ހަބަރު

ކެންސަރާ ދެކޮޅު ވެކްސިނެއް ރާއްޖެއަށް ތައާރަފު ކޮށްފި

ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވެވޭ ފަދަ އާ ވެކްސިން އެއް ރާއްޖޭގައި ތައާރަފުކޮށް ޖަހަން ފަށައިފި އެވެ. ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ދޭން ފެށުމަށް ތާޖުއްދީން ސްކޫލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވީ، ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޗްޕީވީ ވެކްސިން ރާއްޖެއަށް ތައާރަފު ކުރެވުމަކީ މުހިއްމު ކަމެއް ކަމަށެވެ. ރާއްޖެއަށް މި ވެކްސިން ތައާރަފު ކުރެވިފައިވާއިރު ރާއްޖޭގައި ކެންސަރު ބަލި އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ވެކްސިން ޖެހުމުގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ކެންސަރުން ސަލާމަތް ވެފައިވާ ބަޔަކަށް ވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ވެކްސިނަކީ ހިއުމަން ޕެޕިލޯމާ ވައިރަހުން ސަލާމަތް ވުމަށްޓަކައި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ޖަހާ ވެކްސިނެކެވެ. މި ވައިރަސްގެ ސަބަބުން ޖެހޭ ކެންސަރުތަކުގެ ތެރޭގައި، އަނގައިގެ ކެންސަރާއި، ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުތައް ހިމެނެ އެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އަންހެނުންނަށް އެންމެ ގިނައިން ޖެހެނީ ރަހިމުގެ ދޮރަށް ޖެހޭ (ސަވައިކަލް) ކެންސަރެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ވާހަކަފުޅު ދެއްކެވި އެވެ.

އޭނާ ވިދާޅުވީ މިއީ ޅައުމުރު ފުރައިގެ އަންހެން ކުދިންނަށް ޖެހޭ ގިނަ ބަލިތަކުން ރައްކާތެރިވުމަށް ދެވޭ މުހިއްމު ވެކްސިނެއް ކަމަށާއި މިއިން ސަވައިކަލް ކެންސަރުން ޅަ އަންހެން ކުދިން ސަލާމަތްކޮށްދޭނެ ކަމަށެވެ.

އަދި ވިދާޅުވީ، ސިއްހަތު ރަނގަޅު ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ބަލިތަކަށް ބޭސް ކެއުމުގެ ބަދަލުގައި ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅު ކުރުން ކަމަށާއި އެގޮތުން، ރަނގަޅު ކާނާ ކެއުމާއި ކަސްރަތުގެ މުހިއްމު ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެޗްޕީވީ ވެކްސިން ދޭން ނިންމާފައިވަނީ އުމުރުން 10 އަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.

މި ވެކްސިން ރާއްޖެއަށް ތައާރަފުކޮށް މިއަދު ވަނީ ތިން ކުއްޖަކަށް ވެކްސިން ޖަހާފަ އެވެ. މި ކެމްޕެއިންގައި ޖަހާނީ ސާވަރިކްސް ބްރޭންޑުގެ ވެކްސިނެވެ. ފުރަތަމަ ޑޯޒު ޖެހުމަށްފަހު ދެ ވަނަ ޑޯޒު ޖަހާނީ ހަ މަސް ފަހުންނެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެއް ކަމަށްވާ ސަވައިކަލް ކެންސަަރުން ރައްކާތެރިވުމަށް އެޗްޕީވީ ވެކްސިން ތައާރަފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެެކެވެ.