ލައިފްސްޓައިލް

މަޖިލީހަށް "ކުރިމަތިލައިގެން" ހުރީ އިރޫ އެކަނި!

ކޮންމެ އިންތިހާބެއް ބޯމަތިވާއިރު ކިޔައި އުޅެނީ "މި އުޅެނީ ކުރިމަތިލައިގެނޭ" އެވެ. ކުރިއަށް އޮތް ފަސް އަހަަރަށް ދާއިރާ ތަމްސީލު ކުރާނެ މެންބަރަކު މަޖިލީހަށް ހޮވަން ހެޔޮ ފާހަގަ ޖަހާ އިންތިހާބެވެ. އެ އިންތިހާބާ ދިމާކޮށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އުޅެނީ ކުރިމަތިލައިގެނެވެ. އާންމުކޮށް ކިޔާ ގޮތަށް އެއީ އާންމު އިންތިހާބެވެ. މި އިންތިހާބުން ދެން އަންނާނީ 19 ވަނަ ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލީހުގެ ގޮނޑިއެއްގައި އިށީނަން ބޭނުންވާ އެންމެން ޖެހެނީ ކުރިމަތިލާށެވެ.

ރަސްމީ ނަމްބަރުން ދައްކާ ގޮތުން މި އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 398 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. ކުރިމަތިލުން ނިމި އިންތިހާބުގެ ވޯޓްލާ ދުވަސް ކައިރީގައި އޮތް އިރު އިންތިހާބުގެ ފޯރި ވެސް އެބަހުއްޓެެވެ. ވައުދުތައް ބޮޑު އަކުރުން ލިޔެފައި އެބަހުއްޓެވެ. ކުދި އަދި މެދު ފަންތި އާއި ބޮޑެތި ޕޯސްޓަރުތަކެވެ. މުޅި ގައުމުގައި މީހުންގެ ޕޯސްޓަރެވެ.

ޕޯސްޓަރުތަކާއެކު ވަރަށް ތަފާތު ޖުމްލައެއް އެބަ ދައުރުވެ އެވެ. އެއީ "މަޖިލީހަށް ކުރިމަތިލައިގެން ހުރީ އިރޫ އެކަނި" މި ޖުމަލަ އެވެ. މި ޖުމްލަ އުފަން ކުރުވީ ކާކު ކަމެއް ނޭނގެ އެވެ. އެކަމަކު މިދިއަ ހައެއްކަ ދުވަހުގެ ތެރޭ ސޯޝަލް މީޑިއާގައި ފޮޓޯގަނޑަކާއެކު މި ޖުމްލަ އެތައް ބަޔަކު ތަކުރާރުކޮށް އެތައް ފަހަރަކު ލިޔެފި އެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް ކެންޑިޑޭޓުން ކެމްޕޭން ކުރާއިރު ރައްޔިތުންގެ މަޖިލީހު އިދާރާ ކުރިމަތީގައި ހުއްޓިގެން "ހުރީ" ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައިގެން އުޅޭ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމެވެ.

މަޖިލިސް މައި ދޮރާއްޓާ ދިމާ ބޭރަށްވާ ގޮތަށް އިރުތިޝާމްގެ އިސްކޮޅަށް ވުރެ ބޮޑު ބިޔަ ފޮޓޯއެއް ބަހައްޓާފައި ހުރުމުން ގިނަ މީހުން ސަމާސާއަށް ސިފަ ކުރަނީ މިފަހަރު "މަޖިލީހަށް ކުރިމަތިލީ އިރޫ އެކަނި" ކަމަށެވެ.

އިރުތިޝާމްގެ އެ ބޮޑު ފޮޓޯ ބަހައްޓާފައި ވަނީ މަޖިލީހުގެ މައި ދޮރާއްޓާ ދިމާ މެދަށް ވާހެނެވެ. ދަނބު ކުލައިގެ ގައުމީ ހެދުމެއްގައި އިރުތިޝާމް ހުންނަނީ އޭނާގެ ރަސްމީ "ސިގްނޭޗާ ޕޯސް" ގަ އެވެ. އެހެންވެ އިރުތިޝާމްގެ އެ ބޮޑު ޕޯސްޓަރު ވަނީ ވަރަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފަ އެވެ. އެ ފޮޓޯގަނޑަށް ބަލާލާފައި އެންމެ ވެސް ބުނަނީ "މަޖިލީހަށް ކުރިމަތިލީ އިރޫ އެކަންޏޭ" އެވެ.

މި ފޮޓޯ ޓްވިޓާގައި ހިއްސާ ކުރާ ވަރަށް ގިނަ ބަޔަކު މިހެން ވެސް ބުނެ އެވެ" "ފުރިހަމަ މާނައިގައި މަޖިލީހަށް ކުރިމަަތި ލައްވާފައިވާ ހަމަ އެކަނި ބޭފުޅަކީ އިރޫ" އެވެ.

އިރުތިޝާމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މިނިސްޓަރެކެވެ. އޭގެ ކުރިން ރާއްޖެއިން އދ. އަށް ކަނޑަ އެޅި ފުރަތަމަ އަންހެން ސަފީރެވެ. ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ކުރައްވި އެވެ.

އިރުތިޝާމްގެ ލައިފް ސައިޒް މި ޕޯސްޓަރު އެންމެންގެ ލޮލުގައި އަޅައިގަންނަ ވަރަށް ބޮޑުކޮށް ހަރުކޮށްފައި ހުރީ މަޖިލިސް ކުރިމަތީގަ އެވެ. ބޮޑު އެ ފޮޓޯއިން ބަޔަކަށް ވާހަކައެއް ބުނެދިނެވެ. ބަޔަކު ވާހަކައެއް އުފެއްދި އެވެ.

އެކަމަކު އިރުތިޝާމްގެ ކެމްޕެއިން ޓީމުން ހަދާފައިވާ އެ ޕޯސްޓަރު ހަރުކޮށްފައި އެހެރީ މަޖިލީހަށް ދައްކާކަށް ނޫނެވެ. އިރުތިޝާމް ކުރިމަތިލައިގެން އެ ހުރީ ހެންވޭރު ދެކުނު ހިމެނޭ ސަރަހައްދަށެވެ. އެ ސަރަހައްދުގައި މަޖިލީހުގެ އިދާރާ ހުރުމާއި ބޮޑު ފޮޓޯއާ މޫނު ދިމާވުމުން އަޅައިގަތީ އެވެ.