ހަބަރު

މެޖޯރިޓީ ނުލިބިއްޖެނަމަ ދަތުރު ހިތިވާނެ: ނަޝީދު

Mar 20, 2019
10

އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ނުލިބިއްޖެނަމަ ރައްޔިތުން ކުރަންޖެހޭ ދަތުރު މާ ހިތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރ. އިނގުރައިދޫ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިންގައި އެއަތޮޅު އިންނަމާދޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ނުލިބިއްޖެނަމަ ރާއްޖެ އަނެއްކާވެސް މިސްރާބު ޖަހާނީ ބަޣާވާތަކާއި ދިމާލަށް ކަމަށެވެ. އެކަމާމެދު ޝައްކެއްނެތް ކަމަށެވެ.

އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ނުލިބިއްޖެނަމަ ވެގެންދާނެ ގޮތްވެސް ނަޝީދު ވަނީި ވިދާޅުވެދެއްވާފަ އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ ވަޒީރުންގެ އިތުބާރުނެތްކަމަށް ވޯޓް ނެގުން ކަމަށެވެ.

"ވަޒީރުންގެ އިތުބާރުނެއްކަމުގެ ވޯޓް ލުމަށްފަހުގައި ދެން މުސްތަގިއްލު މުއައްސަސާތަކުން، އެއީ އިލެކްޝަންސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ޖުޑީޝަލް ސާވިސް ކޮމިޝަން، ފުލުހުންގެ އިދާރާ އަދި އެހެންވެސް ތަންތަނުން ސަރުކާރުގެ މައްޗަށް އޮންނަ އިތުބާރު ގެއްލެނީ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީއެއް ނެތުނީމާ، ސަރުކާރުގެ އިތުބާރު ގެއްލުނީމާ ފަނޑިޔާރު ގެތަކުން ހުކުމްތައް ނެރެނީ ސިޔާސީ ކުލަވަރާ އެކީގައި، އެހުކުމްތަކާއެކުގައި ފުލުހުންނާއި ސިފައިންގެ އިތުބާރު ސަރުކާރަށް ގެއްލިގެންދަނީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އަބަދުވެސް ބަޣާވާތައް ފަރިތަ ބޭފުޅުން ތިއްބަވާ ކަމަށެވެ. އެބޭފުޅުން ނިކުންނަވައި ރިޝްވަތުގެ ހުތުރު ފައިސާ އެކިއެކި ބޭފުޅުންނަށް ދީގެން ބަޣާވާތް ރާއްޖޭގައި ކުރަމުންދާ ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ރައްޔިތުން އެދެނު ބަދަލުތަކާއި ތަރައްގީއިން މަހުރޫމްވެގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު ދެކިފައިހުރި ތަނެއް، އަޅުގަނޑަށް އިނގޭ ބަޣާވާތް އުފެދިގެން އަންނަ ގޮތް، އަޅުގަނޑަށް އިނގޭ ބަޣާވާތުން ވެރިކަން ވައްޓާލީމައި ވާގޮތް، އަޅުގަނޑަށް އިނގޭ ބަޣާވާތުގެ ދުވަހުގައި ވާގޮތް، އަޅުގަނޑަށް އިނގޭ އޭގެ ފަހުން އަޅުގަނޑުމެންނަށް ތާއީދުކުރާ ބޭފުޅުންނަށް އަޅުގަނޑުމެންގެ ސަރުކާރުގައި ތިއްބަވާ ބޭފުޅުންނަށް ވެގެންދާގޮތް،" ނަޝީދު ވިދާޅުވި އެވެ.

"އާދޭހާއެކު ދަންނަވަން، އެމްޑީޕީ ކެނޑިޑޭޓުންނާއެކު މަސައްކަތް ކުރުމަށް ވަޑައިގަންނަވާ، ވަޑައިނުގެންފިނަމަ ދާން އޮތްދަތުރު މާ ހިތިވާނެ،"

ނަޝީދު ވިދާޅުވީ، މަޖިލިސް އިންތިހާބަށް އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށާއި އެގޮތުން އަދާލަތު ޕާޓީއާއެކު މަޝްވަރާތައް އަދިވެސް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެމްޑީޕީއާ އަދާލަތާއި މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އަދާލަތު ޕާޓީ އިން ދަނީ އެމްޑީޕީގެ ވަރަށް ގިނަ ކެނޑިޑޭޓުންނަށް ތާއީދު ކުރަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދާލަތު ޕާޓީން އެއްބަސްވެލައްވާ ރައްޔިތުން މަޖިލީހުގައިވެސް ސަރުކާރާއި އެކުގައި އެމްޑީޕީއާއެކުގައި މަސައްކަތް ކުރުމަށް، އަދި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދަތުރުކުރި އިރުވެސް ކުރެއްވިފައިވާ މަސައްކަތް ނަތީޖާ ކޮށްފައި އެވަނީ އެމްޑީޕީ ސަރުކާރެއް އެކުލަވާލުމަށް، ސަރުކާރުގެ މަގާމުތަކާއި މަސްއޫލިއްޔަތުތައް އެއޮތްގޮތަށް އޮންނާނެ، ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އިނގުރައިދޫ ގޮނޑި ކާމިޔާބު ކުރާނެ، ކާމިޔާބު ކުރާއިރުގައި އަދާލަތު ޕާޓީއަކާ ދުރެއް ނުވާނެ،"

ނަޝީދު އިތުރަށް ވިދާޅުވީ، އެޖެންޑާ 19 އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދަން އެކުލަވާލާފައިވާ ވަސީލަތެއް ކަމަށާއި އެޖެންޑާ 19 އަކީ ތަރައްގީގެ ވަސީލަތެއް ކަމަށެވެ. އެޖެންޑާ 19ގެ ކަންކަމަކީ އަކުރުން އަކުރަށް ރަނުން ރަނަށް ފުއްދާނެ ކަންކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.