ބޮލީވުޑް

ޕްރިޔަންކާއަށް ބަންސާލީގެ ފިލްމެއް

ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަށް ބަންސާލީގެ ފިލްމެއް ހުށަހަޅައިފި އެވެ.

ބޮލީވުޑްގެ އެެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި، ޕްރިޔަންކާ ޗޯޕްރާއަށް ވަނީ ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމެއް ހުށަހަޅާފަ އެވެ. ފިލްމު "ޕަދްމާވަތު" އަށްފަހު ޕްރިޔަންކާއަށް މި ފިލްމު ހުށަހެޅީ ބަންސާލީ މި އަހަރު އެހެން ފިލްމެއްގެ މަސައްކަތަށްވެސް ތައްޔާރު ވަމުން ދަނިކޮށެވެ. ސަލްމާން ޚާނާއި އާލިއާ ބަޓް ހިމަނައިގެން ހަދާ ފިލްމު "އިންޝާﷲ"ގެ ތައްޔާރީތައް މިހާރު އަންނަނީ ކުރަމުންނެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއްގައި ބަންސާލީ ބުނީ ޕްރިޔަންކާ އަށް ހުށަހަޅާފައި ވަނީ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެއް ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި، ޕްރިޔަންކާ އަށް ހުށަހެޅި ފިލްމަށް ކިޔަނީ "ގަންގުބާއި" އެވެ. އެ ފިލްމަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ހިންދީ ކްލަސިކް ލަވަކިޔުންތެރިޔާ ގަންގުބާއީ ހަންގަލްގެ ވާހަކަ ކިޔައިދޭ ފިލްމެެއް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ޕްރިޔަންކާ އަށް ހުށަހެޅީ މި ފިލްމުކަމެއް ބަންސާލީ އަދި ޔަގީންކޮށްދީފަ އެއް ނުވެ އެވެ. "ގަންގުބާއީ" އަކީވެސް ބަންސާލީ އުފައްދަން ހަމަޖެހިފައިވާ ފިލްމެކެވެ.

ބަންސާލީއާ އެކު މީގެ ކުރިން ޕްރިޔަންކާ ވަނީ ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ އޭނާ ސަޕޯޓިން ރޯލެއް ކުޅުނު 2015 ގެ "ބަޖިރާއޯ މަސްތާނީ" އާއި އައިޓަމް ލަވައެއް ކުޅުނު 2013 ގެ "ރާމް-ލީލާ" އެވެ.