ބޭރު ކުޅިވަރު

ގެލެކްސީގެ ޖާޒީގައި ޖެރާޑް ދައްކާލައިފި

Jul 8, 2015

އެމެރިކާގެ އެލްއޭ ގެލެކްސީގެ ޖާޒީގައި އިނގިރޭސި ކުރީގެ ގައުމީ ކެޕްޓަން ސްޓީވަން ޖެރާޑް ފުރަތަމަ ފަހަރަށް ފެނިލައިފި އެވެ.

އިއްޔެ އޮތް އެކުލަބުގެ ފަރިތަކުރުންތަކަށް ނުކުތުމުގެ ކުރިން ޖެރާޑް ވަނީ ޓީމުގެ ރަސްމީ ޖާޒީގައި ފޮޓޯ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެލްއޭ ގެލެކްސީ އަކީ މިހާތަނަށް މުޅި ކެރިއަރު ލިވަޕޫލްގައި ކުޅުނު ޖެރާޑްގެ އާކުލަބެވެ. ސަޕޯޓަރުންނާ މުހާތަބް ކުރަމުން އޭނާ ބުނީ އެލްއޭ ގެލެކްސީ އަކީ އޭނާގެ ގެ ފަދަ އިހުސާސް ކުރެވޭ ކަމަށާއި އަދި އޭނާ އާއި އާއިލާ އަށް އެކުލަބުގެ ސަޕޯޓަރުން ކިޔާފައިވާ ހޫނު މަރުހަބާ އަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އަހަރެން އުއްމީދު ކުރަން ތަށިތައް މި ކުލަބުގައި ހޯދޭނެ ކަމަށް. ކޯޗު ބުރޫސް (އެރީނާ) އަކީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ ކޯޗެއް. އަހަރެން އުއްމީދު ކުރަނީ މި ކުލަބުގައި ކާމިޔާބު ހޯދޭނެ ކަމަށް،" ލިވަޕޫލަށް ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ އެކުލަބުގެ ކުރީގެ ކެޕްޓަން ބުންޏެވެ.

ގެލެކްސީގައި ޖެރާޑްގެ އެންމެ ގާތް ރަހުމަތްތެރިއަކީ އަޔަލޭންޑްގެ ކެޕްޓަން ރޮބީކީން އެވެ. އޭނާ އަކީ ހަ މަސް ދުވަހު ލިވަޕޫލަށް ކުޅެފައިވާ ފޯވަޑެކެވެ.

ނަމަވެސް އޭނާ ބުނީ ގެލެކްސީގައި އޭނާ އަބަދުވެސް މިސާލެއްގެ ގޮތުގައި ބަލާނީ އެކުލަބަށް ކުރިން ކުޅުނު އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ކަމަށެވެ. އަދި އެކުލަބަށް އޭނާ އައީ ވެސް ބެކަމް ބުނެގެން ކަމަށެވެ.