ދުނިޔެ

ބްރެކްސިޓް: އީޔޫން ވަކިވާ ތާރީހު ފަސްކުރަން އެދެނީ

Mar 20, 2019

ލަންޑަން (މާޗް 20) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވާ ތާރީހު ފަސްކޮށްދިނުމަށް އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ނިންމަވާފައިވާކަން ހާމަވެއްޖެ އެވެ.

މޭ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރަކު ހާމަކުރެއްވި ގޮތުގައި، ކެބިނެޓު މެމްބަރުންގެ މެދުގައި ހިޔާލުތަފާވުންތަކެއް އޮތް ނަމަވެސް، ދެ އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް އީޔޫގައި އެދުމަށް މޭ ވިސްނަވަމުންދާ ކަމަށެވެ. ނަމަވެސް، އަދި ވަކި މުއްދަތެއް ނުނިންމަވާކަމަށްވެސް އެ މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އެއްވެސް އަމާޒެއް ނެތް ގޮތަށް އެ ތާރީހު އިތުރުކޮށް ނުދޭނެކަމަށް އީޔޫން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިހާރު ގަނޫނުގައިވާ ގޮތުން، އެއްބަސްވުމެއްނެތި ވެސް، ނުވަ ދުވަސް ފަހުން އިނގިރޭސިވިލާތް އީޔޫގެ މެމްބަރުކަމުން ވަކިވާނެ އެވެ.

އީޔޫން ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހެއްޅުއްވި އެއްބަސްވުމަށް ދެވަނަ ފަހަރަށް ނޫނެކޭ ބުނުމަށްފަހު، މާޗް 29 ގައި އީޔޫން ވަކިވާއިރު، އެއްވެސް އެއްބަސްވުމެއްނެތި ވަކިނުވުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ގަރާރު އިނގިރޭސި ޕާލިމަންޓުން ވަނީ ފާސްވެފަ އެވެ.

ތިން ވަނަ ފަހަރަށް ވޯޓަކަށް ދިޔުމަށް މޭ ގެންގުޅުއްވި ވިސްނުންފުޅު، ޕާލިމަންޓުގެ ރައީސް ވަނީ ހުއްޓުވައިފަ އެވެ. ތިން ވަނަ ފަހަރަކަށް ވޯޓަށް އެހޭނީ އެ އެއްބަސްވުން ބަދަލުކޮށްގެން ކަމަށް ޕާލިމަންޓުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެ އެއްބަސްވުން ބަދަލުކޮށްގެން ވޯޓަކަށް ދާން މިހާރު ވަގުތު ނެތް ކަމަށާއި، ކުރު މުއްދަތަކަށް ނަމަވެސް އިޔޫން ވަކިވާ ތާރީހު ފަސްކުރަންޖެހޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެ ގޮތުން، ޖޫން 30 އާހަމައަށް އެ ތާރީހު ފަސްކުރަން މޭ ވިސްނަވާކަމަށް ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން، އީޔޫގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށްފަހު، އަޔަލަންޑުގެ ބޯޑަރުގައި ގާއިމުކުރާ ކަސްޓަމްސް ޕޯސްޓް ދާއިމީ ނުވާނެގޮތަށް، ގާނޫނީ ބާރުލިބޭ ކަރުދާހެއް އެއްބަސްވުމުގެ ތެރޭގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ގިނަ މެމްބަރުން ވިދާޅުވަނީ އެކަމާއި ގުޅޭގޮތުން އީޔޫ އިން މާބޮޑު ދޫތަކެއް ދީފައިނުވާކަމަށާއި، އިތުރު ގާނޫނީ ބާރުވެރިކަމުގެ ކަރުދާސް އެކަށީގެންނުވާ ކަމަށެވެ.

ބްރެކްސިޓް ފަސްކުރުމަކީ އީޔޫގެ ހުރިހާ މެމްބަރު ގައުމުތައް ތަމްސީލުކުރާ ކައުންސިލުން ނިންމަންޖެހޭ ނިންމުމެކެވެ. ޔޫރަޕިއަން ކައުންސިލް ބައްދަލުވުމެއް އެންމެ އަވަހަށްވެސް ތާވަލު ކުރެވިފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ. ނަމަވެސް، ޔޫރަޕިއަން ޕާލިމަންޓް އިންތިހާބާއި ހަމައަށް އީޔޫން ވަކިނުވެ، އިނގިރޭސިވިލާތް ދެމިއޮވެއްޖެނަމަ، އެ އިންތިހާބުގައި ބައިވެރިވާންޖެހޭނެކަމަށް އީޔޫން ވަނީ ބުނެފަ އެވެ.