ލައިފްސްޓައިލް

ގަދަ ވަހާއި ރަހައި ލޮނުމެދު: އެތައް ފައިދާއެއް!

ލޮނުމެދަކީ ގަދަ ވަހަކާއި ގަދަ ރަހަ އެއް ހުންނަ އެއްޗެކެވެ. ކައްކާއިރު ލޮނުމެދު ކުޑަކޮށް ކޮށާފައި އެޅުމުން ވެސް ތައްޔާރު ކުރާ ކެއުމުގެ ރަހަ މުޅިހެން ބަދަލު ކޮށްލައި ދެއެވެ. ބައެއް މީހުންނަށް ލޮނުމެދުގެ ރަހަ ވަރަށް ކަމުދާއިރު، ބަދިގޭގައި އެއްގޮތަކަށް ވެސް ލޮނުމެދު ބޭނުން ނުކުރާ މީހުން ވެސް އުޅެ އެވެ. ލޮނުމެދުގެ ރަހައިން ކެއުމުގެ ރަހަ މުޅިން ބަދަލުކޮށްދޭ ފަދައިން މިއިން ތަފާތު އެހެން ފައިދާ ތަކެއްވެސް ލިބިދެ އެވެ. އެންމެ ލޮނުމެދަކުން ވެސް އެތައް ފައިދާ އެއް ލިބިދެ އެވެ.

އިސްތަށިގަނޑާއި ހަމަށް ފަރުވާއެއް

ލޮނުމެދާއެކު ކާށިތެޔޮ ނުވަތަ އާމަންޑް ތެޔޮ ފަދަ ގުދުރަތީ ތެލެއް އެއްކޮށް މަޑުގިނީގައި ކުޑަކޮށް ކެއްކުމަށްފަހު ތަލައިގައި އުނގުޅާށެވެ. ތެލާ އެއްކޮށްފައި ހުރި ލޮނުމެދު އިސްތަށިގަނޑުގެ ބުޑުގައި އުނގުޅުމުން ލޮނުމެދުގައި ހިމެނޭ އެންޓިއިންފްލެމޭޓަރީ އަދި އެންޓިބެކްޓީރިއަލް މާއްދާތައް ތަކުގެ ސަބަބުން، ހަންފޮޅުމާއި އިސްތަށި ފޭބުން ފަދަ ކަންކަމުން ދުރުވެ ބޮލަށް ފަސޭހަ ކޮށްދޭނެ އެވެ.

ގޭގައި ތައްޔާރުކޮށްލެވޭ ގުދުރަތީ ރެމެޑީއިން ފުރަތަމަ ދުވަހު ނަތީޖާ ނުފެނުނު ކަމުގައި ވިޔަސް ގަވައިދުން ބޭނުން ކުރުމުން އިސްތަށިގަނޑު ވަރުގަދަވާތަން ފެންނާނެ ކަމަށް ލޮނުމެދާ ބެހޭ ދިރާސާތައް ކޮށްފައިވާ މީހުން ބުނެ އެވެ. ލޮނުމެދު ބޮލުގައި އުނގުޅުމުން އޭގެ ގަދަ ވަސް ފިލުވަން އުނދަގޫވާ ކަމުގައި ވާނަމަ، ލޮނުމެދު މަދުކޮށް، ތެޔޮ ގިނަ ކުރުންވެސް އެއީ ގޮތެކެވެ.

މޫނު ސާފުކޮށް ޖަރާސީމުތައް ނައްތާލުމަށް ލޮނުމެދު ކުދިކޮށް ގާނާފައި މާމުއި އާއެއްކޮށް މާސްކެއް ވެސް ހަދާލެވިދާނެ އެވެ. މާމުއި އަކީ ގުދުރަތީ އެތައް ފައިދާތަކެއް ލިބިދޭ، ވަރުގަދަ އެއްޗެއް ކަމުން މާސްކުގެ ފައިދާ ދެގުނަ ވާނެ އެވެ.

ރޯގާ އަދި ކެއްސުމުން ދުރުވުމަށް

އިނގުރު ފަދައިން ލޮނުމެދަކީ ވެސް ރޯގާ އާއި ކެއްސުމަށް ޝިފާ އެކެވެ. ލޮނުމެދު ސައި މިއީ މިކަމުގެ ހައްލެވެ. ލޮނުމެދާއެކު، އިނގުރު، ތާފެނާފެން އަދި މާމުއި އެއްކޮށް ގިރައިގެން ބުއިމުން ކެއްސުންގަނޑު ފަސޭހަ ވާނެ އެވެ. ލޮނުމެދުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުން ބަައްޔަށް ފަރުވާ ކޮށްދިނުމުގެ އިތުރުން، މީގެން ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދެ އެވެ.

މީގެ އިތުރުން ވެސް، ލޮނުމެދު މާމުއާއެއްކޮށްފައި އެއްދުވަސް ވަންދެން ބެހެއްޓުމަށްފަހު ކެއުމަކީވެސް ގޮތެކެވެ. މާމުއި ފުޅިއަކަށް ލޮނުމެދު އަޅާފައި ދުވަހެއް ވަންދެން ބެހެއްޓުމުން އޭގައި ހިމެނޭ ވަސް ކޮންމެވެސް ވަރަކަށް މަޑުވެ، މުޅިން ތަފާތު ރަހައެއް ލާނެ އެވެ. ރޯގާ ޖެހި ކާ އެއްޗެހިން ރަހަ ނުލައިގެން އުޅޭ އިރު މިފަދަ ލުއި އެއްޗެއްގެ އަޖުމަ ބަލާލާށެވެ.

މަދިރިބޭހަކަށްވެސް ބޭނުން ކުރެވިދާނެ

ގާޑަން ޕެސްޓު ނުވަތަ ބަގީޗާތަކުގައި ހުންނަ ކުދި ޖަނަވާރާއި ސޫފާސޫފި ދުރުކުރުމަށްވެސް ބައެއް މީހުން ލޮނުމެދުގެ ބޭނުން ކުރެ އެވެ. ފެނާއި، ދިޔާ ސައިބޯނި އަދި ލޮނުމެދު އެއްކޮށް މަތިނުޖަހާ ހުރި އެއްޗެއްގައި ބެހެއްޓުމުން އޭގެ ވަހަށް، ދުރުވާނެ ކަމަށް ބުނެ އެވެ. ހަމަ މިފަދަ ގޮތަކަށް، ލޮނުމެދާއި ލުނބޯ ހުތްކޮޅެއް އެއްކޮށް މަދިރިބޭހަކަށްވެސް ބޭނުން ކުރެ އެވެ.