައި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މީހުން ވަކި ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި އެ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތަކާއި ޖަވާބު ދާރީވުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ހިމަނާފައި ވެއެވެ. އެގޮތުން އިތުބާރު ނެތް މައްސަލާގެ ދިފާއުގައި ވާހަކަ ދައްކަވާ ވަޒީރަކަށް، ފަނޑިޔާރަކަށް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރަކަށް ގާނޫނީ ވަކީލުން ބޭނުންވެއްޖެ ނަމަ އެ ފުރުސަތު ދޭން ޖެހެ އެވެ. އެގޮތުން ބޭނުން ކުރެވޭނީ ގިނަ ވެގެން ދެ ވަކީލެއް ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

ކުރިން އޮންނަ ގޮތުން އިތުބާރު ނެތް މައްސަލަތަކުގައި ޖަވާބު ދާރީވުމަށް ދެވޭނެ ގަޑި ކަނޑައަޅަނީ ވަކި ކޮމިޓީ ބައްދަލުވުމަކުންނެވެ. ނަމަވެސް އާ އިސްލާހުގައިވާ ގޮތަކުން ކޮންމެ ފަރާތަކަށް ވެސް ޖަވާބު ދާރީވުމަށް ދެ ގަޑިއިރުގެ ވަގުތު ދޭން ޖެހެ އެވެ. ގަވައިދުގައިވާ ގޮތުން މަޖިލީހުގެ އަގުލަބިއްޔަތުން އިތުބާތު ނެތް މައްސަލަ ފާސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ ހިނދުން އެ ހިނދަށް ވަޒީރު ވަކިވާނެ އެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވައިފަ އެވެ. އެގޮތުން ކޮމިޓީ މަރުހަލާގައި އަވަސް އަރުވާލައިގެން ގަވައިދު ފާސް ކުރުމާއި އެ ދިރާސާ ކުރުމަށް ވަގުތު ދީފައި ނުވާ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެ ގަވައިދު ފާސް ކުރީ އެމްޑީޕީގެ ވަޒީރުންނަށް ބިރު ދެއްކުމުގެ ބޭނުމުގައި ކަމަށާއި ސަރުކާރަށް ޖެއްސުން ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އެމްޑީޕީގެ މެންބަރުން ވަނީ ބުނެފަ އެވެ.