ދުނިޔެ

އިޔޫން ވަކިވާ ތާރީހު ޖޫން 30 އަށް އިތުރުކޮށްދޭން އެދިއްޖެ

Mar 21, 2019

ލަންޑަން (މާޗް 21) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވާ ތާރީހު ޖޫން 30 އާހަމައަށް އިތުރުކޮށްދިނުމަށް އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ރަސްމީކޮށް އެދިވަޑައިގެންފި އެވެ.

އީޔޫން ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހެއްޅުއްވި އެއްބަސްވުމަށް ދެވަނަ ފަހަރަށް ނޫނެކޭ ބުނުމަށްފަހު، މާޗް 29 ގައި އީޔޫން ވަކިވާއިރު، އެއްވެސް އެއްބަސްވުމެއްނެތި ވަކިނުވުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ގަރާރު އިނގިރޭސި ޕާލިމަންޓުން ވަނީ ފާސްވެފަ އެވެ.

ތިން ވަނަ ފަހަރަށް ވޯޓަކަށް ދިޔުމަށް މޭ ގެންގުޅުއްވި ވިސްނުންފުޅު، ޕާލިމަންޓުގެ ރައީސް ވަނީ ހުއްޓުވައިފަ އެވެ. ތިން ވަނަ ފަހަރަކަށް ވޯޓަށް އެހޭނީ އެ އެއްބަސްވުން ބަދަލުކޮށްގެން ކަމަށް ޕާލިމަންޓުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

ތާރީހު ފަސްކުރަން އެދުމަށްފަހު، އެކަމާއި ގުޅޭ ބަހުސެއް ތާވަލުކުރުމަށްފަހު ޕާލިމަންޓުގައި މޭ ވިދާޅުވީ، އީޔޫން އިން ވަކިވުމުގެ ބަހުސް ދިގުލައިގެން ގޮސް ރައްޔިތުން މިހާރު ފޫހިވެއްޖެ ކަމަށެވެ. އަދި އެއްވެސް އެއްބަސްވުމެއް ނެތި ވަކިވުމުގެ ހާލަތެއް މެދުވެރިވެ ނުދިނުމަށް، ޕާލިމަންޓުގެ ހުރިހާ މެމްބަރުން އެ އެއްބަސްވުމަށް ތާއީދުކޮށްދިނުމަށް މޭ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ، އީޔޫ އާއެކު މަޝްވަރާކުރެވިގެން އެކުލަވާލެވުނު އެއްބަސްވުމަށް ތާއީދުކުރެވޭނެ މަގެއް ހުރިހާ މެމްބަރުން ވެގެން ހޯއްދަވައިގެން ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރާ ނަތީޖާއެއް ނެރުއްވާނެކަމަށް. ނަމަވެސް، ޖޫން 30 އަށް ވުރެ އިތުރަށް އީޔޫން ވަކިވުން ފަސްނުކުރެވޭނެ ވާހަކަ ދަންނަވަން،" ޕާލިމަންޓުގައި މޭ ވިދާޅުވެފައިވެ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން، އީޔޫގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށްފަހު، އަޔަލަންޑުގެ ބޯޑަރުގައި ގާއިމުކުރާ ކަސްޓަމްސް ޕޯސްޓް ދާއިމީ ނުވާނެގޮތަށް، ގާނޫނީ ބާރުލިބޭ ކަރުދާހެއް އެއްބަސްވުމުގެ ތެރޭގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ގިނަ މެމްބަރުން ވިދާޅުވަނީ އެކަމާއި ގުޅޭގޮތުން އީޔޫ އިން މާބޮޑު ދޫތަކެއް ދީފައިނުވާކަމަށާއި، އިތުރު ގާނޫނީ ބާރުވެރިކަމުގެ ކަރުދާސް އެކަށީގެންނުވާ ކަމަށެވެ.

ބްރެކްސިޓް ފަސްކުރުމަކީ އީޔޫގެ ހުރިހާ މެމްބަރު ގައުމުތައް ތަމްސީލުކުރާ ކައުންސިލުން ނިންމަންޖެހޭ ނިންމުމެކެވެ. ޔޫރަޕިއަން ކައުންސިލް ބައްދަލުވުމެއް އެންމެ އަވަހަށްވެސް ތާވަލު ކުރެވިފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ. ނަމަވެސް، ޔޫރަޕިއަން ޕާލިމަންޓް އިންތިހާބާއި ހަމައަށް އީޔޫން ވަކިނުވެ، އިނގިރޭސިވިލާތް ދެމިއޮވެއްޖެނަމަ، އެ އިންތިހާބުގައި ބައިވެރިވާންޖެހޭނެކަމަށް އީޔޫން ވަނީ ބުނެފަ އެވެ.