ބޮލީވުޑް

ބަންސާލީގެ އާ ފިލްމުގެ ކާސްޓުން ހޮވުމުގައިި ރިސްކެއް؟

ބޮލީވުޑްގައި އެންމެ މޮޅެތި ފިލްމުތައް އުފައްދާފައިވާ އެއް ޕްރޮޑިއުސަރަކީ ސަންޖޭ ލީލާ ބަންސާލީ ކަމާމެދު މުޅި ބޮލީވުޑްވެސް އެއްބަސް ވެ އެވެ. މިދިޔަ އަހަރު ނެރުނު ފިލްމު "ޕަދްމާވަތު"ގެ ކާމިޔާބީ އަށްފަހު އިއްޔެ ރިލީޒް ކުރީ އަންނަ އަހަރު އޭނާ ނެރޭ އެންމެ ބޮޑު ފިލްމުގެ ތަފްސީލުތަކެވެ.

ބަންސާލީގެ ފިލްމުތަކުގައި ރަންވީރު ސިންގް އާއި ދީޕިކާ ޕަޑުކޯން ބައިވެރިކޮށްގެން ޖެހި ޖެހިގެން މިހާރުު ވަނީ ތިން ފިލްމެއް އުފައްދާފަ އެވެ. "ބަޖިރާއޯ މަސްތާނީ" "ރާމް ލީލާ" އަދި "ޕަދްމާވަތު" މި ތިން ފިލްމުގައިވެސް ތަރިން ދެއްކި ހުނަރުން ފިލްމު ކޮންމެ ފަހަރަކު ބްލޮކްބަސްޓާ ހިޓަކަށް ވެ އެވެ. ދީޕިކާ އާއި ރަންވީރުގެ ޖޯޑު ވެގެން ދިޔައީ ބަންސާލީގެ ފޭވަރިޓް އަކަށެވެ. މި ޖޯޑު އަނެއްކާވެސް ފެންނާނެ ކަމަށް އުއްމީދުކޮށްގެން ތިއްބާ ބަންސާލީގެ އެންމެ ފަހު ފިލްމުގެ ތަފްސީލުތައް ނެރުނު އިރު ފެނުނީ މުޅިން ތަފާތު ތަރިންތަކެކެވެ. ބޮލީވުޑްއަށް އާ ނޫނަސް މި ތަރިންނާއެކު މި ފިލްމު، ބަންސާލީ ފިލްމެއްގެ ގޮތުގައިި އޮންނާނެ ކަމާމެދު ޝައްކު ކޮށް ސޯޝަލް މީޑިއާގައި ދަނީ ފާޑު ކިޔަމުންނެވެ.

ބަންސާލީ އަންނަ އަހަރު ނެރޭ ފިލްމު "އިންޝާﷲ"ގެ ތަރިންނަށް ހޮވާފައިވަނީ ސަލްމާން ޚާން އާއި އާލިއާ ބަޓް އެވެ. މިއީ އާލިއާ ބަންސާލީ އާއެކު ކުޅޭނެ ފުރަތަމަ ފިލްމެވެ. ސަލްމާން ވަނީ މީގެ 20 އަހަރު ކުރިން ބަންސާލީ އާއެކު "ހަމް ދިލް ދެ ޗުކޭ ސަނަމް" އިން ފެނިފަ އެވެ. އެއީ ސަލްމާން އާއި އައިޝްވާރިޔާގެ އެންމެ މަގުބޫލު އެއް ފިލްމެވެ.

ބަންސާލީގެ ފިލްމަކާ މުޅިން އަލަށް ގުޅުނީ އާލިއާ ބަޓް އެވެ. އާލިއާ ވަނީ މި ހަބަރު ޓްވިޓާ މެދުވެރިކޮށް އޭނާގެ ފޭނުންނަށް ދީފަ އެވެ. އަދި މި ހަބަރާ އެކު އާލިއާއަށް، ދީޕިކާ ދައްކާވަރުގެ މޮޅު އެކްޓިންގް އެއް ދެއްކޭނެ ކަމާމެދު ވަނީ ސުވާލު އުފައްދާފަ އެވެ. އާލިއާ ވަނީ ބޮލީވުޑް ބްލޮކްބަސްޓާ ފިލްމުތައް ކުޅެފަ އެެވެ. އެގޮތުން، "ހައިވޭ" އާއި "ގަލީ ބޯއި" ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެ އެވެ. އަދި ބަންސާލީ ޕްރޮޑަކްޝަން އިން ދިޕިކާ މި ވަގުތަށް ދުރަށް ޖައްސާލުމަށްފަހު އާލިއާ އާއެކު ބަންސާލީ ޕްރޮޑަކްޝަންގެ މޫނުމަތި މުޅިން ބަދަލު ކޮށްލީ ކަމަށްވެސް ބެލެވެ އެވެ.

މި ދެތަރިން ބަންސާލީގެ އާ ފިލްމަށް ހޮވުމުން، އެކި ފަރާތްތަކުން ފާޑު ކިޔެވެ. ބައެއް މީހުންނަށް ދީޕިކާ އާއި ރަންވީރުގެ ޖޯޑު މިހާރު ފޫހި ވެ އެތަރިން ނޫނަސް ހުނަރުވެރި ތަރިން ބޮލީވުޑްގައި ތިބި ކަމަށް ބުނާ އިރު އަނެއް ބަޔަކު ބުނަނީ މި ކާސްޓުންނާއެކު ފިލްމު ވާނީ ފްލޮޕް އަކަށެވެ. ނަމަވެސް، ސަންޖޭ މި ނެގި ރިސްކަކީ ރަނގަޅު ރިސްކެއް ކަން އެނގޭނީ ފިލްމަށްފަހު އެވެ.

ބަންސާލީގެ ފިލްމުތަކަކީ ބޮލީވުޑްގައި އަބަދުވެސް ނަން ހިނގާ ފިލްމުތަކެވެ. ފިލްމުގެ ސެޓިންގް އިން ފަށައިގެން ގޮސް ކާސްޓުންނާއި ކާސްޓުންގެ ކޮސްޓިއުމް ވެސް ފާހަގަކޮށްލެވެ އެވެ. މިލިއަނުން ހަރަދުކޮށްގެންވެސް ބެލުންތެރިން ހިތްހަމަ ޖެހޭ ވަރުގެ މޮޅެތި ފިލްމުތަކެއް އަންނަނީ ބޮލީވުޑްއަށް ގެނެސްދެމުންނެވެ.